މިއަދުގެ އަޑުއެހުމުގައި ޔާމީން ވާހަކަފުޅު ދައްކަވަނީ.
އިސްތިއުނާފް ނުނިމުމަކީ އަޅުގަނޑުގެ ކުށެއް ނޫން: ޔާމީން
ވ. އާރަށް ކުއްޔަަށް ދިނުމުގެ މައްސަލާގައި މަނީ ލޯންޑްރިންނާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު ދައްކަން އަމުރުކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތީ، އެ މައްސަލަ އިސްތިއުނާފްކޮށްފައި އޮތުމުން ކަމަށާއި، އިސްތިއުނާފް މައްސަލަ ލަސްވުމަކީ އެ މަނިކުފާނުގެ ކުށެއް ނޫން ކަމަށް ޔާމީން މިއަދު ސްޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ޔާމީން ވިދާޅުވީ، އެފައިސާ ނުދެއްކުމުގެ ގަސްތެއް ނެތްކަމަށާއި، މުއްދަތު ހަމަވާ ތާރީހު އެނގުމުން އެ ފައިސާ ދައްކާނެ ކަމަށެވެ.
އެނގުން މުހިންމު - އެ ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީހު ނޭނގޭ ކަމަށް ޔާމީން މިއަދު ވިދާޅުވި ނަމަވެސް، މިދިޔަ 25 ޑިސެމްބަރުގައި ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ 6 މަސް ދުވަސްތެރޭ ދައްކަން އޮތީ އަންގާފަ އެވެ. އެހެންވެ، އެމުއްދަތު މިދިޔަ ޖޫން މަހަށް އޮތީ ހަމަވެފަ އެވެ.
މައްސަލައިގެ ފެށުން - އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ހުކުމް ކުރި އެވެ. އެ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އޮތީ:
-
ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް
-
މަނީ ލޯންޑްރިންގެ ކުށަށް 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާއަކާ އެކު ހަތް އަހަރުގެ ޖަލު ހުކުމެއް
މި ދެ ހުކުމް ޔާމީންގެ ފަރާތުން މިދިޔަ 23 ފެބްރުއަރީގައި އިސްތިއުނާފް ކުރިއިރު، އެ ހުކުމާ މެދު ގޮތެއް ނިމެންދެން ޖޫރިމަނާގެ ފައިސާ ދެއްކުން މަޑުޖައްސާލުމުގެ އަމުރަކަށް އޮތީ އެދިފަ އެވެ. އެކަމަކު އެ އަމުރު ހައި ކޯޓުން އަދި ނެރެދީފައެއް ނުވެ އެވެ.
ހައި ކޯޓުގައި އެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން އިސްތިއުނާފް މައްސަލަ މިހާރު އޮތީ މަޑުޖެހިފަ އެވެ.
ވީ ކިހިނެއް؟ - އަންނަ މަހުގެ 7ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީން ފޯމު ހުށަހެޅުއްވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ން އެ މަނިކުފާނުގެ ކެންޑިޑެސީ ބަަލައިނުގަތުމުން ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން މިއަދު ހަވީރު 4 އިން ފެށިގެން ކުރިއަށް އެބަދެ އެވެ.
އެ އަޑުއެހުމުގައި، ކެންޑިޑެސީ ބަލައިނުގަތުމުގެ ސަބަބެއްގެ ގޮތުގައި ޔާމީންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުން އީސީން ފާހަގަކޮށްފައިވާތީ، އެ ކަމަށް ރައްދު ދެއްވުމަށް ޔާމީން ފުރުސަތަކަށް އެދިވަޑައިގަތެވެ.
އަޅުގަނޑު މި ދަންނަވަނީ މި ފައިސާ ނުދެއްކުމުގެ އެއްވެސް ގަސްތެއް އޮތީކީ ނޫނޭ.
ބުނީ ކީކޭ؟ - އެ ފުރުސަތުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ހުކުމެއް އޮވެ، އެ ހުކުމުގެ ދަށުން ފައިސާއެއް ދައްކަން ޖެހޭކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، ފައިސާ ދައްކަން ޖެހޭ މުއްދަތު ކަމާ ބެހޭ އިދާރާ އިން އެ މަނިކުފާނަށް ނުވަތަ އެ މަނިކުފާނުގެ ވަކީލުންނަށް އަދި އަންގާފައި ނުވާކަން ޔާމީން ފާހަގަކުރެއްވި އެވެ.
އެ ތާރީހު އަންގަން ޖެހޭ ފަރާތަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އެ ފައިސާ ނުދައްކައިގެން މިހާތަނަށް އެ އިދާރާ އިން ނޯޓިހެއް ފޮނުވާފައި ނުވާ ކަމަށާއި، އެކަމާ ގުޅިގެން މީރާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
"އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ މި ފައިސާ ނުދެއްކުމުގެ އެއްވެސް ގަސްތެއް އޮތީކީ ނޫނޭ،" ޔާމީން ވިދާޅުވި އެވެ.
އެ ފައިސާ ނުދައްކާ އޮތް ސަބަބާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ:
-
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، އެ މަައްސަލައާ މެދު އަވަހަށް ގޮތެއް ނިންމައިދޭނެ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ފުރަތަމަ ވިދާޅުވެފައިވޭ
-
ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފްގައި، ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމަށް އެދިފައި އޮތް އޮތުމަށް އަމުރެއް ނެރެނުދިނީ އެ މައްސަލަ އަވަހަަށް ނިންމާލެވޭނެ ކަމަށް ފަނޑިޔާރުން ގަބޫލުކުރައްވައިގެން ތިއްބެވުމުން ކަމަށް ބެލެވޭ
-
އެހެންވެ، އެ މަނިކުފާނު އުންމީދުކުރައްވައިގެން ހުންނެވީ ޖޫރިމަނާގެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލާގައި ގޮތެއް ނިންމޭނެ ކަމަށް
-
ހައި ކޯޓުގެ ހުކުމާ އެކު، ޖޫރިމަނާގެ ފައިސާ ދެއްކުމުންނާއި ޖަލު ހުކުމުން ވެސް ބަރީއަ ވާނެ ކަމަށް އުންމީދުކުރެއްވި
"މުއްދަތު ހަމަވާ ތާރީހު އެނގުނީމަ އަޅުގަނޑު އެ ފައިސާ ދައްކާނަން. އެކަމަކު، އެޓް ދަ ސޭމް ޓައިމް، އަޅުގަނޑު މި އުޅެނީ މުޅި މައްސަލަ ނުނިމިގެންނޭ. އިސްތިއުނާފް ނުނިމުމަކީ އަޅުގަނޑުގެ ކުށެއް ނޫން،" އެ މައްސަލަ ހައި ކޯޓުގައި ހުއްޓިފައި އޮތުމުން މަސްދުވަސް ބޭކާރުވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވި އެވެ.
އިސްތިއުނާފް ނުނިމުމަކީ އަޅުގަނޑުގެ ކުށެއް ނޫން: ޔާމީން
— Dhauru (@Dhaurunews) August 4, 2023
◀️ "މުއްދަތު ހަމަވާ ތާރީހު އެނގުނީމަ އަޅުގަނޑު އެ ފައިސާ ދައްކާނަން. އެކަމަކު، އެޓް ދަ ސޭމް ޓައިމް، އަޅުގަނޑު މި އުޅެނީ މުޅި މައްސަލަ ނުނިމިގެންނޭ. އިސްތިއުނާފް ނުނިމުމަކީ އަޅުގަނޑުގެ ކުށެއް ނޫން،" ޔާމީން ވިދާޅުވި.
ލައިވް:… pic.twitter.com/08OkpAf4h7
އެނގުން މުހިންމު - ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ދަށުން ޖޫރިމަނާ ފައިސާ ދައްކަން ޖެހޭ މުއްދަތު މިދިޔަ ޖޫން މަހަށް ހަމަވެފައި އޮތް ނަމަވެސް، މި މައްސަލާގައި އޭޖީގެ ފަރާތުން ސިވިލް ކޯޓަށް މިހާތަނަށް ގޮސްފައެއް ނުވެ އެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީން އެކަން ފާހަގަކުރައްވައި ވިދާޅުވީ، އެ ފައިސާ މިހާތަނަށް ނުދައްކާ އޮތް ނަމަވެސް، އީސީން އެ ފާހަގަކުރާ ފަދަ ސާބިތު ދަރަންޏަކަށް ބަދަލުވެގެންދާނީ އެ ފައިސާ ހޯދަން ދައުލަތުން ކޯޓަށް ދިއުމުން ކަމަށެވެ.
ޔާމީންގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވެސް ވިދާޅުވީ، ގާނޫނު ބަލައިގަންނަ ފަދަ ސާބިތު ދަރަންޏެއް ޔާމީންގެ މައްސަލާގައި ނެތް ކަމަށެވެ. އެގޮތުން، އެ ފައިސާ ހޯދަން މީރާ އިން މިހާތަނަށް ކޯޓަށް ގޮސް، އެކަމާ މެދު ކޯޓުން ގޮތެއް ނިންމައި އެ ފައިސާ ދައްކަން އަންގާފައި ނުވާކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.