ސުޕްރީމް ކޯޓު ހިންގާ އިމާރާތް. (ފައިލް ފޮޓޯ)

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

އީސީން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމާ ގުޅިގެން އެ މަނިކުފާނުގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން އިންތިހާބަށް ކުރިމަތިލެއްވުމަށް ޕީޕިއެމްއިން އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހެނދުނު ކެންޑިޑެސީ ފޯމު ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ، ޔާމީންގެ ކިބައިގައި ރައީސްކަމަށް ވާދަކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާތީ ފޯމު ބަލައިނުގަތުމަށެވެ.

އެއީ، އެ މަނިކުފާނަށް އިއްވާފައިވާ ޖަލު ހުުކުމްގެ ސަބަބުން ކަމަށް ކޮމިޝަންގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.

ތަފްސީލު - އީސީގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި އެ މައްސަލަ ބަލައިގަތުމަށް މިހާރު ނިންމާފައިވާކަން އެ ކޯޓުން 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.

ޔާމީންގެ ރަނިންމޭޓް އަދި އެ މަނިކުފާނުގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހްމަދު އިއްޔެ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތެރެއިން ޔާމީންގެ ކެންޑިޑެސީ ކަށަވަރުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޖަމީލު ތުހުމަތުކުރެއްވި ގޮތުގައި، ކޮމިޝަންގެ ނިންމުމަކީ ސަރުކާރުގެ ނުފޫޒުން ނިންމާފައިވާ ނިންމުމެކެވެ.

"މިއަދު މި ކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. މާތްﷲ އިރާދަކުރެއްވިއްޔާ، ހައްގަށް ނަސްރު ލިބިގެންދާނެ،" ސުޕްރީމް ކޯޓަށް މިއަދު ހެނދުނު މައްސަލަ ހުށަހެޅުއްވުމަށް ފަހު، ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް ފަހު، ޖަމީލް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެނގުން މުހިއްމު - ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން:

  • އެ މައްސަލައިގައި ގިނަ ވެގެން ހަތް ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭނެ

  • އިންތިހާބާ ގުޅޭ ޝަކުވާއެއް ހުށަހެޅިދާނެ ކަމަށް ބަލައި އަންނަ ހުކުރު އަދި ހޮނިހިރުގައި ވެސް ސުޕްރީމް ކޯޓުން ހިދުމަތް ދޭ ގޮތަށް އެ ކޯޓުން އޮތީ ނިންމާފައި

ފަސްމަންޒަރު - ކޮމިޝަންގެ ނިންމުމުގައިވާ ގޮތުން، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް ކަނޑައެޅީ އެ މަނިކުފާނުގެ މައްޗަށް އައިސްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުންނެވެ. އެއީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކޮށްފައިވާ، ރައީސަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު އުނިވުން ކަމަށް އެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ. 

ކޮމިޝަނުން ހަވާލާދިން މާއްދާގައި ބުނަނީ:

  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވާން ޖެހޭނެ

ކޮމެންޓް (1)

ސްމާ

2 އޯގަސްޓު 2023
"ހުކުމެއް ކުރެވިފައިވާ ނަމަ" ހުކުމެއް ނުކުރެވޭ ބާ؟ އެކަމުގައި ސުވާލެއް ނެތް! ގާނޫނުގައި އޮތީ "ނިހާއީ ހުކުމެއް" ގެ ވާހަކައެއް ނޫން ހުކުމެކޭ! ވަރަށް ސާފު... ސުޕްރީމް ކޯޓުން ވެސް ނިންމާނީ އެގޮތަށް....
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް