ފުވައްމުލަކު ކަނޑުގެ ސަރަހައްދުގައި ފީނާ މީހުން އަތުން ފީ ނެގުމާ ދެކޮޅަށް އެ ރަށު ޑައިވަރުން މިދިޔަ މަހު ކުރި އިހުތިޖާޖެއް. (ފޮޓޯ/ޑައިވިން އެސޯސިއޭޝަން އޮފް ފުވައްމުލައް)

ފުވައްމުލައް

ފުވައްމުލަކު ކަނޑުގެ ސަރަހައްދުގައި ފީނާ މީހުން އަތުން ފީ ނެގުން ފަސްކޮށްފި

އެ ފީ ނެގުން ފަސްކުރަން ކައުންސިލުން ނިންމީ އެ ރަށު ޑައިވް ސްކޫލްތަކުން އެ ގަވާއިދާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރަމުންދަނިކޮށް
1 އޯގަސްޓު 2023

ފުވައްމުލަކުގެ ޑައިވިން ސްކޫލްތަކުގެ ކަންބޮޑުވުން އޮތް އެ ރަށުގެ އިހުތިސާސްގައި ހިމެނޭ ކަނޑު ސަރަހައްދުގައި ފީނާ މީހުން އަތުން ފީ ނަގާ ގޮތަށް އެކުލަވައިލި ގަވާއިދަށް އަމަލުކުރުން ފަސްކުރަން ކައުންސިލުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ފުވައްމުލަކު އިހުތިސާސްގެ ތެރޭގައި ފީނަން ބޭނުންވާ ނަމަމ ފީއެއް ނަގާ ގޮތަށް ނިންމީ މިދިޔަ ޖޫން މަހު ފުވައްމުލަކު ސިޓީ ކައުންސިލުން ގެޒެޓުކުރި 'ފުވައްމުލައް އިހްތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަޙައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖްކުރުމާ ބެހޭ ގަވާއިދު'ގެ ދަށުންނެވެ.

އެ ގަވާއިދުގައި ބުނާ ފީނާ މީހުން އަތުން ނަގަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.

ތަފްސީލު - ފުވައްމުލަކު ސިޓީ ކައުންސިލުން އެ ގަވާއިދަށް އަމަލުކުރުން ފަސްކުރަން ނިންމީ، އެ ގަވާއިދު ގެޒެޓުކުރުމާ އެކު އެ ރަށުގެ ގިނަ އަދަދެއްގެ ޑައިވިން ސްކޫލްތަކުން އެކަމާ މެދު ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.

"ފުވައްމުލަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖްކުރުމާ ބެހޭ ގަވާއިދަށް އަމަލުކުރުން ފަސްކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ ފަސް ވަނަ ކުއްލި ޖަލްސާގެ އިއްތިފާގުން ނިންމާފައިވާ ވާހަކަ ދެންނެވީމެވެ،" މިއަދު ކައުންސިލުން ކުރި އިއުލާނެއްގައިވެ އެވެ.

އެ ގަވާއިދާ މެދު ފުވައްމުލަކުގެ ޑައިވިން ސްކޫލްތަކުން ކަންބޮޑުވުން ފާޅުކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ސްކޫލްތަކުގެ އެއްވެސް މަޝްވަރާއެއް، ލަފައެއް ނެތި ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ނިންމުން

  • ފުވައްމުލަކުގެ ފަތުރުވެރިކަން އޮތް ހާލަތަށް ރިއާޔަތްކޮށް، މިއީ އެފަދަ ބޮޑު ފީއެއް ނަގަން ރަނގަޅު ދަނޑިވަޅަކަށް ނުވުން

  • ފީއެއް ނެގުމުގެ ކުރިން ޑައިވިން ހިދުމަތް ފޯރުކޮށްދޭ މީހުންނާއި ފަތުރުވެރިންނަށް ކޮންމެހެން ބޭނުންވާ އަސާސީ ކަންކަން އެ ރަށުގައި ފުރިހަމަވެފައި ނެތުން

އޭގެ އިތުރުން، ބައެއް ޑައިވް ޕޮއިންޓުތަކުގައި ފީނޭނީ ކައުންސިލުން ހަދާ ތާވަލަކާ އެއްގޮތަށް، އެ ތާވަލުގައި ބުނާ ގަޑިތަކެއްގައި ކަމަށް އެ ގަވާއިދުގައި އޮތުމަކީވެސް ޑައިވް ސްކޫލްތަކުން ކަންބޮޑުވުން ފާޅުކުރި ކަމެކެވެ.

ފީ ނެގުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން، ފީތައް ނެގުމަށް ފަހު، ފީނަން ހުއްދަ ދެނީ 15 ދުވަހުގެ މުއްދަތަކަށެވެ. ފީތައް ކަނޑައަޅާފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ.

ދިވެހިން، ރާއްޖޭގެ ވޯކް ވިސާ އަދި ސްޓޫޑެންޓް ވިސާ އޮތް މީހުން:

  • ރާއްޖެއިން ބޭރުގެ އުޅަނދުތަކުން - ބޮލަކަށް 200 ޑޮލަރު

  • ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 20 ޑޮލަރު

  • ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 20 ޑޮލަރު

ބިދޭސީން:

  • ރާއްޖެއިން ބޭރުގެ އުޅަނދުތަކުން - ބޮލަކަށް 200 ޑޮލަރު

  • ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 55 ޑޮލަރު

  • ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 40 ޑޮލަރު

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް