ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލައިގައި ސުޕްރީމް ކޯޓުން 30 ނޮވެމްބަރު 2021ގައި ހުކުމް އިއްވި އިރު އަރިހުގައި ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް: ޔާމީންގެ ކެންޑިޑެސީގެ މައްސަލަ އެންމެ ލަސްވެގެން މާދަމާ ކޯޓަށް ހުށަހަޅާނެ ކަމަށް ޖަމީލް މިއަދު ވިދާޅުވި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މާޔޫސް ނުވޭ، ޔާމީންގެ ކެންޑިޑެސީ ކަށަވަރުވާނެ: ޖަމީލް
އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމުމާ ގުޅިގެން ސަޕޯޓަރުން އެކަމާ މާޔޫސް ނުވުމަށް އެދިވަޑައިގެން، ޝަރުއީ މަރުހަލާ ތެރެއިން އެމަނިކުފާނުގެ ކެންޑިޑަސީ ކަށަވަރުވާނެ ކަމުގެ ޔަގީންކަން ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު މިއަދު ދެއްވައިފި އެވެެ. އޭނާ ވިދާޅުވީ، އެންމެ ލަސްވެގެން މާދަމާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން އިންތިހާބަށް ކުރިމަތިލެއްވުމަށް ޕީޕިއެމްއިން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހެނދުނު ވަނީ ފޯމު ހުށަހަޅައިފަ އެވެ. ކޮމިޝަނުން ނިންމީ، ޔާމީންގެ ކިބައިގައި ރައީސްކަމަށް ވާދަކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތު ހަމަނުވާތީ، ފޯމު ބަލައިނުގަތުމަށެވެ. ކޮމިޝަންގެ އެ ނިންމުމާ ގުޅޭ ގޮތުން ޖަމީލު ވަނީ، ޗެނަލް 13އަށް ދެއްވި އިންޓަވިއުއެއްގައި، ވާހަކަ ދައްކަވާފަ އެވެ.
ތަފްސީލު - ޔާމީންގެ ވަކީލުންގެ ޓީމުގައި ވެސް އިސްކޮށް އުޅުއްވާ ޖަމީލު ތުހުމަތު ކުރެއްވީ ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ސަރުުކާރުގެ ނުފޫޒުން ކަމަށެވެ. އަދި އެއީ "އާދައިގެ ނުފޫޒެއް ނޫން" ކަމަށް ސިފަކުރައްވައި ޖަމީލް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ކޮމިޝަނުން އަމަލުކުރި ގޮތަށް ބަލާ އިރު އެއީ "ހައިރާންވާ ވަރުގެ ނިންމުމެއް ނޫން" ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ނުބައި ނުލަފާ ސަރުކާރަކާ ދެކޮޅަށް. [މި ފެންނަނީ] އެ ސަރުކާރުގެ ނުފޫޒު ނެތް ދިމާލެއް ނެތްކަން. ކޯޓުތަކާއި ފުލުހުންގެ މުއައްސަސާ އާއި މިނިވަން ހުރިހާ މުއައްސަސާތަކެއް އަދި މިއަދު ފެނިގެން ދިޔައީ އިލެކްޝަންސް ކޮމިޝަނަށް އެ ނުފޫޒު އޮތް މިންވަރު،" ޖަމީލް ވިދާޅުވި އެވެ.
"އެހެން ނަމަވެސް، އަޅުގަނޑުމެން އުންމީދު ކުރަން ޖެހެނީ އިރާދަކުރެއްވިއްޔާ ހައްގަށް ނަސްރު ލިބޭނެކަން."
ޖަމީލް ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ނިމިފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ކެންޑިޑެސީ މައްސަލަ ލަސްވުމެއް ނެތި ސުޕްރީމް ކޯޓަށް ހުށަހަޅާނަން. އެންމެ ލަސްވެގެން މާދަމާގެ ވަގުތެއްގައި ހުށަހެޅިގެން ދާނެ،" ޖަމީލް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ޖަމީލު އެގޮތަށް ވިދާޅުވި ނަމަވެސް، އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނާ ގޮތުން، ކެންޑިޑެސީއާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ ކޮމިޝަނުން ގޮތެއް ނިންމާތާ 48 ގަޑިއިރު ހަމަވާ ފަހުންނެވެ. އަދި ފަސް ދުވަސް ތެރޭގައި މައްސަލަ ހުށަހަޅަންޖެހެ އެވެ.
ކޮމިޝަނުން ގާނޫނުއަސާސީ މާނަކުރީ 'ރޯ ނުބައިކޮށް'
ކޮމިޝަންގެ ނިންމުމުގައިވާ ގޮތުން، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް ކަނޑައެޅީ އެމަނިކުފާނުގެ މައްޗަށް އައިސްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުންނެވެ.
"މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން، ހަށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު އަބްދުﷲ ޔާމީންގެ ކިބައިގައި ފުރިހަމަނުވުން،" ކެންޑީޑަސީ ބަލައިނުގަތުމަށް ނިންމި ސަބަބުގެ ގޮތުގައި އީސީގެ ލިޔުމުގައި ބުނެފައިވެ އެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާން ކުރަނީ ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ޝަރުތުތަކެވެ. ޔާމީންގެ ކެންޑިޑެސީ ގަބޫލު ނުކުރަން ނިންމި ނިންމުގައި ހަވާލާދީފައިވާ، އެ މާއްދާގެ (ޅ)ގައި ބުނަނީ:
-
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވާން ޖެހޭނެ
ޖަމީލް ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި ހަވާލާދިން މާއްދާ ކޮމިޝަނުން މާނަކޮށްފައިވާނީ ކޯޓުތަކުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކުރުމެއް ނެތި، "ރޯ ނުބައިކޮށް" ކަމަށެވެ.
"[ސަޕޯޓަރުން] ސާބިތުބެ ތިއްބަވާ! ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް އޮތް ގޮތަށް ބަލާއިރު އަދި ރާއްޖޭގެ އެންމެ މަތީ މަރުހަލާ، ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކަަށް ބަލާއިރު، އަޅުގަނޑުމެންނަށް ކަށަވަރުކަން އެބަ އޮތް، އިންސާފުވެރި ޝަރީއަތެއްގެ ކުރިމަތީގައި ރައީސް ޔާމީންގެ ކެންޑިޑެސީ އިރާދަކުރެއްވިއްޔާ ކަށަވަރުވެގެން ދާނެކަން،" ޖަމީލް ވިދާޅުވި އެވެ.
"އެއީ، ސައްތައިން ސައްތަ ކަށަވަރުކަން އޮތް ކަމެއް. ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި އެބޭފުޅުން ހަވާލާދެއްވާ (ޅ)ގައި ބުނާ ވާހަކަތައް މި މައްސަލައިގެ ތެރޭގައި ތަތުބީގު [މާނަ] ކުރެވޭނެ ގާނޫނީ ހަމައެއް ނެތް."
ޖަމީލް ވިދާޅުވީ މިކަމުގައި ސަޕޯޓަރުން ނުތަނަވަސްވެ މާޔޫސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އޭނާ ތަކުރާރުކޮށް ސަޕޯޓަރުންނަށް ދެއްވި ޔަގީން ކަމަކީ ސުޕްރީމް ކޯޓުން ޔާމީންގެ ކެންޑިޑެސީ ކަށަވަރުވާނެ ކަމެވެ.
"މިއީ، ގާނޫނީ ގޮތުން ވަރަށް ސާފު މައްސަލައެއް. ވަރަށް ކަށަވަރުކަން އެބަ އޮތް، ރައީސް ޔާމީންގެ ކެންޑިޑެސީ ކަށަވަރުވާނެ ކަމާ މެދު. އަޅުގަނޑަށް އެ ޔަގީންކަން އެބަ އޮތް،" ސަޕޯޓަރުންނަށް ހިތްވަރު ދެއްވައި ޖަމީލް ވިދާޅުވި އެވެ.