ޔާމީން ކަރެކްޝަންސްގެ ބެލުމުގެ ދަށުން މިއަދު ކޯޓަށް ގެންދަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސުޕްރީމް ކޯޓުގެ އިއްތިފާގުން ނިންމީ ޔާމީނާ ދެކޮޅަށް؛ ކެންޑިޑެސީގެ ދޮރު ބަންދުވެއްޖެ

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާ އެކު ކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ސާބިތު ދަރަންޏަކަށް ބަދަލުވެފައިވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދެ ޝަރުތެއް ފުރިހަމަ ނުވާތީ، މި ފަހަރުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ އިއްތިފާގުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނީ މިވަގުތު ޖަލުގައި ހުންނެވި ޔާމީން އަށެވެ.

ނަމަވެސް، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާ އެކު ކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ސާބިތު ދަރަންޏަކަށް ބަދަލުވެފައިވާތީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ނިންމި އެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

މިއަދު ކުރިއަށް ދިޔައީ މި މައްސަލާގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހެވެ.

ތަފްސީލް - ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބުނީ:

  • ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އަދި (ޅ)ގައި ބުނާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް

ކެންޑިޑެސީއާ ގުޅޭ ގޮތުން ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޔާމީނާއި އެ މަނިކުފާނުގެ ވަކީލުން.

އިލެކްޝަން ކޮމިޝަނުން ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް ނިންމީ، ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ދެ ޝަރުތު ފުރިހަމަ ނުވާތީ އެވެ. އެއީ:

  • ޔާމީނަކީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ ބޭފުޅަކަށް ވުމާ އެކު، އެ ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަނުވާތީ

  • ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު ކުރި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ފައިސާ މިހާތަނަށް ދައްކައި ހަލާސްކޮށްފައި ނުވާތީ، ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަން އެނގެން އޮންނާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވާތީ

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންނެވި ސުއޫދުގެ ރައުޔުގައި އޭނާ ވިދާޅުވީ، މި މައްސަލާގައި ސުޕްރީމް ކޯޓުން ޖަވާބު ދޭން ޖެހޭ އޮތީ ދެ ސުވާލެއް ކަމަށެވެ. އެއީ:

  • 1-

    ޔާމީން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތްތޯ 

  • 2-

    ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމަކަށް ވާން ޖެހޭތޯ ނުވަތަ ނޫންތޯ

ޔާމީންގެ މައްޗަށް ސާބިތު ދަރަންޏެއް އެބައޮތް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް މިދިޔަ 25 ޑިސެމްބަރުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް އިއްވި ހުކުމުގައި އޮތީ:

  • ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް 

  • މަނީ ލޯންޑްރިންގެ ކުށަށް 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާ އަކާ އެކު ހަތް އަހަރުގެ ޖަލު ހުކުމެއް

  • 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ހަ މަސްދުވަހުގެ ތެރޭ ދައްކަން އޮތީ އަންގާފައި؛ އެ މުއްދަތު މިދިޔަ ޖޫން މަހަށް އޮތީ ހަމަވެފައި

ނަމަވެސް، ޔާމީން ދިފާއުގައި ނަންގަވާނީ، އެ ޖޫރިމަނާގެ ފައިސާ ދެއްކުމުގެ މުއްދަތު ހަމަވާ ތާރީހު އެނގިވަޑައިނުގަންނަވާ ކަމާއި، މީރާ އިން ފޮނުވަން ޖެހޭ ނޯޓިސް ލިބިވަޑައިގެންފައި ނުވާ ކަމެވެ. އަދި ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށްފައިވުން ވެސް، ޖޫރިމަނާ ނުދައްކަވާ އޮތް ސަބަބަކަށް ޔާމީން ނަންގަވަ އެވެ.

މި ނުކުތާގައި ސުއޫދުގެ ރައުޔުގައި ވިދާޅުވީ،  ޖޫރިމަނާގެ މުއްދަތު ހަމަވި އިރު ވެސް ޔާމީންގެ ފަރާތުން ފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ ދައްކަން އަންގައި މިދިޔަ މަހުގެ 3ގައި މީރާ އިން ޔާމީނަށް ނޯޓިސް ފޮނުވާފައިވާކަން އެނގެން އޮންނަ ކަމަށެވެ.

"އެ ލިޔުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަންދުކުރައްވާފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލުކުރުމަށް ގެންދިއުމުން، އެ ލިޔުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުގެ ގާތުގައި އެދިފައިވާ ކަމަށް އެ އިދާރާގެ 6 ޖުލައި 2023 އިގުރާރުގައި ބަޔާންވެފައިވޭ،" އެ ލިޔުމުގައި ޔާމީން ސޮއިކުރައްވައި އިނގިލީގެ ނިޝާން ޖައްސަވާފައިވާކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވި އެވެ.

ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ހުކުމް އިއްވުމުގެ މަޖިލީހުގައި ފަނޑިޔާރު ސުއޫދު އޭނާގެ ރައުޔު އިއްވަވަނީ.

ސުއޫދުގެ ރައުޔުގައި ވިދާޅުވީ، މުއްދަތު ހަމަވިއިރު ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމަކީ އެ ޖޫރިމަނާގެ ފައިސާ ސާބިތު ދަރަންޏަކަށް ބަދަލުވާނެ ކަމެއް ކަމަށާއި، އެ ފައިސާ ދައްކަން ކޯޓަކުން އަމުރުކޮށްފައި ވާއިރު، ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށްފައި އޮތުމަކީ ޖޫރިމަނާގެ ފައިސާ ނުދައްކަން އޮތް ސަބަބެއް ނޫން ކަމަށެވެ.

"ޔާމީން ދައްކަވަން ޖެހޭ 5 މިލިއަން ޑޮލަރު ހަ މަސްދުވަސް ތެރޭ ދައްކަން ކޯޓަކުން އަންގާފައި ވާއިރު، ހައި ކޯޓުން އެ ފައިސާ ދެއްކުން ފަސްކުރަން އަމުރުކޮށްފައި ނެތުމުން، ކެންޑިޑެސީ ފޯމު ހުށަހެޅުއްވިިއިރު ޔާމީން ދައްކަން ޖެހޭ ސާބިތު ދަރަަންޏެއް އޮތްކަން އެނގޭ. ވީމާ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ގާނޫނާ އެއްގޮތަށް ކަމަށް ދެކެން،" ސުއޫދުގެ ރައުޔުގައި ވިދާޅުވި އެވެ.

"ޖޫރިމަނާގެ ތަފްސީލުތައް އެނގިފައި ނެތް ކަމަށް ބުނުމާއި ހުކުމް އިސްތިއުނާފްކޮށްފައިވާ ކަމަށް ބުނުމަކީ އެ ޖޫރިމަނާ އަކީ ސާބިތު ދަރަންޏެއް ނޫން ކަމަށް ބެލެމަށް ބުރަދަނެއް ދެވިދާނެ ސަބަބުތަކެއް ކަމަށް އަހުރެން ނުދެެކެން."

ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން ހުކުމް އިއްވަން ބޭއްވި މަޖިލިސް.

'ޝަރުތު ހަމަނުވުމުން ނިހާއީ ހުކުމެއް ބޭނުމެއް ނުވޭ'

ޔާމީންގެ ފަރާތްޕުޅުން އުފައްދާ މައިގަނޑު އަނެއް ބަހުސަކީ، ކެންޑިޑޭޓެއްގެ ޝަރުތު އުނިވާ ސަބަބުތަކުގެ ތެރޭގައި، ގާނޫނުގައި ބުނާ 'ހުކުމެއް ކުރެވިފައިވާ' ބަހުގެ މާނަ އަކީ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އޮންނަ މީހެއްގެ ވާހަކަ ކަމަށް ބުނެ އުފައްދާ ބަހުސެވެ.

މި ނުކުތާގައި ސުއޫދުގެ ރައުޔުގައި ވިދާޅުވީ:

  • ގާނޫނުއަސާސީ ޑްރާފްޓުކުރިއިރު މުޅި މަޖިލީހުގެ ވިސްނުން އޮތީ، ދައުލަތުގެ މަގާމުތަކުގެ މަސައްކަތްކުރާ މީހުންނަކީ ނަޒާހަތްތެރި އަދި އަބުރު ގެއްލިފައިވާ މީހެއް ކަމަށް ވެގެން ނުވާނެ ކަމުގެ ވިސްނުމުގައިކަން އެ މަޖިލީހުގެ ޔައުމިއްޔާތަކުން ސާފުކޮށް އެނގޭ

  • ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވާއިރު، އެ ޝަރުތުތައް އެ ގޮތަށް ބަޔާންކޮށްފައިވަނީ، ޝަރުތު ހަަމަނުވާ ނަމަ، ހުކުމް ތަންފީޒުކުރާ މީހާގެ މައްސަލަ އިސްތިއުނާފީ މަރުހަލާގައި އޮތަސް ނިހާއީ ހުކުމެއް ބޭނުން ނުވާ ގޮތަށް

"އެފަދަ އިސްތިސްނާނެއް ގާނޫނުއަސާސީގައި ހިމަނާފައި ނުވަނީ މަގާމުތަކަށް ކުރިމަތިލުމަށް ޝަރުތު ހަމަނުވުމުން ނިހާއީ ހުކުމެއް ބޭނުން ނުވާ ކަމަށާއި، އެ މީހަކީ ތަންފީޒުކުރަމުންދާ ޖަލު ހުކުމެއްގެ މަތީގައި ހުރި މީހެއް ކަމުގައިވާ ނަމަ، އެ މީހަކު ޑިސްކޮލިފައި ކުރުމަކީ އެ މަޖިލީހުގެ މެމްބަރުންގެ ނިޔަތް ކަމުގައި ވާތީ ކަމުގައި އަހުރެން ދެކެން،" ސުއޫދުގެ ރައުޔުގައިވެ އެވެ.

ގުޅުން ހުރި ކަމެއް - ޔާމީނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާ ގުޅިގެން، އެ މަނިކުފާނަށް ކުރިމަތިނުލެއްވިދާނެ ހާލަތެއްގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން 'ބެކަޕް ކެންޑިޑޭޓެއް'ގެ ގޮތުގައި ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ޔާމީން އޮތީ އަންގަވާފަ އެވެ. އެ އެންގެވުމާ އެއްގޮތަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބުކޮށްފަ އެވެ.

ނަމަވެސް މިހާރު ޕީޕީއެމް އިން ބުނަނީ، މުއިއްޒު އަކީ 'ޕްލޭން ސީ' ކަމަށެވެ. 'ޕްލޭން ބީ' އަކީ ޕީޕީއެމްގެ ކެންޑިޑޭޓު ކަމަށާއި، ޔާމީންއަަށް ކުރިމަތިނުލެއްވޭ ނަމަ މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ނެރޭ އެހެން ކެންޑިޑޭޓެއް ކަމަށް ބުނެފައިވެ އެވެ.

އެ ފުރުސަތު ހޯދަން، ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ޕީޕީއެމް އިން އެހެން ކެންޑިޑޭޓަކު ނެރެން އިތުރު ފުރުސަތު ދިނުމަށް ޔާމީންގެ ފަރާތްޕުޅުން އެދިފައިވާ އެދުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް