17 ޖުލައި 2022 - ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީއިން ބޭއްވި ހަފްލާގައި އަހްމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ސަން ސިޔާމް

ސިޔާމްގެ ދިފާއުގައި ފުލުހުން ފޮނުވި ސިޓީއެއް ވެސް ލީކުވެއްޖެ

ސިޔާމްގެ އެއްވެސް ކުށުގެ ރިކޯޑެް ނެތް ކަމަށާއި އޭނާއާ މެދު އެއްވެސް ޖިނާއީ ތަހުގީގެއް ހިންގަމުން ނުދާ ކަމަށް ސިޓީގައި ބުނެފައިވޭ

ހިލްޓަންއަށް ދައްކަން ޖެހޭ 24 މިލިއަން ޑޮލަރު (368 މިލިއަން ރުފިޔާ) ނުދެއްކި މައްސަލައިގައި ސިންގަޕޫރުން ފުރުން މަނާކޮށްފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ދިފާއުގައި ފޮރިން މިނިސްޓްރީން ސިންގަޕޫރަށް ސިޓީއެއް ފޮނުވިކަން ހާމަވެފައި ވަނިކޮށް، ފުލުހުން ފޮނުވާފައިވާ އެފަދަ ސިޓީއެއް ވެސް މިއަދު ލީކުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސިޔާމްގެ މައްސަލައިގައި، މިދިޔަ އަންގާރަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސްގެ ލެޓާ ހެޑްގައި ޗީފް ސުޕްރިންޓެންޑަންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް ސޮއި ކުރައްވައި ފުލުސް އޮފީހުގެ ތައްގަނޑު ޖަހައި ފޮނުވާފައިވާ ސިޓީއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެފަދަ ސިޓީއެއް ފޮނުވިކަން ދައުރަށް ކަށަވަރުވެފައިވެ އެވެ.

ފާހަގަކޮށްލެވޭ - ފޮރިން މިނިސްޓްރީއާއި ފުލުސް އޮފީހުގެ ފަރާތުން ފޮނުވައިފާ ދެ ސިޓީ ވެސް ފޮނުވާފައި ވަނީ އެއް ތާރީހެއްގަ އެވެ.

ތަފްސީލް - ސިޔާމްގެ އެދުމުގެ މަތިން ކަމަށް ބުނެ ފުލުހުން ފޮނުވާފައިވާ ސިޓީގައި "ކަމާބެހޭ ފަރާތްތަކު"ގެ ސަމާލުކަމަށް ގެނެސްފައިވާ ކަންކަމަކީ:

  • ސިޔާމް އަކީ ރާއްޖޭގައި އެއްވެސް ކުށުގެ ރިކޯޑެއް އޮތް ބޭފުޅެއް ނޫން

  • އޭނާގެ މައްޗަށް އެއްވެސް ކޯޓަކުން އެއްވެސް ކުށެއް ސާބިތުވެފަ އެއް ވެސް ނުވޭ

  • އޭނާގެ މައްޗަށް ފުލުހުން އެއްވެސް ޖިނާއީ ތަހުގީގެއް ހިންގަމުންނެއް ނުދޭ

މީގެ އިތުރުން، ފޮރިން މިނިސްޓްރީގެ ސިޓީގައި ވެސް ފާހަގަކޮށްފައިވާ ގޮތަށް، ސިޔާމަކީ ރައްޔިތުން މަޖިލީހުގެ މެމްބަރެއް ކަމާއި ރާއްޖޭގެ ފަރާތުން ރޯމޭނިއާ އާއި ކޮރެއާއަށް ކަނޑައަޅުއްވާފައިވާ އޮނޮރަރީ ކޮންސުލް ކަން ފާހަގަކޮށްފައިވެ އެވެ.

ބެލެވޭ ގޮތުގައި ފުލުހުން ފޮނުވާފައިވާ ސިޓީއަކީ ވެސް އާބިޓްރޭޝަނުން ނިންމާފައިވާ ގޮތަށް ބަދަލުގައި ގޮތުގައި ސިޔާމްގެ ކުންފުނިން ހިލްޓަންއަށް ފައިސާ ނުދައްކަވާތީ އެކަން ތަންފީޒު ކުރަން އެ ކުންފުނިން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކުރިއަށްދާ އަޑުއެހުންތަކާ ވިދިގެން ފޮނުވާފައިވާ ސިޓީއެކެވެ.

ފުލުހުންގެ ބަސް - އެ ސިޓީއަކީ ސައްހަ ސިޓީއެއްކަން ކަށަވަރުކޮށްދެމުން އެ ސިޓީގައި ސޮއި ކުރައްވާފައިވާ ޔޫނުސް ސޮބާހު މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ސިޓީއަކީ ސިޔާމް ފޮނުވި ސިޓީއެއްގެ ޖަވާބުގައި އޭނާއަށް ފޮނުވި ސިޓީއެއް ކަމަށެވެ. އަދި އެއީ އެއްވެސް ގައުމަކަށް ނޫނީ އިދާރާއަކަށް ފޮނުވި ސިޓީއެއް ނޫން ކަމަށް ވިދާޅުވި އެވެ. 

ނަމަވެސް، 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ސިޓީއަކީ ރެފަރެންސް ލިޔުމެއްގެ ގޮތުގައި ސިންގަޕޫރުގެ ހައިކޯޓުގައި މިހާރު ކުރިއަށް ދާ އަޑުއެހުންތަކަށް ހުށަހަޅަން ދިން ސިޓީއެކެވެ.

އެނގުން މުހިއްމު - ފުލުހުންގެ ފަރާތުން ފޮނުވާފައިވާ މި ސިޓީ ލީކުވެފައިވަނީ، ފޮރިން މިނިސްޓްރީން ފޮނުވި ސިޓީ އިއްޔެ ލީކުވުމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ގައުމުތަކުގެ މަތީ މަގާމުތަކުގައި ތިއްބަވާ، ނުވަތަ ހިދުމަތްތެރި ބޭފުޅުންގެ ކުށުގެ ރިކޯޑެއް ނެތް ކަމާއި، އެއްވެސް މައްސަލައެއްގައި ހުކުމްކޮށްފައި ނުވާކަން ފާހަގަކޮށް ފުލުހުން މިފަދަ ސިޓީ ފޮނުވުމަކީ އާންމު އުސޫލުގެ ދަށުން ކުރާ ކަމެކެވެ.

ނަމަވެސް، މިހާލަތުގައި ސިޔާމްގެ ދިފާއުގައި ފޮރިން މިނިސްޓްރީން އަދި ފުލުހުންގެ ފަރާތުން ސިޓީ ފޮނުވުމަކީ ސިންގަޕޫރުގެ ގަވައިދުތަކުގެ ދަށުން އެގައުމުގެ ކޯޓުން ކުރިއަށްގެންދާ މުހިއްމު އަޑުއެހުންތަކަކަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރުން ކަމަށް ބުނެ ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މީގެ ކުރިން ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އެހެން ބައެއް ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އެފަދަ ސިޓީތައް ފޮނުވާފައި ނުވަނީ ކީއްވެގެންތޯ ވެސް މީހުން ސުވާލު އުފައްދާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް