ފުވައްމުލަކު ބޭރުގައި ޔޮޓެއް ބަނދަރުކޮށްފައި: އެ ރަށުން ސަފާރީތަކުން ނަގާ ފީ ބޮޑުކުރުމުން ސަފާރީ ސިނާއަތުން ކަންބޮޑުވުން ފާޅުކުރި

ފުވައްމުލައް

ފުވައްމުލަކު ކަނޑުގެ ސަރަހައްދުގައި ފީނަން 20-200 ޑޮލަރުގެ ފީއެއް ނަގަނީ؛ ސަފާރީތައް ކަންބޮޑުވެއްޖެ

ފުވައްމުލައް ކައިރިއަށް ފީނާ ފަތުރުވެރިންގެ އިތުރުން ދިވެހިންގެ އަތުން ވެސް ފީ ނަގަން ވަނީ ނިންމާފައި

ފުވައްމުލަކުގައި އޮންނަ، ފަތުރުވެރިންގެ މެދުގައި މަގުބޫލު 'ޓައިގާ ޝާކް ޕޮއިންޓް' އާއި އެ އަތޮޅުގެ އިހުތިސާސްގައި ހިމެނޭ ކަނޑުގެ އެހެނިހެން ސަރަހައްދުތަކުގައި ފީނާ މީހުން އަތުން ކައުންސިލުން ފީއެއް ނަގަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - ފީނާ މީހުން އަތުން ފީ ނަގަން ނިންމައި، ފުވައްމުލަކު ސިޓީ ކައުންސިލުން މިދިޔަ ހޯމަ ދުވަހު 'ފުވައްމުލަކު އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވާއިދު' ވަނީ ގެޒެޓުކޮށްފަ އެވެ.

ތަފްސީލު - އެ ގަވާއިދުގައި ބުނާ ފީތައް ނެގުމަށް ފަހު، ފީނަން ހުއްދަ ދެނީ 15 ދުވަހުގެ މުއްދަތަކަށެވެ. ފީތައް ކަނޑައަޅާފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ:

1 - ދިވެހިން، ރާއްޖޭގެ ވޯކް ވިސާ އަދި ސްޓޫޑެންޓް ވިސާ އޮތް މީހުން:

  • ރާއްޖެއިން ބޭރުގެ އުޅަނދުތަކުން - ބޮލަކަށް 200 ޑޮލަރު

  • ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 20 ޑޮލަރު

  • ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 20 ޑޮލަރު

2 - ބިދޭސީން:

  • ރާއްޖެއިން ބޭރުގެ އުޅަނދުތަކުން - ބޮލަކަށް 200 ޑޮލަރު

  • ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 55 ޑޮލަރު

  • ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 40 ޑޮލަރު

ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފެށި ނަމަވެސް، ފީނާ މީހުން އަތުން ފީ ނަގަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

ފުވައްމުލައް ސިޓީ މަތިން (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓުއާ)

ސަފާރީތަކުގެ ކަންބޮޑުވުން

ފުވައްމުލަކު ކަނޑުގެ ސަރަހައްދުތަކުގައި ފީނާ މީހުން އަތުން ފީ ނަގަން ފެށުމާ ގުޅިގެން ބައެއް ސަފާރީ އޮޕަރޭޓަރުން އަންނަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުވައްމުލަކު ޑައިވް ޕޮއިންޓުތަކުގައި ފީނަން ބޭނުންވާ ފަތުރުވެރިން ގޮވައިގެން ދާ ސަފާރީ އުޅަނދުތަކުން މިހާރު އަމަލުކުރަނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ ފުވައްމުލަކުގެ ބޭރުގައި އުޅަނދު އެޅުމަށް ފަހު އެއްވެސް އަގެއް ނުދައްކައި އަމިއްލައަށް ފީނުމެވެ. އަނެއް ގޮތަކީ ފުވައްމުލަކު ޑައިވް ސްކޫލެއް މެދުވެރިކޮށް، ބޮލަކަށް ވަކި އަދަދެއް ދައްކައިގެން ފީނުމެވެ.

"ފުވައްމުލަކު ކައުންސިިލުން މި ގޮތަށް ފީ ނަގަން ފެށީމަ ދެން އެހެން ރަށްރަށުން ވެސް ޗާޖު ކުރަން ފަށާނެ. އަނެއްކޮޅުން ބޮޑެތި އަދަދުތަކެއް ޖަހާފައި އެހެރީ،" ބްލޫ ހޮރައިޒަން ކުންފުނީގެ ސަފާރީއެއް އޮޕަރޭޓުކުރާ އަހްމަދު ޒުބައިރު އާދަމް 'ދައުރު'އަށް ވިދާޅުވި އެވެ.

"ޓެކްސް ވެސް ބޮޑުކޮށްފަ އޮއްވާ އިތުރު ޗާޖެއް ދައްކަން ޖެހުމަކީ ކަންބޮޑުވާ ކަމެއް."

ޒުބައިރު ވިދާޅުވީ ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ޑައިވް އަދި ސާފް ޕޮއިންޓްތައް ބޭނުންކުރަން މިގޮތަށް ބޮޑެތި އަދަދުތަކުން ފީ ނަގާ ނަމަ އެކަމަށް ގާނޫނީ ގޮތުން ކޮންމެވެސް ކަހަލަ ހައްލެއް ހޯދައިދެވެން ޖެހޭ ކަމަށެވެ.

"ކުރިން ރިސޯޓުތަކުގެ އިހުތިސާސްގައި ހިމެނޭ ޑައިވް އަދި ސާފް ޕޮއިންޓްތަކަށް ވެސް އަރަން އެ މީހުން ފުރުސަތެއް ނުދޭ. ރިސޯޓުތަކުން އޭރު ބުނަނީ އެ ތަންތަނަށް ދެވޭނީ ހަމައެކަނި އެ މީހުންގެ އިންހައުސް ގެސްޓުންނަށޭ. އެހެން އޮއްވާ ޓޫރިޒަމް މިނިސްޓްރީން އެ ޕޮއިންޓުތައް ރިސޯޓުތަކުގެ އިހުތިސާސްއިން ނަގާފައި، އާންމު ތަންތަނުގެ ގޮތުގައި ކަނޑައެޅީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ގާނޫނީ ގޮތުން [ހުރިހާ] ޑައިވް ޕޮއިންޓުތަކާއި ސާފް ޕޮއިންޓުތައް ވަކި ކުރުމަށް ފަހު، ޕަބްލިކް ތަންތަނުގެ ގޮތުގައި ކަނޑައަޅަން އެބަޖެހޭހެން."

ފުވައްމުލަކު ބަނދަރު މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ރަށިކަބަރޮޑޮޓްކޮމް)

'މިއީ ދެކުނުގެ ޓޫރިޒަމަށް ދެވޭ ދެރައެއް'

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރައީސް އިސްމާއިލް ހަމީދު 'ދައުރު'އަށް ވިދާޅުވީ މިއީ ރާއްޖޭގައި މިގޮތަށް "މޫދަށް އެރެން" ދިވެހިން އަތުން ފީއެއް ނަގަން ފެށި ފުރަތަމަ ފަހަރު ކަމަށެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ދެކުނުގެ ޓޫރިޒަމް ހާލުގައި އޮތް ދުވަސްވަރެއްގައި މިއީ ނިންމަން ރަނގަޅު ނިންމުމެއް ނޫނެވެ.

އޭނާ ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ދާ ފަތުރުވެރިން އިތުރުކުރަން އުޅޭ ދުވަސްވަރެއްގައި މިގޮތަށް އިތުރު ފީއެއް ނެގުމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"ވަކި ރަށަކަށް ކައިރި ކުރީމަ ވަކި ވަރެއް ދޭން ޖެހުމަކީ ރަނގަޅު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މިސާލަކަށް، ފީނަން ދާ މީހުންގެ އަދަދު މާ ގިނަވަނީ ނަމަ، ފީއެއް ނެގުމުގެ ބަދަލުގައި ހެދިދާނެ އެއަށް ވުރެ ރަނގަޅު ގޮތްތައް ވެސް އެބަހުރި ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"[މިސާލަކަށް، ޑައިވް ޕޮއިންޓުތަކަށް] ދުވާލަކަށް ކޯޓާއެއް ކަނޑައަޅާފައި ދެވޭ މީހުންގެ އަދަދު ލިމިޓު ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ކޯޓާ ސިސްޓަމަކީ ބޭރު ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެކެވެ.

ދާ މީހުންގެ އަދަދު ލިމިޓުކުރަން ފީއެއް ނެގުމަކީ ހައްލެއް ނޫންކަން ފާހަގަކުރައްވައި އިސްމާއިލް ވިދާޅުވީ ކޯޓާ ކަނޑައަޅައިގެން ދުވާލަކު އެ ޕޮއިންޓަކަށް ދެވޭ މީހުންގެ އަދަދު ލިމިޓު ކުރުމުގެ އިތުރަށް، ވަކި ދުވަސްވަރެއްގައި ނުވަތަ ވަކި މުއްދަތަކަށް އެ ސަރަހައްދެއް ބަންދުކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

މިފަދަ ކަންކަމުގެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ގާނޫނީ ގޮތުން ހޯދަން ބޭނުންވާ ހައްލު ނުލިބޭ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ހިއްސާކުރެއްވި އެވެ.

"މަޖިލީހުން، ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކުރަންވީމަ މެޖޯރިޓީ އޮވޭ [ގާނޫނު އިސްލާހު ވެސް ކުރެވޭ]. އެކަމަކު އިންޑަސްޓްރީގެ ކަމެއްގައި ބުނީމަ ބުނާނެ، އެއީ ގާނޫނީ ގޮތުން އެ ބަޔަކަށް ލިބިދީފަ އޮންނަ ބާރެކޭ،" އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރު ނަގާ ގޮތަށް، ފުވައްމުލަކު ކައުންސިލުން މިދިޔަ އަހަރު ވަނީ ނިންމާފަ އެވެ.

އޭގެ ކުރިން ސަފާރީތަކުން ނަގަމުންދިޔައީ 50 ޑޮލަރުގެ ފީއެކެވެ. އެ އަދަދު 500 ޑޮލަރަށް ބޮޑުކުރަން ނިންމި ނިންމުމަށް ފާޑުކިޔުންތައް އަމާޒުވުމުން، 150-200 ޑޮލަރަށް ކުޑަކުރަން ކައުންސިިލުން ނިންމި ނަމަވެސް، ފަހުން އެ ނިންމުން ބާތިލުކުރުމަށް ފަހު ކައުންސިލުން ފީއެއްގެ ގޮތުގައި ނަގަން ކަނޑައެޅީ 500 ޑޮލަރެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

އާދަމް

7 ޖޫން 2023
ތިއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން. ތި ފޮޓޯގައި އެ އޮތީ ނޯރޑް ޔޮޓް. އެއީ ރަޝިޔާގެ ބިލިއަނަރެއްގެ 500 މިލިއަން ޑޮލަރުގެ ޔޮޓެއް. އެމީހުންނަށް 300 އެއް ނޫން 30000 ޑޮލަރަކީ ވެސް އެއްޗެއްތަ؟
1 0

ޢަސްލަމްޝާކިރު

7 ޖޫން 2023
500 ޑޮލަރު ދައްކަިގެން ސަފާރީ އަޅާލެއް މަދުވެއްޖެތަ؟ ކައުންސިލުން ފްރީމާކެޓް އުސޫލުން ފީތައް އެޖަސް ކުރާނެއެއްނު؟ އެއީ މައްސަލައެއް ނޫން. އެކަމު ޑައިވް އަދި ސަރފް ޕޮއިނަޓް ތަކަކީ ޕާކު ފދަ ތަންތަން. ޕަބްލިކް ސްޕޭސް. މިތަންތަނުން ފީ ނަގައިގެން ނުވާނެ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް