7 ފެބްރުއަރީ 2023 - ޕީޕިއެމް-ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/މަޖިލިސް)
ފެނަކަ ދަރަނީގެ ކުއްލި މައްސަލަ ބޭރުކޮށްލުމުން ގަރާރެއް
ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ދިގުލައިގެންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން، ފެނަކައިގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތްތައް ހޯދުމަށް ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ގޮވާލައި ގަރާރެއް މިއަދު މަޖިިލީހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ ފެނަކަ އިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ފަހު މާލެ އާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ދަރާފައިވާއިރު، އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބުނެ ފުރަތަމަ މަޖިލީހަށް ހުށަހެޅީ ކުއްލި މައްސަލައެކެވެ.
މިދިޔަ އަންގާރަ ދުވަހު ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ ކުއްލި މައްސަލަ އާއިމެދު ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބަހުސްކުރަން ފުރުސަތު ނުދީ ވަނީ ބޭރުކޮށްލާފަ އެވެ.
އެ މައްސަލައިގެ ގަރާރެއް މެމްބަރު އާދަމް ޝަރީފް މިއަދު ވަނީ މަޖިލީހަށް ވައްދާފަ އެވެ.
ތަފްސީލް - މިއަދު ގަރާރު ހުށަހަޅާފައިވަނީ ފެނަކައިގެ ދަރަނި ބޮޑުވަމުންދާ ސަބަބާއި އެކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށް ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ގޮވާލައެވެ.
ގަރާރުގައިި ގޮވާލާފައިވަނީ:
-
ފެނަކައިގެ މެނޭޖުމަންޓް އޮޑިޓެއް ހެދުމަށް
-
ފައިނޭންޝަލް އޮޑިޓެއް ހެދުމަށް
-
ކައިރި މުސްތަގުބޮލެއްގައި ފެނަކައިގެ ދަރަނިތައް އަދާކުރެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް
-
ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ބަލެމަށް
ގަރާރުގައި އިތުރަށް ބުނެފައިވަނީ ފެނަކައިން ދަރާފައިވާ ވިޔަފާރިތަކާއި ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބި އޮއްވައި މިދައުރު ނިމިއްޖެނަމަ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް އެ ވިޔަފާރީތަކަށް ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.