ފުވައްމުލަކުގެ ޑައިވަރުން ކައުންސިލާ ދެކޮޅަށް އިހުތިޖާޖްކުރަނީ (ފޮޓޯ/ ޓުވިޓާ)
ފުވައްމުލަކު ޑައިވަރުން ކައުންސިލް އިދާރާގައި އިހުތިޖާޖްކުރަނީ
ފުވައްމުލަކު އިހުތިސާސްގެ ތެރޭގައި ފީނަން ބޭނުންވާ ނަމަ ފީއެއް ނަގަން ކައުންސިލުން ނިންމި ނިންމުމާ ދެކޮޅަށް އެ ރަށުގެ ޑައިވަރުން ސިޓީ ކައުންސިލް އިދާރާގައި އިހުތިޖާޖްކުރަން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ޖޫން މަހު ގެޒެޓުކުރި 'ފުވައްމުލަކު އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވާއިދު'ގެ ދަށުން ފީއެއް ނެގުމަށް ނިންމި ނިންމުމާ މެދު އެ ރަށު ޑައިވް ސްކޫލްތަކުން ވަނީ މީގެ ކުރިން ވެސް ނުރުހުމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ތަފްސީލް - ފުވައްމުލަކުގެ ޑައިވަަރުން ވަނީ އެ މީހުންގެ ޝުއޫރުތައް ފެންނަ ބޯޑުތަކާ އެކު އެ ރަށު ކައުންސިލް އިދާރާއަށް މިއަދު ހެނދުނު ވަދެފަ އެވެ. އެ މީހުން ނުރުހުން ފާޅުކުރަމުންދަނީ ޑައިވިންގެ އެންމެ އަސާސީ ހިދުމަތްތައް ނުދެވޭއިރު، އެ މީހުންގެ އަތުން ފީއެއް ނެގުމަށް ނިންމުމުންނެވެ. އެ މީހުންގެ ފާޑުކިއުންތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ އެ ރަށުގެ މޭޔަރު އިސްމާއީލް ރަފީގަށެވެ.
އެކަމާ ގުޅިގެން އިސްމާއީލަށް ގުޅުމުން ޖަވާބެއް ނުދެއްވާތީ، އެ މައްސަލަ ހަައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތެއް ނުލިބެ އެވެ.
އެނގުން މުހިއްމު - ފީ ނެގުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން، ފީތައް ނެގުމަށް ފަހު، ފީނަން ހުއްދަ ދެނީ 15 ދުވަހުގެ މުއްދަތަކަށެވެ. ފީތައް ކަނޑައަޅާފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ:
ދިވެހިން، ރާއްޖޭގެ ވޯކް ވިސާ އަދި ސްޓޫޑެންޓް ވިސާ އޮތް މީހުން:
-
ރާއްޖެއިން ބޭރުގެ އުޅަނދުތަކުން - ބޮލަކަށް 200 ޑޮލަރު
-
ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 20 ޑޮލަރު
-
ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 20 ޑޮލަރު
ބިދޭސީން:
-
ރާއްޖެއިން ބޭރުގެ އުޅަނދުތަކުން - ބޮލަކަށް 200 ޑޮލަރު
-
ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 55 ޑޮލަރު
-
ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 40 ޑޮލަރު