އެމްޑީއޭ އިން 24 ފެބްރުއަރީ 2023ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ސިޔާމް ވާހަކަދައްކަވަނީ. (ފޮޓޯ/އެމްޑީއޭ)

ހިލްޓަން މައްސަލައިގައި ސިޔާމް ސިންގަޕޫރުން ފުރުން މަނާކޮށްފި

އޭނާ ފުރުން މަނާކުރީ ހިލްޓަން މައްސަލައިގައި ކޯޓުގެ އަޑުއެހުމަކަށް ވަޑައިގަތުމުން ކޯޓް އަމުރަކުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ސިންގަޕޫރަށް ވަޑައިގެންނެވި ތަނުން އޭނާ އެ ގައުމުން ފުރުން މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - އިތުރުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި މީގެ ތިން ދުވަސް ކުރިން ސިޔާމް، ސިންގަޕޫރަށް ވަޑައިގެންނެވީ އޭނާގެ ސަން ޓްރެވަލްސްގެ މައްޗަށް، ހިލްޓަންއަށް 24 މިލިއަން ޑޮލަރު (368 މިލިއަން ރުފިޔާ) ދެއްކުމަށް އެ ގައުމުގެ އާބިޓްރޭޝަންއިން ކޮށްފައިވާ ހުކުމާ އެއްގޮތަށް އޭނާ އެ ފައިސާ ދައްކާފައި ނުވާތީ، އެ ނިންމުން ތަންފީޒު ކުރަން ހިލްޓަންއިން ކޯޓަށް ލީ މައްސަލައެއްގައި ހާޒިރުވުމަށް ފޮނުވި ޗިޓަކާ ގުޅިގެން އެވެ. 

ތަފްސީލު - އެނގިފައިވާ ގޮތުގައި، ސީދާ ސިޔާމް ހާޒިރުވާން ޖެހޭ ގޮތަށް ފޮނުވި އެ ޗިޓާ ގުޅިގެން އޭނާ ސިންގަޕޫރަށް ވަޑައިގަތުމާއެކު، އެގައުމުން ފުރުން މަނާ ކުރީ ހިލްޓަން މައްސަލައިގައި އާބިޓްރޭޝަނުން ދައްކަން އަމުރު ކުރި ފައިސާ ނުދައްކަވާތީ އެ ފައިސާ ދައްކަން ދެން އޭނާ ފުރުން މަނާކުރަން ކޯޓުން ނެރުނު އަމުރަކާ ވިދިގެންނެވެ.

މިދިޔަ ހަފްތާ ބަންދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި އެމަނިކުފާނާއެކު ރަށްތަކަށް ވަޑައިގެން އުޅުއްވި ސިޔާމްގެ ކޮމެންޓެއް މިކަމާ ގުޅޭ ގޮތުން އަދި ނުލިބެ އެވެ.

އިއްޔެއިން ފެށިގެން އޭނާ ނިސްބަތްްވާ އެމްޑީއޭގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.

އެނގުން މުހިންމު - ހިލްޓަންއިން ސަންޓްރެވްލްސްއާ ދެކޮޅަށް ދައުވާ ކުރީ، ނ. މެދުފުށީގައި ސަން އިން ހަދާފައިވާ އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ 27 ފެބްރުއަރީ 2009ގައި ހަވާލުކުރުމަށްފަހު، 2013ގައި އެ އެއްބަސްވުން ބާތިލު ކުރުމުން އެކަމުގެ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ސަން އިން އެ އެއްބަސްވުން ބާތިލު ކުރީ، ހިލްޓަން އިން އެ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އެވެ.

މައްސަލައިގެ ޓައިމްލައިން: 

  • 30 އެޕްރީލް 2013 - އިރުފުށި ހިންގަން ހިލްޓަންއާ އެކު އޮތް އެއްބަސްވުން ބާތިލްކޮށް، ރަށް ހަވާލުކުރަން ސަންޓްރެވަލްސްއިން 24 ގަޑިއިރު ދިން

  • މޭ 2013 - އެއްބަސްވުމާ އެއްގޮތަށް 70 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ހިލްޓަންއިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅި

  • އޮގަސްޓް 2015 - ސަން ޓްރެވަލްސްއިން، ހިލްޓަންއަށް ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދެއްކުމަށް އާބިޓްރޭޝަނުން އެންގި

  • 28 ޖެނުއަރީ 2016 - ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދަން ހިލްޓަންއިން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި

  • 30 ނޮވެމްބަރު 2016 - އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރެވެނީ ހައި ކޯޓަށް ކަމަށް ބުނެ، ހިލްޓަންއިން ސިވިލް ކޯޓަށް ލީ މައްސަލަ ބޭރުކޮށްލި

  • ޑިސެމްބަރު 2016 - ހިލްޓަން އިން އެއްބަސްވުމުގައި ސޮއިކުރުވީ މަކަރާއި ހީލަތުން ކަމަށް ބުނެ ހިލްޓަންގެ ކިބައިން 16.6 މިލިއަން ޑޮލަރު ނަގައިދިނުމަށް ސަން ޓްރެވަލްސްއިން ސިވިލް ކޯޓަށް ހުށަހެޅި 

  • 9 މާޗް 2017 - ސަންއަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި 

  • 17 އެޕްރީލް 2017 - އާބިޓްރޭޝަން ތަންފީޒުކުރުމުގެ މައްސަލަ ބަލަން ޖެހެނީ ސިވިލް ކޯޓުން ކަމަށް ހައި ކޯޓުން ހުކުމްކުރި

  • 21 ފެބުރުއަރީ 2019 - 24 މިލިއަން ޑޮލަރު ދެއްކުމަށް ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރުގެ އާބިިޓްރޭޝަން ކޯޓުން ކުރި އަމުރު އެ ގައުމުގެ ކޯޓް އޮފް އެޕީލް އިން ދެމެހެއްޓި

  • 6 ޖުލައި 2020 - ސަންއަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރި

  • އޮގަސްޓް 2020 - އާބިޓްރޭޝަން އެވޯޑް ތަންފީޒުކުރުމަށް ހިލްޓަންއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި

  • 10 ސެޕްޓެމްބަރު 2020 - ސިވިލް ކޯޓުގައި ހިނގަމުންދާ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމުގެ މައްސަލަ ނިމެންދެން ސަން ޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން އަމުރެއް ނެރުނު

  • 23 އޮގަސްޓް 2021 - ސަންއަށް 16 މިލިއަން ދައްކަން ހިލްޓަންގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރި ކުރުން ސުޕްރީމް ކޯޓުން ދެމެހެއްޓި

  • 9 ޑިސެމްބަރު 2021 - ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރުތަކަށް ހައި ކޯޓުން ތާއީދުކުރި

  • 5 ފެބުރުއަރީ 2023 - ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގި ގޮތަށް ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި

  • 23 ފެބުރުއަރީ 2023 - ހިލްޓަންއަށް ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ސަން ޓްރެވަލްސްއިން ހައި ކޯޓްގައި އިސްތިއުނާފުކުރި 

  • 2 އެޕްރީލް 2023 - އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ފައިސާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން ނެރުނު

އިތުރު އާޓިކަލް

އިތުރު އާޓިކަލް