ނަޝީދުގެ ފެކްޝަނުން ޖޭޕީއާ އެކު މިރޭ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުން. (ފޮޓޯ/ ޖޭޕީ
ނަޝީދުގެ ފެކްޝަނުން ޖޭޕީއާ ގުޅިއްޖެ؛ މެނިފެސްޓޯއެއް އެކުލަވާލަނީ
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅެން ނިންމައި ދެ ފަރާތުން ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް މިރޭ ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވިޔަސް، އެމްޑީޕީގެ ޓިކެޓް ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ދެކޮޅު ހައްދަވާފައިވާ ނަޝީދުގެ މަންދޫބުން މިރޭ ވަނީ، ޖުމްހޫރީ ޕާޓީއާ އެކު އެ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި ބައްދަލުކުރައްވާފަ އެވެ.
-
އިތުރަށް ކިޔާލަން - ނަޝީދުގެ މަންދޫބުން އެމްޑީޕީން ކަމަށް ބުނެ މިރޭ ޖޭޕީއާ ބައްދަލުކުރަނީ
ތަފްސީލް - މި ބައްދަލުވުމުގައި ނަޝީދުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ:
-
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
-
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު
ދެ ވަނަ ދައުރަކަށް ވެސް މި ސަރުކާރުގެ ކޯލިޝަން ދެމެހެއްޓުމަަށް ރައީސް ސޯލިހް ކޯލިޝަންގެ ހުރިހާ ބައިވެރިންނަށް ދައުވަތު ދެއްވާފައި ވަނިކޮށް އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖޭޕީ ތަމްސީލުކުރެއްވީ، އެ ޕާޓީން އިސް އެކި ފަރާތްތަކާ އެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް ނަގާފައިވާ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
-
ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް
-
ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު
-
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ގަޑިއެއް ހާއިރު ހޭދަވި އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، ހަސަން ލަތީފް ވަނީ ރިޔާސީ އިންތިހާބުގައި ދެ ފަރާތުން އެކުގައި މަސައްކަތް ކުރަން ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެން ފަށާފައިވާ މި މަސައްކަތުގައި މި އަންނަ ހަފްތާގައި އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެއީ ރައްޔިތުންނަށް އަޅުގަނޑުމެން ގެންދާނެ ސިޔާސަތުތަކެއް އެކުގައި ކަނޑައެޅުމުގެ މަސައްކަތް. ދެން އެއާ އެކު މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް މިހާރު މި ކުރަނީ،" ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަންގެ އެންމެ އިސް އެއް މެންބަރު ވިދާޅުވި އެވެ.
އެއާ އެކު، ދެ ފަރާތުން ގުޅިގެން މަސައްކަތް ރަސްމީކޮށް ފެށީތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ހަސަން ވިދާޅުވީ، "އެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް" ކަމަށެވެ.
"މިރޭ މި ކުރެވުނު މަޝްވަރާގައި އަޅުގަނޑުމެންނަށް ނިންމުނު އެއް ކަމަކީ އެކުގައި މަސައްކަތް ކުރާއިރު މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރަން ފެށުން،" ހަސަން ވިދާޅުވި އެވެ.
ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ނަޝީދުގެ މަންދޫބުންނާ އެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ދެ ބައި މީހުން ގުޅިގެން އެކީގައި މަސައްކަތް ކުރާ ނަމަ، ރައްޔިތުންގެ އެދުންތަކާއި މަގްސަދުތައް ހާސިލުކުރުމަށް އަޅުގަނޑުމެން ގެންނާނެ ސިޔާސަތުތަކާއި ޕްރޮގްރާމްތަކާ ގުޅޭ ގޮތުން ހިޔާލު ބަދަލު ކުރަމުން މި ދަނީ،" އޭގެ ތަފްސީލުތައް ފަހުން ހާމަކުރައްވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ބައްދަލުވުމަށް ނަޝީދުގެ މަންދޫބުން ވަޑައިގެންނެވީ މިއީ "އެމްޑީޕީގެ ފަރާތުން" ފަށާ މަޝްވަރާތަކެއްގެ ގޮތުގައި ކަމަށް ވިދާޅުވަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ހަސަންް ވިދާޅުވީ، "އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދު" ކަމަށާއި ބައްދަލުވުމުގައި ބައިވެރިވެވަވަޑައިގެންނެވީ އެ މަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އެމްޑީޕީން އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރުމުގެ ބާރު ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސަށް ލިބިގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދު އަބަދުވެސް މަސައްކަތް އެ ކުރައްވަނީ އެމްޑީޕީއަށް އަދި އެމްޑީޕީގެ މެންބަރުންނަށް އެންމެ ފައިދާވާނެ ގޮތެއް ހޯދުމަށް،" ކޯލިޝަން ހެދުމާ ދެކޮޅަށް ޕްރައިމަރީގެ ކެމްޕެއިންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ނަޝީދު ވަކާލާތުކުރެއްވުމަށް ފަހު، ޖޭޕީއާ އެކު މަޝްވަރާތައް ފެއްޓެވީ ކީއްވެގެންތޯ ކުރި ސުވާލުގެ ޖަވާބުގައި ހަސަން ވިދާޅުވި އެވެ.
ދެ ފަރާތުގެ މި ބައްދަލުވުމުގައި، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓަކަށް ނަޝީދުގެ ފަރާތުން ބޭފުޅަކު ހަމަޖެއްސުމަށް ހުށަހަޅުއްވާފައިވާނެތޯ އެހުމުން ހަސަން ވިދާޅުވީ އެފަދަ ހުށަހެޅުމެއް ހުށަހަޅުއްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް، ދެން އަންނަ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
ފައިހާ