ނަޝީދާއި ގާސިމް މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ޖޭޕީ)

ޑިމޮކްރެޓްސްއިން ވާދަނުކޮށް، ގާސިމް ފަހަތަށް އަރަން މަޝްވަރާއަށް

މީގެ ކުރިން ވެސް ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނުން ޖޭޕީއާ ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ފެށި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކޮށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަހަތަށް އެރުމަށް ދެ ފަރާތުން މަޝްވަރާތައް ފަށާފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ނަމަވެސް، ޑިމޮކްރެޓްސް އިން ޖުމްހޫރީ ޕާޓީ އެކު މަޝްވަރާ ކުރަން ފަށާފައި ވަނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ގާސިމަށް ތާއީދު ކުރާ ގޮތަށެވެ.

ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ދެ ޕާޓީން މި ގޮތަށް މަޝްވަރާ ކުރަން ފެށީ، ސިޔާސީ މަސްރަހުގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ދެ ފަރާތުން އެކުގައި މަސައްކަތްކޮށްފި ނަމަ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކުރުމަށް ފަސޭހަ ވާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.

ބެލެވޭ ގޮތުގައި މިއަދު ނުވަތަ މާދަމާ މިކަމާ ގުޅޭ ގޮތުން ގޮތެއް ނިންމައި އިއުލާނ ުކުރާނެ އެވެ.

މި މަޝްވަރާތައް ފެށިއިރު، ޑިމޮކްރެޓްސް އިން މިއަދު ވެސް ބައެއް ރަށްތަކަށް ގޮސް، އިލްޔާސަށް ތާއީދު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން ޑިމޮކްރެޓްސްއާ ސުވާލުކުރުމުން އަދި ޖަވާބެއް ނުލިބެ އެވެ. ނަމަވެސް، މި މަޝްވަރާތައް ކުރިއަށްދާކަން ޖޭޕީގެ ބައެއް މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދެ އެެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނަޝީދު ޑިމޮކްރެޓްސް ހެދުމުގެ ކުރިން، އެ މަނިކުފާނުގެ 'ފިކުރެއްގެ ދިރުން' ފެކްޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ނިންމައި މެނިފެސްޓޯ އެކުލަވާލަން މަޝްވަރާތައް ކުރި އެވެ. ނަމަވެސް، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރަން ނަޝީދު ހުށަހެޅުއްވި ހުށަހެޅުމަށް ގާސިމްގެ ތާއީދު ނުލިބި، އެ މަޝްވަރާތައް މަޑު ޖެހުނެވެ.

އޭގެ އިތުރުން، އޭގެ ފަހުން ވެސް އެމްއެންޕީ ހިމެނޭ ގޮތަށް ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ތިން ޕާޓީން މަޝްވަރާ ކުރި އެވެ. އޭރު ތިން ޕާޓީން އެއްބަސްވީ، އެމްއާރުއެމް އާއި ޕީޕިއެމް އިން އެގޮތަށް އެއްބަސްވާ ނަމަ، އެއް ކެންޑިޑޭޓަކު ނެރުމަށެވެ.

ނަމަވެސް، އެ ކަމާ ބެހޭ މަޝްވަރާތައް ފަހުން ނުހިނގަ އެވެ.

ކޮމެންޓް (1)

ނަވާޒު

5 އޯގަސްޓު 2023
ޕުލޭނެއް ހަދާނެ ނުހަދާނެ އެއްޗެއް ނޭންގިގެން އުޅޭ ބައެއް.. ހަމަ ތެޅިފޮޅެނީ..
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް