ފެނަކައިއގެ ދަރަނީގެ މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ކޮންޓްރެކްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ދައުރު ފޮޓޯ/ ހުސެއިން ސުނޭން
ފެނަކައިން ފައިސާ ނުލިބޭތީ 19 ކޮންޓްރެކްޓަރަކު ކަންބޮޑުވުން ފާޅުކޮށް ބޮޑެތި ޝަކުވާތަކެއް ކޮށްފި
ފެނަކައިން އެކި މަސައްކަތްތައް ހަވާލުކުރި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭތީ އޭގެ ތެރެއިން 19 ކޮންޓްރެކްޓަރަކު މިއަދު ކަންބޮޑުވުން ފާޅުކޮށް ޝަކުވާކޮށްފި އެވެ. އެ މީހުން ބުނާ ގޮތުގައި ނުލިބި ހުރި ފައިސާގެ މިންވަރު 200 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ.
ވީ ކިހިނެއް؟ - ފެނަކައިން ފައިސާ ނުލިބޭތީ 19 ކޮންޓްރެކްޓަރަކު މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. ސަމާ ރެސްޓޯރެންޓެއްގައި އޮތް އެ ބައްދަލުވުމުގައި އެމީހުންގެ ކަންބޮޑުވުންތައް ހާމަކުރީ ގާނޫނީ ވަކީލުން ވެސް ބައިވެރިކޮށްގެންނެވެ.
ތަފްސީލު - މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބައެއް ކޮންޓްރެކްޓަރުންގެ ވަކީލު މުހައްމަދު ޝަހުނީމް ވިދާޅުވީ ފެނަކައިން އެ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެނީ ގަސްދުގައި ކަމަށެވެ. އެ އަމަލް އޭނާ ސިފަކުރެއްވީ 'ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޕޮންޒީ ސްކޭމް'ގެ ގޮތުގަ އެވެ.
ޝަހުނީމް ވިދާޅުވީ ފެނަކައިން ފައިސާ ނުދިނުމުން ކޯޓަށް މައްސަލަ ހުށައަޅައިގެން ކުރާ ހުކުމްތަކަށް ވެސް ފެނަކައިން އެއްބަސްނުވާ ކަމަށެވެ.
"މިއީ ސައުތު އޭޝިޔާގެ ތާރީހުގައި ވެސް ނުހިންގާ ވަރުގެ ޕޮންޒީ ސްކީމެކޭ އަޅުގަނޑު މި ދަންނަވަނީ ފެނަކަ ކޯޕަރޭޝަނުން ހިންގީ،" ޝަހުނީމް ވިދާޅުވި އެވެ.
އޭނާ ވަނީ ފެނަކައިން ފައިސާ ނުދޭން ކުރާ ބައެއް ކަންކަން ވެސް މީޑިއާއާ ހިއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި:
-
ވާހަކަ ދައްކައިގެން، ސިޓީ ފޮނުވައިގެން އަދި އީމެއިލުން ވެސް ޖަވާބެއް ނުދޭ
-
ފައިސާ ހޯދަން ކޯޓަށް ހުށަހެޅުމުން ޖަވާބުދާރީވާން ކޯޓުން އެދުމުން ދެނީ ބީރުކަންފަތެއް
-
މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރެއްނުވޭ
ޝަހުނީމް ވިދާޅުވީ މައްސަލައިގައި ޖަވާބުދާރީވާން އެދުމުން ފެނަކައިން ބީރު ކަންފަތެއް ދިން ނަމަވެސް މައްސަލައިގެ ހުކުމް ރިވިއުކުރަން ހުޅުވާލުމުން ފުރިހަމަ އެއްބާރުލުން އެ ކުންފުނިން ދޭ ކަމަށެވެ. އެކަމުން އެނގެނީ، އޭނާ ވިދާޅުވި ގޮތުގައި، ފައިސާ ނުދީ ހިފަހައްޓަނީ ގަސްތުގައި ކަމެވެ.
"ހަގީގަތަކީ ކޯޓުގެ ޕްރޮސެސް ހިނގުމަށް އެ އޮންނަ އިޖުރާއަތު ވެސް އެބިއުސް ކޮށްގެން އެބޭފުޅުން އެބަލަނީ މި ބޭފުޅުން [ކޮންޓްރެކްޓަރުން] ފިއްތާލަން،" ޝަހުނީމް ވިދާޅުވި އެވެ.
ކަންބޮޑުވުން ފާޅުކުރި 19 ކޮންޓްރެކްޓަރުންނަށް ލިބެން ޖެހޭ 200 މިލިއަން ރުފިޔާގެ ބައެއް ބިލްތަކަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް، އެ ފަރާތްތަކުން ބުނެ އެވެ.
ނޫސްވެރިންގެ ބައްދަަލުވުމުގައި ބައިވެރިވި އިކުއިވީ އިންވެސްޓްމެންޓުގެ ވެރިފަރާތް، ޝިމްހާދު ވަހީދު ވިދާޅުވީ އެ ކުންފުންޏަށް އެކަނި ވެސް ފެނަކައިން 20 މިލިއަން ރުފިޔާ އަށް ދަރާފައިވާ ކަމަށެވެ.
ގދ. ގެމަނަފުށީގެ އިންޖީނުގެ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވި އިރު އެތަން ހަދައިގެން އޭނާގެ ކުންފުންޏަށް ފެނަކައިގެ ސަބަބުން ލިބުނީ ބޮޑު ގެއްލުމެއް ކަމަށް ޝިމްހާދު ވިދާޅުވި އެވެ.
"[ގެމަނަފުށި އިންޖީނުގެ އަޅައިދިން] ކޮންޓްރެކްޓަރުން ތިބީ މަގުމަތީގައި. އަޅުގަނޑުމެން 100 ލޭބަރުން ގެންގުނު ކުންފުނި މިހާރު ކުޑަކުރަން ޖެހުނީ 20 ލޭބަރުންނަށް،" އޭނާ ވިދާޅުވި އެވެ.
ޝިމްހާދުގެ އިތުރުން ފެނަކައިގެ މަސައްކަތް ކުރި އެހެން ކޮންޓްރެކްޓަރަކު ވިދާޅުވީ ފެނަކައިން މަސައްކަތް ކޮށްފައި ފައިސާ ނުދިނުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އޭގެ ތެރޭގައި:
-
ޖީއެސްޓީ އާއި އިންކަމ ޓެކްސް ނުދެއްކުމުގެ ސަބަބުން މީރާގެ ޖޫރިމަނާ
-
އިތުރު ޕްރޮޖެކްޓަކަށް ކުރިމަތިލާ އިރު ބޭނުންވާ ޓެކްސް ކްލިއަރެންސް ރިޕޯޓް ނުލިބުން
-
ފެނަކައިން ފައިސާ ނުދޭ މައްސަލަ ކޯޓަށް ހުށަހެޅުމުން، ފެނަކައިން ކޮންޓްރެކްޓަރުން ބްލެކް ލިސްޓް ކުރުން
ފެނަކައިގެ ބަހެއް އަދި ނެތް
ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރެކްޓަރުން ކުރި ޝަކުވާތަކާއި ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ފެނަކައިން އަދި ވާހަކައެއް ނުދައްކަ އެވެ.
ފާހަގަކޮށްލެވޭ: ފެނަކައިގެ ދަރަނީގެ މިންވަރު ދެ ބިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓަޒައިޝަން ބޯޑް (ޕީސީބީ)ގެ ރިޕޯޓުތަކުން ދައްކަ އެވެ.
ކޮމެންޓް (1)
ސެމްބެ