ރާއްޖޭގައި ހުންނަ ރޮމޭނިއާގެ އޮނަރަރީ ކައުންސިލްކަމުގެ ލިޔުން ޝާހިދު ސިޔާމާ ހަވާލުކޮށްދެއްވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

ސަން ސިޔާމް

ސިޔާމްގެ ދިފާއުގައި ފޮރިން މިނިސްޓްރީން ސިންގަޕޫރަށް ސިޓީއެއް ފޮނުވައިފި

އެ ސިޓީގައި އެދިފައިވަނީ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ސިޔާމްގެ 'ހިދުމަތްތެރިކަމާއި އަހުލާގު ރަނގަޅުކަމަށް' ރިއާޔަތްކޮށްދިނުމަށް

ހިލްޓަންއަށް ދައްކަން ޖެހޭ 24 މިލިއަން ޑޮލަރު (368 މިލިއަން ރުފިޔާ) ނުދެއްކި މައްސަލައިގައި ސިންގަޕޫރުން ފުރުން މަނާކޮށްފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ދިފާއުގައި ފޮރިން މިނިސްޓްރީން ސިންގަޕޫރަށް ސިޓީއެއް ފޮނުވިކަން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސިޔާމްގެ މައްސަލައިގައި، މިދިޔަ އަންގާރަ ދުވަހު ފޮރިން މިނިސްޓްރީގެ ލެޓާ ހެޑްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދު ސޮއި ކުރައްވައި މިނިސްޓްރީގެ ތައްގަނޑު ޖަހައި ފޮނުވާފައިވާ ސިޓީއެއް މިއަދު ވަނީ ސޯޝަލް މީޑިއާގައި ލީކްވެފަ އެވެ. އެފަދަ ސިޓީއެއް ފޮނުވިކަން ދައުރަށް ކަށަވަރުވެފައިވެ އެވެ. 

ތަފްސީލް - އެ ސިޓީއަކީ ސިންގަޕޫރުގެ ކޯޓް އޮފް އާބިޓްރޭޝަންގައި ސިޔާމް އާ ދެކޮޅަށް ކުރިއަށްދާ މައްސަލައިގައި ގޮތް ނިންމާ އިރު، ސިޔާމްގެ ރަނގަޅު ސިފަތަކަށް ރިއާޔަތް ކުރަން އެދި ފޮނުވާފައިވާ ސިޓީއެކެވެ. ސިޔާމަކީ ރާއްޖޭގައި މުހިއްމު މަގާމުތަކެއް ފުރުއްވައި ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ، މުޖުތަމައު ބަލައިގަންނަ، އިހުތިރާމް ލިބިގެންވާ އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށް ސިޓީގައި ވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ:

  • ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގައި މީދޫ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު

  • އަދި އޭނާ އަކީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ، މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބެހެލެއްޓުމުގެ ފުރުސަތު ވެސް ލިބެން އޮތް ބޭފުޅެއް

  • އޭނާ އަކީ ރާއްޖޭގެ ހަތަރުވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީއޭގެ ރައީސް

  • އޭނާއަކީ ރާއްޖޭގެ އެންމެ ޒުވާން ރިސޯޓް ވިޔަފާރިވެރިޔާ؛ އޭނާ ވަނީ ޓޫރިޒަމްގެ ދާއިރާއިން އެތައް އެވޯޑުތަކަކާއި ކާމިޔާބުތަކެއް ހޯދާައި އެދާއިރާއިން ގައުމީ އިނާމުވެސް ލިބިވަޑައިގެންފައި

  • މި ފަހަކަށް އައިސް އެ ދާއިރާއިން ދިން ރައީސްގެ ޓޫރިޒަމް ގޯލްޑް އެވޯޑު ވެސް ސިޔާމަށް ލިބިވަޑައިގަތް

  • ސިޔާމަކީ މިވަގުތު މާލޭގައި ހުންނަ ރޯމޭނިއާގެ ކޮންސިއުލޭޓްގެ ހެޑް، އަދި ރޯމޭނިއާގެ އިތުރުން ކޮރިއާގެ ވެސް އޮނޮރަރީ ކޮންސުލް ގެ މަގާމުގައި ހުންނެވި ބޭފުޅާ

ފޮރިން މިނިސްޓްރީގެ ބަސް - ސިޓީއާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސަފާތު އަހުމަދާ 'ދައުރު'އާ ގުޅުމުން އޭނާ ވަނީ އެ ސިޓީ ލިބުނު ގޮތާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެއަށްފަހު، އެ ސިޓީ އަކީ ސައްހަ ސިޓީއެއްތޯ ބެލުމަށްފަހު ގުޅާލާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، އެއީ ސައްހަ ސިޓީއެއްތޯ ނޫންތޯ މިހާތަނަށް ފޮރިން މިނިސްޓްރީން ޔަގީންކޮށްދީފަ އެއް ނުވެ އެވެ.

އެނގުން މުހިއްމު - ގައުމުތަކުގެ މަތީ މަގާމުތަކުގައި ތިއްބަވާ، ނުވަތަ ހިދުމަތްތެރި ބޭފުޅުންގެ މުހިއްމު ކަމާއި ރަނގަޅު ޝަހުސިއްޔަތު ފާހަގަކޮށް، މިފަދައިން 'ގުޑް-ސްޓޭންޑިން ލެޓާ' ފޮނުވުމަކީ އާންމު އުސޫލުގެ ދަށުން ކުރާ ކަމެކެވެ.

ނަމަވެސް، މަޖިލީހުގެ ހާޒިރީ އެންމެ ދަށް މެމްބަރުންގެ ތެރޭގައި ފާހަގަކުރެވިފައިވާ ސިޔާމް އާ ބެހޭ ގޮތުން ސިޓީގައި ލިޔެފައިވާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.

މި ހާލަތުގައި އެ ސިޓީ ފޮނުވުމަކީ ސިންގަޕޫރުގެ ގަވައިދުތަކުގެ ދަށުން އެގައުމުގެ ކޯޓުން ކުރިއަށްގެންދާ މުހިއްމު އަޑުއެހުންތަކަކަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރުން ކަމަށް ބުނެ ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. 

މީގެ ކުރިން ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އެހެން ބައެއް ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އެފަދަ 'ގުޑް-ސްޓޭންޑިން ލެޓާ' ފޮނުވާފައި ނުވަނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދާފައިވެ އެވެ.

ކޮމެންޓް (2)

ޟުހައްމަދު

21 ޖުލައި 2023
ޜާއްޖެގެ ދަށުދަރަޖައެއްފެނިގެންތިދިޔައީ ބޭރުދުނިޔެއަށް އަންގައިދިނީތި މިރާއްޖެއަކީ ރިސްވަތުދީގެންވެސް ސަރީއަތްތަކައްނުފޫޒު ފޯރުވާގައުމެއްކަން
1 0

ހިތަދޫ ހުސެން

20 ޖުލައި 2023
އެމްޑީޕީ ނަށިދު ފުށުން ސަލާމަތް ވެ މިހާރު ސިޔާމް ވަށާ އެނބުރެނީ. ހެހެހެ! ވަގުންގެ ޕާޓީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް