ފުވައްމުލައް ސިޓީ މަތިން (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓުއާ)

ފުވައްމުލައް

ބޮޑު ޑައިވް ފީއިން ފުވައްމުލަކު ޓޫރިޒަމަށް ބަނަކަން

ފުވައްމުލަކު ކަނޑުގެ ސަރަހައްދުން ޑައިވް ކުރަން ފީއެއް ނަގަން ކައުންސިލުން ނިންމި ނިންމުމަށް އެ ރަށުގެ ގިނަ ޑައިވް ސްކޫލްތަކުން ދެކޮޅު ހަދައި ވަނީ ނުރުހުން ފާޅުކޮށްފައި

ދިވެއްސެއްގެ އަތުން، ދިވެހި ކަނޑެއްގައި ފީނަން ފީއެއް ނެގުމަކީ މިހާތަނަށް ކުރި ކަމެއް ނޫނެވެ. ދިވެއްސެއް ވިޔަސް، ބޭރުން އަންނަ ފަތުރުވެރިއެއް ވިޔަސް ޑައިވް ސްކޫލްތަކުން ދޭ ހިދުމަތަށް ފައިސާ ދިނުމަކީ އަދި ތަފާތު ކަމެކެވެ.

ޑައިވް ސްކޫލްތަކުން ދޭ ހިދުމަތަށް ނަގާ އަގުގެ ބޭރުން، ފުރަތަމަ ފަހަރަށް ރާއްޖޭގައި ފީނުމުން ޓެކުހެއް ނަގަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. މިކަން ރާއްޖެއަށް ތައާރަފްކުރަނީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. އެހެން ނަމަވެސް ކައުންސިލްގެ މި ނިންމުމާ މެދު އެ ރަށު ޑައިވް ސްކޫލްތަކުން ފާޅުކުރަނީ ނުރުހުމާއި ކަންބޮޑުވުމެވެ. މިއީ ސްކޫލްތަކުން ސިފަކުރާ ގޮތުގައި އަދި ޅަފަތުގައި އޮތް ފުވައްމުލަކުގެ ޓޫރިޒަމް ސިނާއަތުގެ ކުރިމަރާލުމެވެ.

ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޑައިވް ޕޮއިންޓެއް. (ފޮޓޯ/ކިޔުންތެރިއެއް)

ގަވާއިދުގައި އޮތީ ކީކޭ؟

ފީނާ މީހުން އަތުން ފީ ނަގަން ނިންމައި، 'ފުވައްމުލަކު އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވާއިދު' ފުވައްމުލަކު ސިޓީ ކައުންސިލުން ގެޒެޓުކުރީ 5 ޖޫންގަ އެވެ.

އެ ގަވާއިދުގައި ބުނާ ފީތައް ނެގުމަށް ފަހު، ފީނަން ހުއްދަ ދެނީ 15 ދުވަހުގެ މުއްދަތަކަށެވެ. ފީތައް ކަނޑައަޅާފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ:

1 - ދިވެހިން، ރާއްޖޭގެ ވޯކް ވިސާ އަދި ސްޓޫޑެންޓް ވިސާ އޮތް މީހުން:

  • ރާއްޖެއިން ބޭރުގެ އުޅަނދުތަކުން - ބޮލަކަށް 200 ޑޮލަރު

  • ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 20 ޑޮލަރު

  • ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 20 ޑޮލަރު

2 - ބިދޭސީން:

  • ރާއްޖެއިން ބޭރުގެ އުޅަނދުތަކުން - ބޮލަކަށް 200 ޑޮލަރު

  • ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 55 ޑޮލަރު

  • ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން - ބޮލަކަށް 40 ޑޮލަރު

'ޓެކްސްގެ ވާހަކަ ދައްކާ ވަރެއް އަދި ނުވޭ'

މިކަމުގެ ގޮތުން ފުވައްމުލަކުގެ އެއްވެސް ޑައިވް ސްކޫލަކުން، ނަން ޖަހާ ގޮތަށް ކަންބޮޑުވުން ހިއްސާކުރަން ބޭނުމެއް ނުވެ އެވެ. މިކަމާ ބެހޭގޮތުން 'ދައުރު'އާ ވާހަކަދެއްކި ޑައިވް ސްކޫލްތަކުގެ ވެރިން ސިފަކުރާ ގޮތުގައި ކުރާ ޑައިވްތަކަށް ސީދާ ކައުންސިލުން ފީއެއް ނެގުމަކީ މި ވިޔަފާރިއަށް އަތްގަދަކުރަން ކުރާ މަސައްކަތެކެވެ.

"[މި ފީ ނެގުމުގައި] އަޅުގަނޑަށް ވިސްނޭ ގޮތުގައި އޮތީ ދެ މަގުސަދެއް. އެއް ކަމަކީ ޑައިވިން ވިޔަފާރި ޓޭކްއޯވާ ކުރުން. އަނެއް ކަމަކީ މި ވިޔަފާރިން ބޮޑު އާމްދަނީއެއް ކައުންސިލުން ވެސް ހޯދުން،" ސްކޫލެއްގެ ވެރިޔަކު ބުންޏެވެ.

ފުވައްމުލަކުގެ އެހެން ޑައިވް ސްކޫލެއްގެ ވެރިއަކު ވެސް ބުނީ، އެ ރަށުގެ ފަތުރުވެރިކަން އަދި އޮތީ ޅަފަތުގައި ކަމަށާއި ރަނގަޅަށް އެ ރަށް އަދި މާކެޓު ވެސް ނުކުރެވޭ ކަމަށެވެ.

"ކަން މިހެން އޮއްވައި، ބަޔަކު ކޮށްކޮށް ތިބި ވިޔަފާރިއަކަށް ޓައްކިޔާފައި ޓެކްސްއެއް ލާއިރު، އެންމެ އަސާސީ ކަންކަން ވެސް [ކައުންސިލަށް] ހަމަޖައްސައިނުދެވޭ،" އޭނާ ބުންޏެވެ.

"ރަށަށް އަރާ ފޭބުމުގައި އަހަރެމެންނަށް [ޑައިވިން ސެންޓަރުތަކާއި އެ ތަންތަނުން ހިދުމަތް ދޭ ޓޫރިސްޓުންނަށް] ބަނދަރުގެ ޖާގައިގެ ދަތިކަން އެބަހުރި. ބަނދަރުގެ ބޭރުތޮށިން ރާޅު ޖަހާ ދިމާލުން ޓޫރިސްޓުން ގޮވައިގެން ރަށަށް އަރާފައިބަން މި ޖެހެނީ. ބަނދަރުގައި ނެތް ޓޫރިސްޓުން ހިޔަލުގައި ބޭތިއްބޭނެ ތަނެއް، ފާހާނާ ކުރަން ޖެހިއްޖެއްޔާ އެކަން ކުރާނެ ތަނެއް،" 

ޑައިވްކުރަންދާ މީހުން ދޯންޏަށް އަރާ ފައިބަން ފުވައްމުލަކު ބަނދަރުން ބޭނުންކުރަން ދީފައި އޮންނަ ސަރަހައްދު. (ފޮޓޯ/ކިޔުންތެރިއެއް)

ފުވައްމުލަކަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޑައިވިން އާއި ފަތުރުވެރިކަމުން ކަން ފާހަގަކޮށް އޭނާ ބުނީ، ޑައިވް ސްކޫލްތަކަކީ ރަށަށް އެންމެ ބޮޑު އާމްދަނީއެއް ގެނެސްދޭ ބަޔަކަށް ވިޔަސް، އެ މީހުންގެ އުޅަނދުތަކުގެ ބަދަލުގައި ބަނދަރުން ޖާގަ ދިނުމުގައި އިސްކަން ދެނީ މުދާ އުފުލާ ބޯޓުފަހަރާއި ސަފާރީތަކާއި މަސް ދޯނިފަހަރަށް ކަމަށެވެ.

އޭނާ ބުނި ގޮތުގައި ޑައިވް ސްކޫލްތަކަށް ހުރި މިފަދަ ދަތިތަކާ ބެހޭގޮތުން ކައުންސިލާ ކަންބޮޑުވުން ހިއްސާކުރާ ކޮންމެ ފަހަރަކު ވެސް ކައުންސިލުން ލިބޭ ޖަވާބަކީ، އެކަންކަން ކޮށްދެވެން އޮތީ ބަޖެޓު އޮވެގެން ކަމުގަ އެވެ.

ފުވައްމުލަކު ބަނދަރުގައި ޖާގައިގެ ދަތިކަން އޮތްއިރު، މިހާރު އެ ރަށު ބަނދަރުން ޑައިވް ސްކޫލްތަކަށް ބޭނުންކުރަން ދީފައި އޮތް ތަންކޮޅުން ރަށަށް އަރާފައިބަން އުޅުމުގެ ތެރޭގައި ފަތުރުވެރިންނަށް މީގެ ކުރިން އަނިޔާވެފައި ވެސް އެބަހުރި ކަމަށް ޑައިވް ސެންޓަރުތަކުގެ ވެރިން ފާހަގަކުރި އެވެ.

"އެންމެންގެ ވެސް ރައްކަލަކަށް، އެންމެން ވެސް ބޭނުންވަނީ ގަވައިދެއް ހަދަން. ޓެކްސްގެ ވާހަކަ ދައްކާ ވަރެއް ނުވޭ އަދި. ލިބެން ޖެހޭ އެންމެ އަސާސީ ހިދުމަތްތައް ނުލިބޭ،" އޭނާ ބުންޏެވެ.

ފުވައްމުލަކުގެ ޓޫރިސްޓަމް ހަލާކުވެދާނެ

ޑައިވިންއިން ފީ ނެގުމާ ދެކޮޅަށް ވާހަކަދެއްކި ޑައިވް ސްކޫލްތަކުގެ ވެރިން ބުނާ ގޮތުގައި މިއީ ފުވައްމުލަކުގެ ޓޫރިޒަމަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ވަރުގެ ކަމެކެވެ.

"އަދިވެސް ބޭރުގެ ވަރަށް ގިނަ މީހުންނަށް ނޭނގޭ މި ތަނުގައި ޑައިވް ކުރެވޭ ކަމެއް. އެހެންވެ މި ތަން އިޝްތިހާރުކުރަން ބޮޑު ހަރަދެއް ކުރަމުންދާ ދަނޑިވަޅެއްގައި މި ކަހަލަ ފީއެއް އައިމަ ރަނގަޅެއް ނުވާނެ،" ޑައިވް ސްކޫލެއްގެ އިސް މީހަކު ބުންޏެވެ.

"ގިނަ މީހުންނަށް އެނގުނީމަ ފީވެސް ނަގަންވީ. އަދި އަހަރުތަކަކަށް މަޑުކޮށްލާފައި މިކަން ކުރާނަމަ، ބޮލަކަށް 40 ޑޮލަރެއް ނޫން 100 ޑޮލަރު ވެސް ނެގޭނެ."

ފުވައްމުލަކު ޑައިވް ސްކޫލެއްގެ ޑައިވް ދޯންޏެއް: ޑައިވިން ފީ ނެގުމާ އެ ރަށުގެ ގިނަ ޑައިވް ސްކޫލްތަކުން ދެކޮޅު ހަދާ. (ފޮޓޯ/ކިޔުންތެރިއެއް)

އޭނާ ބުނި ގޮތުގައި ލޯ ސީޒަން ދުވަސްވަރު އަންނަ ފަތުރުވެރިންގެ އަދަދު އެހާ މަދުއިރު، އެގޮތަށް އަންނަ ކޮންމެ މީހަކީ ޑައިވް ކުރަން އަންނަ މީހަކަށް ވެސް ނުވެ އެވެ. އެގޮތުން:

  • ހައި ސީޒަން ދުވަސްވަރު ދުވާލަކު 10 - 30 ވަރަކަށް މީހުން ޑައިވްކުރަން އެ ސްކޫލަށް އާދޭ

  • ލޯ ސީޒަން ދުވަސްވަރު، ދުވާލަކު 10 މީހުންނަށް ވުރެ ގިނައެއް ނޫން؛ ބައެއް ދުވަސް ދުވަހު އެންމެ މީހަކުވެސް ނާދޭ

ޑައިވް ކުރާ މީހުން އަތުން ބޮޑު ޓެކުހެއް ނަގަން ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން ދެކޮޅު ހަދަމުންދާއިރު، އޭނާ ބުނީ އެ ވިޔަފާރި ކުރިއަރުވަން މިހާތަނަށް ކޮށްފައިހުރި މަސައްކަތްތަކުގައި ކައުންސިލްގެ ދައުރެއް، ގާތްގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނެތް ކަމަށެވެ.

"ވަކިވަކި މީހުން އަމިއްލަޔަށް ކުރި މަސައްކަތުން މި ހިސާބަށް އައީ. އަމިއްލައަށް ބްރޮޝާ ހަދައިގެން، އަމިއްލަ ހަރަދުގައި ޓިކެޓު ނަގައިގެން ބޭރަށް ގޮސް އިޝްތިހާރު ކޮށްގެން،" އޭނާ ބުންޏެވެ.

އޭނާ ބުނީ މި އަހަރު ތައިލެންޑުގައި އޮތް ޑައިވް ޝޯއަކަށް ދިޔުން ފިޔަވައި ފުވައްމުލަކު ކައުންސިލުން އެ ރަށުގެ ޑައިވިން އިޝްތިހާރު ކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

"ކައުންސިލުން މި އަހަރު ކިރިޔާ ވެސް ކަމެއް ކުރީ. ތައިލެންޑުގެ ޑައިވް ޝޯއަށް ކައުންސިލުން އިސްނަގައިގެން ދިޔުން. އެވެސް ޑައިވް ސްކޫލްތަކުގެ އެހީއާ އެކު،" އޭނާ ބުންޏެވެ.

މީގެ އިތުރަށް ފުވައްމުލަކަށް ދަތުރުކުރަން ޓިކެޓުގެ އަގު ބޮޑުއިރު، އިތުރު ފީތަކެއް ނަގާ ނަމަ ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރުމުގެ އަގު ބޮޑުވެ، ރަށަށް މީހުން ޒިޔާރަތްކުރުމުގެ ޝައުގުވެރިކަން ކުޑަ ވެދާނޭ ކަމަށް ވެސް ޑައިވް ސެންޓަރުތަކުން ފާހަގަ ކުރި އެވެ. 

"މިތަނަކީ ރިސޯޓެއް ނޫން. އެ ފެންވަރެއް ވެސް ނުހުންނާނެ. ދެން މިގޮތަށް ޓެކްސް ލީމާ އަގުބޮޑުވަމުން ގޮސް ރިސޯޓެއް ފެންވަރަށް އަގުތައް ދިޔައިމާ އެ މީހުންނަށް މިތަން ވޯތެއް ނުވާނެ،" ޑައިވް ސެންޓަރަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

'ފީއެއް ނަގާނަމަ މިއަށްވުރެ ރަނގަޅު ގޮތް އެބަހުރި'

ފުވައްމުލަކު ކައުންސިލުން މިހާރު ނިންމާފައިވާ ގޮތުން އެ ރަށަށް ދާ ބޭރު ޓޫރިސްޓުންގެ އިތުރުން ދިވެހިންގެ އަތުން ވެސް ޑައިވް ކުރާ ނަމަ ފީ ނަގާނެ އެވެ. ފީގެ ގޮތުގައި ނަގާ އަދަދުގެ އިތުރުން ދިވެހިން އަތުން ފީ ނެގުމާ ވެސް ޑައިވް ސްކޫލްތަކުން ދެކޮޅު ހަދަ އެވެ.

"މިއީ ހިމާޔަތްކޮށްފައި އޮތް ރަށެއް. އެހެންވީމައި އެންޓްރީ ފީއެއް ނެގުމަކީ މައްސަލައެއް ނޫން. އެކަމަކު ވެސް ދިވެހިންގެ އަތުން ފީއެއް ނަގާކަށް ބޭނުމެއް ނޫން،" ޑައިވް ސްކޫލެއްގެ ވެރިޔަކު ބުންޏެވެ.

ޓެކްސްއެއް ނަގާނަމަ، އެ ފައިސާއިން ރަށުގެ ކުރިއެރުމަށާއި އެ ޓެކުހަކާ ގުޅުންހުރި ދާއިރާއަކަށް ވެސް ފައިދާވާ ފަދަ ކަންކަން ކުރަން ޖެހޭ ކަމަށް ސްކޫލްތަކުގެ ވެރިން ބުނެ އެވެ. މިސާލަކަށް ޑައިވް ފީއެއް ނަގާނަމަ ރަށުގެ ނޭޗާ ޕާކު ތަރައްގީކުރުން ފަދަ ކަމެއް ކުރެވިދާނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.

ކައުންސިލުން ޑައިވް ފީ ނަގަން ނިންމުމުގެ ކުރިން ސްކޫލްތަކުގެ ވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ބައެއް ސްކޫލްތަކުން ދިން ލަފަޔަކީ ކޮންމެ ޑައިވަކުން ފީއެއް ނުނަގާ ޑައިވް ސްކޫލްތަކުން އަހަރީ ފީއެއް ނެގުމަށެވެ. އަދި ބައެއް ސްކޫލްތަކުން ދިން ލަފަޔަކީ ޑައިވް ފީއެއް ނަގާނަމަ ބޮލަކަށް 5-10ރ.ގެ މަގުން ފީއެއް ނެގުމަށެވެ.

އެހެން ނަމަވެސް މިހާރު އިއުލާންކޮށްފައިވާ ގޮތަށް ޑައިވް ފީ ނަގަން ނިންމީ، ސްކޫލްތަކުން ބުނާ ގޮތުގައި އިތުރަށް ސްކޫލްތަކާ މަޝްވަރާ ނުކޮށެވެ.

ފުވައްމުލަކުގެ އިހުތިސާސްގައި ހިމެނޭ ކަނޑުގެ ސަރަހައްދުގައި ޑައިވް ކުރާ މީހުން އަތުން ފީ ނަގަން ފަށާނީ، އެކަމާ ގުޅޭ ގަވާއިދުގައި ބުނާ ގޮތުން އަންނަ ސެޕްޓެމްބަރުން މަހުން ފެށިގެންނެވެ. އެހެން ނަމަވެސް ޑައިވް ސްކޫލްތަކުން މި ފީ ނެގުމާ ދެކޮޅު ހަދަމުންދާތީ ކައުންސިލަށް ވަނީ އަނެއްކާ ވެސް މަޝްވަރާގެ މޭޒަށް ދާން ޖެހިފަ އެވެ. މަޝްވަރާ އާއި ދިރާސާ ކުރަން އަދި ދެ މަހެއްހާ ދުވަސް އެބައޮތެވެ. ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެ ނިންމުކީ ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ކުރިމަގަށް އަސަރު ކުރާނެ ނިންމުމެކެވެ.

ކޮމެންޓް (2)

މުޙައްމަދު ސިހާބު

30 ޖޫން 2023
ފޯމުލަކު ޓުވެރިޒަމް އެއްކޮށް ތިހަލާކު ކޮއްލީ. ކައުންސިލުން ތިޔެއް ވުރެއް ބޮޑު ފީ އެއް ނަގަން ނުވިސްނީ ކީއްވެބާ. އެއްފަހަރާ މުއްސަނދި ވާން ތިއުޅެނީ އަދި މާ އަވަސް. ރަނގަޅަށް ޓުވެރިޒަމް ޕްރޮމޯޓް ވީމަ ފީ ނަގަން ރަނގަޅު އެކަމަކު އެއީ އިންސާނުން އަށް ކުޅަދާނަވާ މިންވަރަށް
1 0

ހިތަޑު 2

29 ޖޫން 2023
ދިވެހިންގެ އަތުން މިފަދަ ޓެކްސްއެއް ނެގުމަކީ އެއްވެސް ގޮތަކަށް ހަމަ ޖެހޭ އުސޫލެއް ނޫން. އަމިއްލަ ގައުމުގެ ދުގުރަތީ ރީތި ކަމާ ނާޒުކު ހާލަތް އަމިއްލަޔަށް ވަޒަން ކޮއްލަން ވެސް ދިވެހިން ވީ ފައިސާ ދައްކަން؟ މިކަމުން ކުރިޔަށް އޮތް ޖީލަށް ލިބޭނެ ގެއްލުން މާ ބޮޑު. ވެރިން މިޔަށް ވުރެ ދުރު ވިސްނެން ޖެހޭ! ބޭރު މީހުން އަތުން ނަގާ ފީވެސް ކުޑަ ކުރަންޖެހޭ އަދި ހިދުމަތްތަށް ރަނގަޅު ކުރަމުން ފީ ބޮޑު ކުރުން ރަނގަޅީ! ކައުންސިލަކީ ވިޔަފާރި ކުންފުންޔެއް ނޫން އަދި ވިސްނުން ގެންގުޅެންވާނީ ރަށުގެ ވިފަޔާރިތަކާ އާންމު ދިރިއުޅުމގެ ފެންވަރު ރަނގަޅު ކުރަން. އެކަން ހާސިލް ކުރުމުގެ ވިޔަފާރިތަށް ފުނޑާލީމަ ކަމަކު ނުދާނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް