މީދޫގެ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު، ސިންގަޕޫރުގެ ހައި ކޯޓުގައި ބޭއްވި އަޑުއެހުމަކަށް ފަހު، މިރޭ އެނބުރި ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)
ހިލްޓަން މައްސަލައިގައި ސަރުކާރުން ފައިސާ ދައްކާކަށް ނުޖެހޭނެ: ސިޔާމް
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްއިން ބަދަލުގެ ގޮތުގައި ހިލްޓަންއަށް ދައްކަން ޖެހޭ 24 މިލިއަން ޑޮލަރު (368 މިލިއަން ރުފިޔާ) ސަރުކާރުން ދައްކަން ނުޖެހޭނެ ކަމުގެ ޔަގީންކަން މިރޭ ސިޔާމް ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައިވާ ގޮތަށް ހިލްޓަންއަށް ދޭން ޖެހޭ ބަދަލު ނުދީގެން އެ ކުންފުނިން އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތަކަކަށް ފަހު ސިޔާމް މިރޭ ވަނީ ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ކުޑަ ވަގުތުކޮޅަކަށް ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
ތަފްސީލް - ސަން ޓްރެވަލްސް ކުންފުންޏާއި ހިލްޓަންގެ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެ، ހިލްޓަން އަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ދައްކައިދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސިޔާމް ވިދާޅުވީ ސަރުކާރުން ފައިސާއެއް ދައްކާފައި ނުވާ ކަމަށާއި ދައްކާނެ ކަމަށް އޭނާ އުންމީދު ވެސް ނުކުރައްވާ ކަމަށެވެ.
ބުނީ ކީކޭ؟ - "ދިވެހި ސަރުކާރަކުން ދައްކާކަށް ނުޖެހޭނެ ނޫންތޯ؟ އަޅުގަނޑު މީ ވިޔަފާރިވެރިއެއް ނޫންތޯ؟ އަޅުގަނޑެއް ނޫންތޯ އެކަން ހައްލު ކުރާނީ؟ ދިވެހި ސަރުކާރަކާ ބެހޭ ކަމެއް ނޫނެއް ނޫންތޯ؟" ސިޔާމް ވިދާޅުވި އެވެ.
ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި، އެ މައްސަލައިގައި ގޮތެއް ނިމެންދެން، ސިޔާމް ސިންގަޕޫރުން ފުރުން އޮތީ މަނާކޮށްފަ އެވެ.
އޭގެ ފަހުން މިއަދު ހެނދުނު ރާއްޖެ ގަޑިން 8 ޖެހިއިރު ސިންގަޕޫރުގެ ހައި ކޯޓްގައި ބޭއްވި އަޑުއެހުމުގައި ނިންމީ:
-
ފައިސާ ދައްކަން ސިޔާމް އެއްބަސްވާތީ އެ ފައިސާ ދައްކަން ތިން މަސް ދިނުމަށް
-
އެ ފައިސާ ދައްކަން ޝަރުތުކޮށް، ސިޔާމް ފުރުން މަނާކޮށް ނެރެފައިވާ އަމުރު ބާތިލްކުރުމަށް
ފާހަގަކޮށްލެވޭ - އޭނާ ސިންގަޕޫރުން ފުރުން މަނާކުރިކަން އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ޔަގީންވެފައި ވިޔަސް، ސިޔާމް މިރޭ އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެކަން ދޮގުކުރެެއްވި އެވެ.
"މިފަހަރު ސިންގަޕޫރަށް އަޅުގަނޑު ގޮސްގެން އުޅުނު އިރުގައި އެއްވެސް ވަރަކަށް އަޅުގަނޑުގެ ޕާސްޕޯޓު ހިފަހައްޓައި ނޫނިއްޔާ ސިންގަޕޫރުގައި ބަންދުކޮށް، ނޫނިއްޔާ ސިންގަޕޫރުން ނުފުރޭނެ ގޮތެއް ހަދާފައި ހަމަ އެއްގޮތަކަށް ވެސް ނެތް. އަޅުގަނޑަކަށް އެނގޭ ކަމެއް ވެސް ނޫން ތިއީ. އަޅުގަނޑަށް ތި ހަބަރު ލިބުނީ ހަމަ މީޑިއާތަކުގެ ހެޑްލައިންތަކުން،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އެ މައްސަލަ ސިންގަޕޫރުގައި ހިނގަމުން ދަނިކޮށް އެ ކޯޓުގެ އަޑުއެހުންތަކަށް ހުށަހެޅުމަށް ފޮރިން މިނިސްޓްރީ އާއި ފުލުހުން ވަނީ ސިޔާމް އަކީ ރަނގަޅު ބޭފުޅެއް ކަމަށް ބުނެ ސިޓީތަކެއް ދީފަ އެވެ.
އޭގެ ތެރެއިން ފޮރިން މިނިސްޓްރީން ފޮނުވި ސިޓީގައި ވެސް، ސިންގަޕޫރުގެ ހައި ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ތެރެެއިން ސިޔާމްއާ ދެކޮޅަށް "ކޮމިޓަލް އޯޑަރެއް" ނުވަތަ ކޯޓުގެ ހުރުމަތް ކަނޑައިގެން ފިޔަވަޅު އަޅަން އަމުރުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ސިންގަޕޫރުގައި ސިޔާމް ހިފަހައްޓާފައިވާ ކަމުގެ ވާހަކަތައް ފެތުރުނީ، ސިޔާމް ގަބޫލުކުރައްވާ ގޮތުގައި، ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އޭނާއަށް "ހީވަނީ" އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ ދަ ޑިމޮކްރެޓްސް އިން ކުރި ކަމެއް ކަމަށެވެ.
ސިޔާމް މިރޭ 10:10ގައި ސިންގަޕޯ އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަން މަޑުކުރެއްވި ވަގުތުކޮޅުގެ ތެރޭގައި، ކޯޓުގެ އަޑުއެހުމާ ބެހޭގޮތުން ކުރި ސުވާލުތަކަށް ޖަވާބެއް ނުދެއްވި އެވެ. އެކަމަށް އިންކާރުކުރައްވައި އޭނާ ވިދާޅުވީ އެކަމާ ބެހޭގޮތުން ސުވާލުކުރަން ޖެހޭނީ ވަކީލުންނާ ކަމަށެވެ.
ސަން ޓްރެވަލްސް އާއި ހިލްޓަންގެ މައްސަލަ
ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހަދާފައިވާ އެއްބަސްވުން ކުއްލި ގޮތަކަށް ބާތިލްކޮށް، ރަށް ހަވާލުކުރަން ސަން ޓްރެވަލްސްއިން ހިލްޓަންއަށް 30 އެޕްރީލް 2013 ގައި އެންގި އެވެ. އެކަމާ ވިދިގެން ބަދަލު ހޯދުމަށް ހިލްޓަންއިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދިޔުމުން އޮގަސްޓް 2015ގައި ނިންމީ ހިލްޓަންއަށް ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދެއްކުމަށެވެ. އެއާ އެކު:
-
28 ޖެނުއަރީ 2016 - އާބިޓްރޭޝަންގެ ނިންމުމަށް ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދަން ހިލްޓަންއިން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި
-
30 ނޮވެމްބަރު 2016 - އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރެވެނީ ހައި ކޯޓަށް ކަމަށް ބުނެ، ހިލްޓަންއިން ސިވިލް ކޯޓަށް ލީ މައްސަލަ ބޭރުކޮށްލި
-
ޑިސެމްބަރު 2016 - ހިލްޓަން އިން އެއްބަސްވުމުގައި ސޮއިކުރުވީ މަކަރާއި ހީލަތުން ކަމަށް ބުނެ ހިލްޓަންގެ ކިބައިން 16.6 މިލިއަން ޑޮލަރު ނަގައިދިނުމަށް ސަން ޓްރެވަލްސްއިން ސިވިލް ކޯޓަށް ހުށަހެޅި
-
9 މާޗް 2017 - ސަންއަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި
-
17 އެޕްރީލް 2017 - އާބިޓްރޭޝަން ތަންފީޒުކުރުމުގެ މައްސަލަ ބަލަން ޖެހެނީ ސިވިލް ކޯޓުން ކަމަށް ހައި ކޯޓުން ހުކުމްކުރި
-
21 ފެބުރުއަރީ 2019 - 24 މިލިއަން ޑޮލަރު ދެއްކުމަށް ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރުގެ އާބިިޓްރޭޝަން ކޯޓުން ކުރި އަމުރު އެ ގައުމުގެ ކޯޓް އޮފް އެޕީލް އިން ދެމެހެއްޓި
-
6 ޖުލައި 2020 - ސަންއަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރި
-
އޮގަސްޓް 2020 - އާބިޓްރޭޝަން އެވޯޑް ތަންފީޒުކުރުމަށް ހިލްޓަންއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި
-
10 ސެޕްޓެމްބަރު 2020 - ސިވިލް ކޯޓުގައި ހިނގަމުންދާ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމުގެ މައްސަލަ ނިމެންދެން ސަން ޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން އަމުރެއް ނެރުނު
-
23 އޮގަސްޓް 2021 - ސަންއަށް 16 މިލިއަން ދައްކަން ހިލްޓަންގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރި ކުރުން ސުޕްރީމް ކޯޓުން ދެމެހެއްޓި
-
9 ޑިސެމްބަރު 2021 - ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރުތަކަށް ހައި ކޯޓުން ތާއީދުކުރި
-
5 ފެބުރުއަރީ 2023 - ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގި ގޮތަށް ހިލްޓަންއަށް 23 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި
-
23 ފެބުރުއަރީ 2023 - ހިލްޓަންއަށް ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ސަން ޓްރެވަލްސްއިން ހައި ކޯޓްގައި އިސްތިއުނާފުކުރި
-
2 އެޕްރީލް 2023 - އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ފައިސާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން ނެރުނު
ކޮމެންޓް (2)
ސާރާ
ހިތަދޫ 2