ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (ވ) ކުރީގެ ރައީސް ޔާމީންއާ އެކު: ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިދާޅުވޭ

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުން ދުސްތޫރީ އުސޫލުތަކާ ހިލާފު: އަހުމަދު އަބްދުﷲ ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ޔާމީން އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ނިންމޭނީ ނިހާއީ ހުކުމެއް އޮތް ނަމަ

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމި ނިންމުން ގާނޫނޫއަސާސީ އާއި ގާނޫނާ ހިލާފު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން އިންތިހާބަށް ކުރިމަތިލެއްވުމަށް ޕީޕިއެމްއިން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހެނދުނު ފޯމު ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ، ޔާމީންގެ ކިބައިގައި ރައީސްކަމަށް ވާދަކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތު ހަމަނުވާތީ، ފޯމު ބަލައިނުގަތުމަށެވެ.

އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ޕީޕީއެމުން ތައްޔާރުވަމުން އަންނަ އިރު، ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ ދީދީ ވަނީ މިކަމުގައި ދެކެވަޑައިގަންނަވާ ގޮތް ޓްވިޓާގައި މިރޭ ހާމަ ކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - "އިލެކްޝަން ކޮމިޝަނުން މިއަދު ރައީސް ޔާމީންގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅުއްވި ހުށަހެޅުން ބަލައިނުގަންނަން ނިންމާފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނު އަސާސީން ކަނޑައަޅައިފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފަށްކަމާ މެދު އެއްވެސް ޝައްކެއް ނެތް،" އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ނޮވެމްބަރު 2019ގައި އުއްތަމަ ފަނޑިޔާރުގެ މަގާމުން ވަކިކުރި އަހްމަދު އަބްދުﷲ ދީދީ އީސީގެ ނިންމުން ގޯސް ކަމަށް ގަބޫލުކުރައްވާ ސަބަބު ވެސް ޓުވީޓުގައި ބަޔާންކުރައްވައިފަ އެވެ.

ފަސްމަންޒަރު - ކޮމިޝަންގެ ނިންމުމުގައިވާ ގޮތުން، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް ކަނޑައެޅީ އެމަނިކުފާނުގެ މައްޗަށް އައިސްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުންނެވެ. އެއީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކޮށްފައިވާ، ރައީސަކަށް އަންނަ މީހެއްގެ ގައިގައި ހުންނަން ޖެހޭ ޝަރުތު އުނިވުން ކަމަށް އެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ. ހަވާލާދިން މާއްދާގައި ބުނަނީ: 

  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވާން ޖެހޭނެ

"[11 އަހަރުގެ ޖަލު] ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން، ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު އަބްދުﷲ ޔާމީންގެ ކިބައިގައި ފުރިހަމަނުވުން،" ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި ސަބަބުގެ ގޮތުގައި އީސީގެ ލިޔުމުގައި ބުނެފައިވެ އެވެ.

ނަމަވެސް އަހްމަދު އަބްދުﷲ ދީދީ މާނަ ކުރައްވާ ގޮތުގައި އީސީގެ ނިންމުމުގައި ހަވާލާދީފައިވާ މާއްދާގެ ދަށުން ޝަރުތު އުނިވާނީ ނިހާއީ ހުކުމެއް އައިސްފައިވާ ނަމަ އެވެ.

"އެ އަކުރުގައި ބުނެފައިވާ ޖިނާއީ ހުކުމަކީ ތަންފީޒީ ބާރު ލިބިގެންވާ Executable ހުކުމެެއްގެ ވާހަކަ ކަން ބުނެވުނު 109 ވަނަ މާއްދާގެ (ޅ) އަށް އެއްކޮށް ބެލުމުން އެނގޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

"ޖިނާއީ ހުކުމަކަށް ތަންފީޒީ ބާރު ލިބޭނީ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވެގެން؛ ހުކުމެއް ނިހާއީ ހުކުމަކަށް ވާނީ އާންމު އުސޫލެއްގެ ގޮތުން، އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެންވާ ފަރާތުން އެ ހައްގު ސަރީހަކޮށް ދޫކޮށްލުން، ނުވަތަ އިސްތިއުނާފު ކުރުމުގެ މުއްދަތުގައި އިސްތިއުނާފު ނުކުރުން، ނުވަތަ އިސްތިއުނާފުގެ ޝަރްއީ އެންމެހައި މަރްޙަލާތައް ޙުކުމަށް ތާއީދުކޮށްގެން ނިމުން."

ޑރ. އަހުމަދު އަބްދުﷲ ދީދީ (ކ2) އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އިރު ސަރުކާރުގެ ހަފްލާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު: އެ މަގާމުން ވަކިކުރުމާ އެކު ޝަރުއީ ދާއިރާގެ ކަންކަމުގައި ސަރުކާރަށް ފާޑުވިދާޅުވެފައިވޭ

ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ހުކުމް އަދި ނިހާއީ ހުކުމަކަށް ނުވާކަން އަހުމަދު އަބްދުﷲ ދީދީ ފާހަގަކުރެއްވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން ރ. ޔާމީން ތަންފީޒުކުރަމުންދާ ހުކުމެއް އޮތްކަމަށް އެ ބުނާ ހުކުމަކީ ހަގީގަތުގައި އިސްތިއުނާފުކުރުމުގެ ސަބަބުބް ތަންފީޒު ކުރުން ގާނޫނީގޮތުން ހުއްޓިފައިވާ ހުކުމެއް. ޝަރްއީ ނިޒާމުން ރ. ޔާމީން ޤާނޫނީ އުސޫލުތަކާ ހިލާފަށް ހުކުމް ތަންފީޒުކުރާ ޖަލެއްގައި ބަންދުގައި ބެހެއްޓުމަކީ، އެއީ ތަންފީޒުކުރަމުންދާ ހުކުމެއްކަމަށް ބަލަންޖެހޭ ސަބަބެއް ނޫން!" 2010 ވަނަ އަހަރުން ފެށިގެން ސުޕްެރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު އަދާކުރެއްވުމަށް ފަހު ޖޫން 2018ގައި އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރި އަހްމަދު އަބްދުﷲ ދީދީގެ ޓްވީޓްގައި ވިދާޅުވި އެވެ. 

ކޮމެންޓް (2)

ސަސްޕެންޑާ

4 އޯގަސްޓު 2023
މިއީ ފުރާޅުން ޓިނުނަގައިގެން އުއްތަމަ ގޮނޑީގަ ވެޑުވި މަނިކުފާނު ދެއްތޯ؟
1 2

ސްމޭޝް

2 އޯގަސްޓު 2023
ޑރ. ފަނޑިޔާރުމެން ވެސް ކޮންމެ އެއްޗެއް ވެސް ކިޔާފާނެކަން ދިވެހިންނަށް މީގެ ކުރީގެ އަމަލުތަކުންވެސް ވަނީ ފެނި ސާބިތުވެފައެވެ. މިފަހަރުވެސް އެކަން ތިހާމަވީ. އެގޮތުން ވެއްޖެއިޔާ ދަށުކޯޓުގެ ހުކުމްތައް ތަންފީޒުކުރަން ޖެހޭނީ ސްޕްރީމްކޯޓުން ގޮތެއް ނިންމުމުން ނުވަތަ އެންމެ ފަހުގެ އިސްތިއުނާފީ މަރުހަލާގެ ފުރުސަތު ގެއްލުމުން ދޯ! އެންމެން ޖަލުން ނެރެން އަންގާ!
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް