ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމައިފި
އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދެންމެއަކު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީންގެ ކެންޑިޑެސީ ފޯމު ޕީޕިއެމްއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިއަދު ހެނދުނު އެވެ. އެ ފޯމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމި ނިންމުން މިހާރު އީސީން ވަނީ ޓުވިޓާގައި އާންމުކޮށްފަ އެވެ.
ތަފްސީލު - ކޮމިޝަންގެ ނިންމުމުގައިވާ ގޮތުން، ޔާމީންގެ ކެންޑިޑަސީ ގަބޫލު ކުރެވެން ނެތް ކަމަށް ނިންމީ އެ މަނިކުފާނުގެ މައްޗަށް އައިސްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުންނެވެ.
"މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން، ހަށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު އަބްދުﷲ ޔާމީންގެ ކިބައިގައި ފުރިހަމަނުވުން،" ކެންޑީޑަސީ ބަލައިނުގަތުމަށް ނިންމި ސަބަބުގެ ގޮތުގައި އީސީގެ ލިޔުމުގައި ބުނެފައިވެ އެވެ.
#visnun23 pic.twitter.com/GPFeivL1do
— Elections Commission (@ElectionsMv) August 1, 2023
އެނގުން މުހިންމު - ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާން ކުރަނީ، ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ޝަރުތުތަކެވެ. ޔާމީންގެ ކެންޑިޑެސީ ގަބޫލު ނުކުރަން ނިންމި ނިންމުގައި ހަވާލާދީފައިވާ، އެ މާއްދާގެ (ޅ)ގައި ބުނަނީ:
-
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވާން ޖޭހެނެ
އީސީގެ މި ނިންމުން މިހާރު ޕީޕިއެމްއާ ހިއްސާކޮށްފައިވާ ކަމަށް އެ ޕާޓީން ވެސް ވަނީ ބުނަފަ އެވެ.
އެނގުން މުހިންމު - އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން:
-
ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ މެދު ކޮމިޝަނުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުން ނިންމާތާ 48 ގަޑިއިރު ހަމަވާ ވަގުތުން ފެށިގެން ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓަށް ހުށަހަޅަން ވާނެ
-
އެ ކަމާ ގުޅޭ ގޮތުން ކޯޓުން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ
މިއަދު ހެނދުނު ޔާމީންގެ ފޯމު ހުށަހެޅުމަށް ފަހު، އެ މަނިކުފާނުގެ ރަނިން މޭޓް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ، ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގެންފި ނަމަ، ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް ޝަރުއީ މަރުހަލާގެ ތެރެއިން ރައީސް ޔާމީންގެ ކެންޑިޑެސީ ކަށަވަރުވާނެ ކަމާ މެދު،" ޖަމީލް ވިދާޅުވި އެވެ.
ކޮމެންޓް (1)
ލޯޔަރު