ހަސަން ލަތީފް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ނަޝީދުގެ މަންދޫބުން އެމްޑީޕީން ކަމަށް ބުނެ މިރޭ ޖޭޕީއާ ބައްދަލުކުރަނީ

ނަޝީދު ތަމްސީލުކުރައްވަނީ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އަދި އެސްޓީއޯގެ އެމްޑީ އަމްރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ކަނޑައަޅާފައިވާ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު މިރޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޖޭޕީއާ އެކު މިރޭ ބައްދަލުކުރާކަން ހާމަކުރައްވާފައިވަނީ ނަޝީދުގެ 'ފިކުރެއްގެ ދިރުން' ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ތަފްސީލް - އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ ހަސަން ލަތީފްގެ ޓުވީޓުގައި ވިދާޅުވި ގޮތުގައި:

  • އެ ބައްދަލުވުން ބާއްވަނީ ނަޝީދުގެ އެދިވަޑައިގަތުމަކަށް 

  • އެއީ "އެމްޑީޕީގެ ފަރާތުން" ބާއްވާ ބައްދަލުވުމއް

  • އެ ބައްދަލުވުމުގައި އޭނާއާ އެކު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ނަޝީދު ތަމްސީލުކުރައްވާނެ

ހަސަން ލަތީފް 'ދައުރު'އަށް ވިދާޅުވީ މި ބައްދަލުވުން އޮންނާނީ މިރޭ 9:30ގައި ޖޭޕީގެ މައި އޮފީސް، މ. ކުނޫޒުގައި ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައީސް ނަޝީދުގެ ދައުވަތަަަކަށް މިދިޔަ ފެބްރުއަރީ ތެރޭގައި ވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާ އެކު ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މަޖިލީހުގެ އިދާރާގައި ކުރިއަށްދިޔަ އެބައްދަލުވުމުގައި ހުދު ނަޝީދު ބައިވެރިވެވަޑައިގެތެވެ. އެކަމަކު އެބައްދަލުވުމުގައި މަޝްވްރާ ކުރެވުނު ކަންކަންކަމެއް ދެ ބޭފުޅުންގެ ފަރާތުން ވެސް ހާމަކޮށްފަ އެއް ނުވެ އެވެ.

އެނގުން މުހިންމު - ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރެއްވި ނަމަވެސް، ރައީސް ސޯލިހްގެ ފަހަތްޕުޅަށް އެރުއްވުމުގެ ބަދަލުގައި ނަޝީދު ގެންދަވަނީ އެ މަނިކުފާނުގެ 'ފިކުރެއްގެ ދިރުން' ހަރަކާތަށް 50،000 މެންބަރުން ހަމަކުރެއްވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ފަހުން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

އަންނަ 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ މިހާރު ވެސް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަދި ކުރިން އިދިކޮޅުގައި މަސައްކަތްކުރި އެމްޑީއޭ އިން އެކަންޏެވެ.

ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން އިންތިހާބުގައި ވަކިން ވާދަކުރަން ނިންމަވާފައި ވާއިރު، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް