ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޑައިވް ޕޮއިންޓެއް. (ފޮޓޯ/ކިޔުންތެރިއެއް)

ފުވައްމުލައް

ފުވައްމުލަކު ޑައިވް ފީގެ މައްޗަށް ކައުންސިލްގެ ތާވަލަކަށް ފީނޭ ގޮތް ހަދާތީ ޑައިވަރުންގެ ނުރުހުން

ކައުންސިލުން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަށް ކައުންސިލުން ހަދާ ތާވަލެއްގެ ދަށުން ފީނޭ ގޮތަށް

ފަތުރުވެރިންގެ މެދުގައި މަގުބޫލު ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަށް، ފުވައްމުލަކު ސިޓީ ކައުންސިލުން ހަދާ ތާވަލެއްގެ ދަށުން ފީނޭ ގޮތަށް ހެދުމުން އެ ރަށު ޑައިވަރުން އެކަމާ ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުވައްމުލަކު ކައުންސިލުން އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި:

  • ޓައިގާ ޝާކް ޕޮއިންޓަށް ޑައިވް ކުރުމަށްޓަކައި އަންނަ މަހުގެ 1 އިން ފެށިގެން ކައުންސިލުން ތާވަލެއް ހަދާ ގޮތަށް ވަނީ ނިންމާފައި

  • އެ ތާވަލުގައި ޑައިވް ސެންޓަރުތައް ހިމެނުމަށް، ފުވައްމުލަކުގައި ހިންގާ ހުރިހާ ޑައިވް ސެންޓަރުތަކުން ކައުންސިލުގައި ރަޖިސްޓްރީކުރަން ވަނީ ބުނެފައި

ބުނީ ކީކޭ؟ - ފުވައްމުލަކު ޑައިވާސް އެސޯސިއޭޝަންގެ ފަރާތުން 'ދައުރު'އާ ވާހަކަދެއްކި އެ ޖަމިއްޔާގެ މެމްބަރު އަހްމަދު އަލީ މިއަދު ބުނި ގޮތުގައި، ޑައިވަރުން އަތުން ފީ ނެގުމަށާއި ކައުންސިލުން ބުނާ ގަޑިތަކަށް ފީނޭ ގޮތަށް ހެދީ ޑައިވަރުންގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ.

"ދެން މި ހެދީ ތާވަލެއް. ގަވާއިދު ހެދީ، ޑައިވް ކުރެވޭނީ ކައުންސިލުން ބުނާ ޓައިމް ޓޭބަލްއެއްގެ ދަށުން ކަމަށް. ކުރިން އަމަލުކުރި ގޮތަކީ ހުރިހާ ސްކޫލްތަކުގެ މެދުގައި މަޝްވަރާކޮށްގެން ހަދާފައި އޮންނަ ޝެޑިއުލްއަކަށް،" އޭނާ ބުންޏެވެ.

"އެއްވެސް ހިޔާލެއް ނުހޯދާ ހުރިހާ ކަމެއް މި ކުރަނީ. ވަރަށް ސްމޫތުކޮށް މި ވީހާ ދުވަހު ކުރިއަށް ގެންދިޔައީ. ބޭރުން އަންނަ ސަފާރީތަކަށް ވެސް ވަގުތު ލިބޭ ގޮތަށް އޭރު ވެސް ޝެޑިއުލް އޮތީ."

ފުވައްމުލައް މަތިން (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓުއާ)

އަހްމަދު ބުނީ ކައުންސިލްގެ ޝެޑިއުލްއަކަށް ފީނޭ ގޮތަށް ހެދީ ކޮން ގޮތަކަށް ވިސްނާފައިތޯ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުލިބުނު ކަމަށެވެ. އަދި ޑައިވަރުން ގޮވާލަމުންދަނީ މި ގަވާއިދު މުޅިން އުވައިލުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"މިއީ އެއްވެސް މަޝްވަރާއެއް ނެތި ކުރި ކަމެއް. ޑައިވަރުން މި ގަވާއިދަށް ބޯނުލަނބާނެ ވާހަކަ ދަންނަވަން،" އޭނާ ބުންޏެވެ.

ތަފްސީލު - ކައުންސިިލުން ހަދާ ތާވަލެއްގެ ދަށުން ޓައިގާ ޝާކް ޕޮއިންޓަށް ފީނޭ ގޮތަށް ހަމަޖެއްސީ، ޑައިވަރުން އަތުން ފީއެއް ނަގަން ނިންމައި އެކަމާ މެދު ފުވައްމުލަކު ޑައިވް ސްކޫލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ހުރިހާ ޝަކުވާތަކެއް ހިފައިގެން ޑައިވް ސްކޫލްތަކުގެ މީހުން ވަނީ އިއްޔެ ފުވައްމުލަކު ކައުންސިލް އިދާރާގެ ކުރިމަތިގައި އިހުތިޖާޖުކޮށްފަ އެވެ. އެ އިހުތިޖާޖު ހުއްޓާލީ މި އަންނަ ހަފްތާގެ ހޯމަ ދުވަހު ޑައިވް ސްކޫލްތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ކައުންސިލުން ބުނުމުންނެވެ.

ފުވައްމުލަކުގެ ޑައިވަރުން ކައުންސިލާ ދެކޮޅަށް އިހުތިޖާޖްކުރަނީ (ފޮޓޯ/ ޓުވިޓާ)

ފުވައްމުލަކު ޑައިވާސް އެސޯސިއޭޝަންގެ ނައިބު ރައީސް ޒަފަރު އަލީ ވިދާޅުވީ އެ ގަވާއިދު ގެޒެޓުކުރުމުގެ ކުރިން ޑައިވް ކުރާ މީހުން އަތުން ފީއެއް ނެގުމަށް ވިސްނަމުންދާ ކަމަށް ކައުންސިލުން ޑައިވަރުން ގާތުގައި ބުނި ކަމަށެވެ.

ނަމަވެސް، އޭގެ ފަހުން އެއްވެސް ބައްދަލުވުމެއް ނުބާއްވާ ކަމަށާއި ދެން ފެނުނީ ގަވާއިދު ގެޒެޓުކޮށްފައި އޮތް ތަން ކަމަށް އޭނާ ބުންޏެވެ.

އެނގުން މުހިންމު - ފީ ނެގުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން، ފީތައް ނެގުމަށް ފަހު، ފީނަން ހުއްދަ ދެނީ 15 ދުވަހުގެ މުއްދަތަކަށެވެ. ފީތައް ކަނޑައަޅާފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ.

ދިވެހިން، ރާއްޖޭގެ ވޯކް ވިސާ އަދި ސްޓޫޑެންޓް ވިސާ އޮތް މީހުން:

  • ރާއްޖެއިން ބޭރުގެ އުޅަނދުތަކުން - ބޮލަކަށް 200 ޑޮލަރު

  • ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 20 ޑޮލަރު

  • ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 20 ޑޮލަރު

ބިދޭސީން:

  • ރާއްޖެއިން ބޭރުގެ އުޅަނދުތަކުން - ބޮލަކަށް 200 ޑޮލަރު

  • ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 55 ޑޮލަރު

  • ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 40 ޑޮލަރު

ކޮމެންޓް (2)

ހިތަދޫ 2

24 ޖުލައި 2023
ބުނަންތަ ރަނގަޅު ވާހަކައެއް؟؟ އައްޑޫގަވެސް މަސްކަނޑާ ކަރު ގޮހޮރު އަބަދު އެއް ދިމާލަކަށް އަޅަން ފަށައިބަލަ ތިޔަ ޓައިގަރ ފެންނަން ފަށާނެ، އެތަށް ކިލޯމީޓަރު ދުރުން ވަސްގެހޭ އެއްޗެއް. މިހާރު އެންސިސް މީހުން ނެރު ކައިރިއަށް މަސް އަޅައި އަޅައި ނެރު ކައިރިއަށް ފީނީމާ ވެސް ފެނޭ. ނުޖެހޭނެ ތި ސަކަރާތެއް ޖަހާކަށް.
2 0

ފޯއްމުލައް

25 ޖުލައި 2023
@ހިތަދޫ 2 ހމމމ ދެން ކަންނެތް ކަން ފިލުވާލާފަ އަޅަންވީނު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް