ފަނޑިޔާރު ސުއޫދު އޭނާގެ ރައުޔު މިއަދު ހާމަކުރައްވަނީ: އެ ރައުޔަށް ހުރިހާ ފަނޑިޔާރުން ވަނީ އިއްތިފާގުވެވަޑައިގެންފައި.

5 މިލިއަން ޑޮލަރު ދައްކަން މީރާއިން ފޮނުވި ނޯޓިސްއާ ޔާމީން ހަވާލުވި: ސުޕްރީމް ކޯޓު

އެ ނޯޓިސް ވަކީލުންނާ ހަވާލުކުރަން އެދިވަޑައިގެން ޔާމީން އިގުރާރެއްގައި ސޮއިކުރައްވައި އިނގިލީގެ ނިޝާން ވެސް ޖައްސަވާފައިވާ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި
6 އޯގަސްޓު 2023

ވ. އާރަށް ކުއްޔަަށް ދިނުމުގެ މައްސަލާގައި މަނީ ލޯންޑްރިންނާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު ދައްކަން އަމުރުކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތީ އެ ފައިސާ ދައްކަން މީރާ އިން ނޯޓިސް ފޮނުވާފައި ނުވާތީ ކަމަށް ޔާމީން ވިދާޅުވެފައިވީ ނަމަވެސް، އެ ފައިސާ ދައްކަން އަންގައި މީރާއިން ނޯޓިސް ފޮނުވާފައިވާ ކަމަށާއި އެ ނޯޓިސް އެ މަނިކުފާނުގެ ވަކީލުންނާ ހަވާލުކުރަން އެދިވަޑައިގެން ޔާމީން އިނގިލީގެ ނިޝާން ޖައްސަވައި ސޮއިކުރައްވާފައިވާ ލިޔުމެއް ކަރެކްޝަންސްގައި އެބައޮތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސުއޫދު އެހެން ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ޔާމީންގެ މަނީ ލޯންޑަރިން މައްސަލާގައި ކޮށްފައި އޮތް 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއާ މެދު، އޭނާގެ ރައުޔު ފާޅުކުރައްވަމުންނެވެ.

ބުނީ ކީކޭ؟ - ސުއޫދު ވިދާޅުވީ، އެ ޖޫރިމަނާގެ މުއްދަތު ހަމަވި އިރު ވެސް ޔާމީންގެ ފަރާތުން ފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ ދައްކަން އަންގައި 3 ޖުލައިގައި މީރާގެ ފަރާތުން ޔާމީނަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.

"އެ ލިޔުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަންދުކުރައްވާފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލުކުރުމަށް ގެންދިއުމުން، އެ ލިޔުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުގެ ގާތުގައި އެދިފައިވާ ކަމަށް އެ އިދާރާގެ 6 ޖުލައި 2023 އިގުރާރުގައި ބަޔާންވެފައިވޭ،" ސުއޫދު ވިދާޅުވި އެވެ.

ޔާމީން ކަރެކްޝަންސްގެ ބެލުމުގެ ދަށުން މިއަދު ކޯޓަށް ގެންދަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެ އިގުރާރުގައި ޔާމީން ސޮއިކުރައްވައި އިނގިލީގެ ނިޝާން ޖައްސަވާފައިވާ ކަމަށާއި، އެހެންކަމުން ޖޫރިމަނާ ދައްކަން މީރާއިން ޔާމީނަށް އަންގާފައިވާކަން ސުޕްރީމް ކޯޓަށް އެނގެން އޮންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސުއޫދުގެ ރައުޔުގައި އިތުރަށް ވިދާޅުވި ގޮތުގައި:

  • ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ، ޖޫރިމަނާގެ ގޮތުގައި ދައްކަން އެންގި 5 މިލިއަން ޑޮލަރު، ހުކުމް ކުރި ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް

  • ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމާ ހަމައަށް އެ ހުކުމް ތަންފީޒު ކުރުން ހައި ކޯޓުން ފަސްކޮށްފައި ނެތުމުން، ޔާމީން ދައުލަތަށް ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތްކަން އެނގޭ

  • އެ ސަބަބަށްޓަކައި ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމި ނިންމުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް

އެނގުން މުހިއްމު - މި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަވަމުން 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއާ ގުޅޭ ގޮތުން ޔާމީން ވިދާޅުވެފައިވަނީ:

  • 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކަވާ އޮތީ، އެ މައްސަލަ އިސްތިއުނާފްކޮށްފައި އޮތުމުން ކަމަށާއި، އިސްތިއުނާފް މައްސަލަ ލަސްވުމަކީ އެ މަނިކުފާނުގެ ކުށެއް ނޫން

  • އެ ފައިސާ ނުދެއްކުމުގެ ގަސްތެއް ނެތް ކަމަށާއި، މުއްދަތު ހަމަވާ ތާރީހު އެނގުމުން އެ ފައިސާ ދައްކާނެ

  • ފައިސާ ދައްކަން އަންގާ މީރާއިން އެ މަނިކުފާނަށް އެއްވެސް ނޯޓިސްއެއް ފޮނުވާފައެއް ނުވޭ

ފާހަގަކޮށްލެވޭ ކަމެއް - ޔާމީން މިހެން ވިދާޅުވި ފަހުން ހުކުރު ދުވަހުގެ އަޑުއެހުން ނިންމާލުމުގެ ކުރިން، ޔާމީން ދައުލަތަށް ދައްކަން ޖެހޭ 5 މިލިއަން ޑޮލަރު ދައްކަވާފައި ނުވާތީ، މީރާ އިން ޖުލައި 3ގައި އެ މަނިކުފާނުގެ ނޯޓިހެއް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވި އެވެ. އެ ނޯޓިސްގެ ކޮޕީ ޝަރީއަތަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް