ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް ސޯލިހް ސިޔާމްއާ އެވޯޑް ހަވާލުކުރައްވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް

ކޮންމެ ސަރުކާރެއްގައި ވެސް، އެ ފައިސާ ނުދައްކާ ހުންނެވޭނޭ މަގެއް ސިޔާމް ސިޔާސީ ގޮތުން ހޯއްދަވަނީ ހެއްޔެވެ؟

މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ނ. އިރުފުށި ރިސޯޓު ހިންގަން ދުނިޔޭގެ ބޮޑު ހޮޓާ ކުންފުނި، ހިލްޓަންއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމުން ސިންގަޕޫރުގެ އާބިޓްރޭޝަނުން ހިލްޓަންއަށް ދޭން ޖެހޭ ކަމަށް ނިންމި 24 މިލިއަން ޑޮލަރު ހޯދުމަށް އެ ކުންފުނިން މަސައްކަތްކުރާތާ މިހާރު އަށް އަހަރުވީ އެވެ. މައްސަލަ ހައްލުކުރަން ސަރުކާރުގައި އާދޭސްކޮށް ރާއްޖޭގެ ކޯޓުތަކުގެ ދޮރުގައި ވެސް އެ ބޮޑު ހިލްޓަންއިން ޓަކިޖަހައިފި އެވެ. އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ) އާއި ސިންގަޕޫރުގެ މަތީ ކޯޓް، ކޯޓް އޮފް އެޕީލްއިން ވެސް ފަހު ބަސް ބުނެފައި ވިޔަސް، ސަން ޓްރެވަލްސްގެ އަތުން އެންމެ ސެންޓެއް ވެސް ހިލްޓަންއަށް ލިބޭ ގޮތެއް ނުވެ އެވެ. އަދި ލިބޭނޭ ދުވަހެއް ލަފާކޮށްލަން ވެސް ނޭނގެ އެވެ. 

މައްސަލައިގެ ޓައިމްލައިން: 

  • 30 އެޕްރީލް 2013 - އިރުފުށި ހިންގަން ހިލްޓަންއާ އެކު އޮތް އެއްބަސްވުން ބާތިލްކޮށް، ރަށް ހަވާލުކުރަން ސަންޓްރެވަލްސްއިން 24 ގަޑިއިރު ދިން

  • މޭ 2013 - އެއްބަސްވުމާ އެއްގޮތަށް 70 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ހިލްޓަންއިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅި

  • އޮގަސްޓް 2015 - ސަން ޓްރެވަލްސްއިން، ހިލްޓަންއަށް ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދެއްކުމަށް އާބިޓްރޭޝަނުން އެންގި

  • 28 ޖެނުއަރީ 2016 - ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދަން ހިލްޓަންއިން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި

  • 30 ނޮވެމްބަރު 2016 - އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރެވެނީ ހައި ކޯޓަށް ކަމަށް ބުނެ، ހިލްޓަންއިން ސިވިލް ކޯޓަށް ލީ މައްސަލަ ބޭރުކޮށްލި

  • ޑިސެމްބަރު 2016 - ހިލްޓަން އިން އެއްބަސްވުމުގައި ސޮއިކުރުވީ މަކަރާއި ހީލަތުން ކަމަށް ބުނެ ހިލްޓަންގެ ކިބައިން 16.6 މިލިއަން ޑޮލަރު ނަގައިދިނުމަށް ސަން ޓްރެވަލްސްއިން ސިވިލް ކޯޓަށް ހުށަހެޅި 

  • 9 މާޗް 2017 - ސަންއަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި 

  • 17 އެޕްރީލް 2017 - އާބިޓްރޭޝަން ތަންފީޒުކުރުމުގެ މައްސަލަ ބަލަން ޖެހެނީ ސިވިލް ކޯޓުން ކަމަށް ހައި ކޯޓުން ހުކުމްކުރި

  • 21 ފެބުރުއަރީ 2019 - 24 މިލިއަން ޑޮލަރު ދެއްކުމަށް ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރުގެ އާބިިޓްރޭޝަން ކޯޓުން ކުރި އަމުރު އެ ގައުމުގެ ކޯޓް އޮފް އެޕީލް އިން ދެމެހެއްޓި

  • 6 ޖުލައި 2020 - ސަންއަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރި

  • އޮގަސްޓް 2020 - އާބިޓްރޭޝަން އެވޯޑް ތަންފީޒުކުރުމަށް ހިލްޓަންއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި

  • 10 ސެޕްޓެމްބަރު 2020 - ސިވިލް ކޯޓުގައި ހިނގަމުންދާ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމުގެ މައްސަލަ ނިމެންދެން ސަން ޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން އަމުރެއް ނެރުނު

  • 23 އޮގަސްޓް 2021 - ސަންއަށް 16 މިލިއަން ދައްކަން ހިލްޓަންގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރި ކުރުން ސުޕްރީމް ކޯޓުން ދެމެހެއްޓި

  • 9 ޑިސެމްބަރު 2021 - ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރުތަކަށް ހައި ކޯޓުން ތާއީދުކުރި

  • 5 ފެބުރުއަރީ 2023 - ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގި ގޮތަށް ހިލްޓަންއަށް 23 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި

  • 23 ފެބުރުއަރީ 2023 - ހިލްޓަންއަށް ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ސަން ޓްރެވަލްސްއިން ހައި ކޯޓްގައި އިސްތިއުނާފުކުރި 

  • 2 އެޕްރީލް 2023 - އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ފައިސާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން ނެރުނު

މި މައްސަލަ މިހާ ދިގުލައިގެން ދިއުމުން ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި އިންވެސްޓްކޮށްފައިވާ ދުނިޔޭގެ ބޮޑު ވިޔަފާރިއަކަށް މި ރާއްޖޭގައި އިންސާފު ނުލިބިގެން މި އުޅެނީ އެ މައްސަލައިގެ ވަށައިގެންވާ ބާރުގަދަ ސިޔާސީ ނުފޫޒުތަކާ ހުރެ އެވެ.

އެއީ ރާއްޖޭގައި ތިއްބެވި އެތައް ގާނޫނީ ވަކީލުން ވެސް އެ މައްސަލަ ތަރުޖަމާކުރައްވާ ގޮތެވެ. ސަން ޓްރެވަލްސް ކުންފުނީގެ ވެރިޔާ، ސިޔާމްގެ ބާރާއި ނުފޫޒު މާ ގަދައީ އެވެ. ކޮންމެ ސަރުކާރެއްގައި ވެސް، އެ ފައިސާ ނުދައްކާ ހުންނެވޭނޭ މަގެއް ސިޔާމް ސިޔާސީ ގޮތުން ހޯއްދަވަނީ ހެއްޔެވެ؟

"ސަން ޓްރެވަލްސްގެ ފަރާތުން ހުރި ކޮންސާންތައް ވެސް ބަލާފައި އާބިޓްރޭޝަނުން އަދި ސިންގަޕޫރުގެ ކޯޓް އޮފް އެޕީލްއިން ވެސް ނިމިފައިވާ ސާފު މައްސަލައެއް މިއީ. ރާއްޖޭގެ ގާނޫނުތަކުގައި ވެސް އާބިޓްރޭޝަނުން ނިންމާ މައްސަލަތައް ތަންފީޒު ކުރަން ލާޒިމް ކުރޭ. ދެން މި މައްސަލައިގައި އަޅުގަނޑަށް މި ފެންނަނީ އެކި ނުފޫޒުތަކުން ކޯޓުގެ އެކި މަރުހަލާތައް ބޭނުންކޮގެން ފައިސާ ނުދައްކައި ދިގު ދެންމޭނޭ ގޮތްތަކެއް ހޯދާ ތަން،" ކޯޓުގައި މައްސަލަ ހިނގަމުން ދާތީ ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ. 

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ސިޔާމް ނައިބު ރައީސް ފައިސަލްއާ ސަލާމްކުރައްވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

އަށް އަހަރު ފަހުން، ސިވިލް ކޯޓުން މައްސަލަ ނިމި ހިލްޓަންއަށް ބަދަލުގެ ފައިސާ ލިބި މައްސަލަ ކޮޅެއްގައި ޖެހޭނޭ ކަމުގެ އުންމީދެއް ލިބިފައި ވަނިކޮށް، އަނެއްކާ ވެސް މި މަހުގެ ދެ ވަނަ ދުވަހު ހައިކޯޓުން ނެރުނު ވަގުތީ އަމުރަކުން ފައިސާ ދެއްކުން މި ވަނީ ފަސްކޮށްފަ އެވެ. އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމާ އެކު ނެރުނު އެ އަމުރު މި އައީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރަން ސިޔާމް ނިންމަވައި ސަރުކާރާ އެކު ބައިއަތު ހިފިތާ މަހެއް ވެސް ނުވަނީހެވެ.

"ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ސިޔާސީ ގޮތުން ހަދާ ޑީލެއްގެ ހަދިޔާއޭ މި ލިބެނީ ބުނާނެ ޖާގަ އެބަ އޮތް. ކޯލިޝަން ލީޑަރަކމަށް ކަމެއް ކޮށްދިނުމޭ މިއީ. އެ ނޫން ސަބަބެއް އަޅުގަނޑަކަށް މީގައި ނުފެނޭ،" ކުރިން ވެސް ވާހަކަ ދެއްކެވި ގާނޫނީ ވަކީލު ވިދާޅުވި އެވެ.

ސިޔާމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ނުފޫޒު ގަދަ ކޯލިޝަން ޕާޓްނަރު ކަމަށް ވީ އިރު، އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކުރަން ހިލްޓަންއިން އޭރު ހުށަހެޅި މައްސަލަ އެ ގޮތުގައި ކޯޓުގައި އޮއްވާ، އޭގެ މާ ފަހުން ސަން ޓްރެވަލްސްއިން އެ ކުންފުނީގެ މައްޗަށް ހުށަހެޅި ބަދަލު ހޯދުމުގެ މައްސަލައެއް ކޯޓުން ނިންމައި ހުކުމްތައް އައިސްފައިވެ އެވެ. މިއީ ނުފޫޒެއް ނެތި ހިނގާނޭ ކަމެއް ހެއްޔެވެ؟ އެ ހިސާބުން، މުޅި މައްސަލަ އަނެއްކާވެސް އޮޅުންބޮޅުންވެ، ހިލްޓަންއަށް އެތައް އަހަރެއް ގެންލިގެން ދިޔައީ އެވެ.

ވަކީލު ވިދާޅުވި ގޮތުގައި، އެ މައްސަލައިގައި ސަން ޓްރެވަލްސްއިން ކޯޓްތަކުގެ މަރުހަލާތަކުގެ ތެރެއިން ދިގުދަންމާލައި ތާށިކޮށްލުމުގެ އުކުޅުތައް ބޭނުން ކުރާ ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ފުރުސަތު ކޯޓުތަކުން ދީގެން ނުވާނޭކަން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކުން ސާފުވެ އެވެ.

ރިޔާސީ ބަޔާން އިއްވަން މިދިޔަ ފެބްރުއަރީ މަހު ބޭއްވި މަޖިލިސް ޖަލްސާއަށް ރައީސް ސޯލިހް ވަޑައިގެންނެވުމުން ސިޔާމް އެ މަނިކުފާނަށް މަރުހަބާ ވިދާޅުވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެޗްޑީސީއާ ދެކޮޅަށް މީހަކު ކުރި ދައުވާއަކާ ގުޅިގެން 2020 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ފާހަގަކޮށްފައިވެ އެވެ؛ "އިސްތިއުނާފު ކުރާނޭ ގާނޫނީ ސަބަބެއް ނެތް މައްސަލަތަކުގައި ކަނޑައެޅިގެން ފައިސާ ދައްކަން ޖެހޭ ފަރާތަށް ފައިސާ ދެއްކުން ލަސްކުރުމުގެ ބޭނުމުގައި ނުވަތަ ދަށު ކޯޓުން ކުރަން އަންގާފައިވާ ކަމެއް ނުކޮށް ލަސްކުރުމުގެ ބޭނުމުގައި އެ މައްސަލައެއް ކޯޓުތަކުގެ އިސްތިއުނާފީ މަރުހަލާއަށް ވައްދައިގެން އެ މަރުހަލާގެ ބޭނުން ތައައްސަފީ ގޮތުން [މެނިޕިއުލޭޓްކޮށްގެން] ބޭނުންކޮށް އަނެކުންނަށް ގެއްލުން ކުރުމުގެ ނިޔަތުގައި އެކަން ކުރުން ހުއްޓުވައި އިންސާފުގެ ރާސްތާ ކުރު ކުރުމަކީ ކޯޓްތަކުގެ މައްޗަށް ގާނޫނުން ލާޒިމް ކުރާ" ކަމެކެވެ. 

ސުޕްރީމް ކޯޓުގެ މި ބަހުން ސާފުވާ ކަމަކީ މަދަނީ މައްސަލަތަކުގައި އެކަށީގެންވާ ގާނޫނީ ސަބަބުތައް ނެތި، ހަމައެކަނި މައްސަލައެއް ދިގު ދަންމާލުމުގެ ނިޔަތުގައި އިސްތިއުނާފުކުރުން ބަހަނާއަކަށް ދައްކަން ޖާގަދީގެން ނުވާނޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެކަށީގެންވާ ސަބަބުތަކެއް ދެއްކުމެއް ނެތި، ދަށު ކޯޓެއްގެ ހުކުމް ހަމަ އެކަނި ގޯސް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނުމަކީ މައްސަލައެއް މަތީ ކޯޓުތަކުން ބަލައިގަނެ، މައްސަލަ ކުރިއަށް ގެންދަން އޮތް ސަބަބެއް ނޫނެވެ. 

އެހެންވެ، އެ ބުނުމަށް ރިއާޔަތްކޮށް އެހެން ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، ފައިސާ ދެއްކުން ލަސްކުރުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން ނެރުނު ނެރުމަކީ ފައިސާ ނުދައްކަން ސަން ޓްރެލަވްސްއިން އަނެއްކާވެސް ހޯދި މަގެކެވެ. ސަންގެ ވާހަކަތަކުގައި ގާނޫނީ މާ ބޮޑު ބުރަދަނެއް ނެތްކަން އެ ހުރިހާ ކަމަކުން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިވިލް ކޯޓުން ނިންމި މައްސަލަ އާއި ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމާފައި ހުރި މައްސަލަތަކުން ވެސް އެ މައްސަލައިގެ ވަރަށް ގިނަ ހަގީގަތްތައް ސާފުވާން ހުއްޓާ، އިސްތިއުނާފުކޮށްފައި އޮތަތީއޭ ކިޔާފައި އަމުރެއް ނެރުމަކީ އަޅުގަނޑު ބުނާނީ އެއީ ހަމަ ސުޕްރީމް ކޯޓުގެ ހުކުމުގައި އެ ބުނާ ކަހަލަ ފައިސާ ނުދައްކާން ވެގެން އިސްތިއުނާފުގެ މަރުހަލާ ނަހަމަ ގޮތުގައި ބޭނުން ކުރުމޭ. ޓެކްސްޓްބުކް އެގްޒާމްޕަލްއެކޭ އެއީ،" ވަކީލަކު ވިދާޅުވި އެވެ.

"ކޯޓުތަކުން އެ ކަމަށް ޖާގަ ދީގެން ނުވާނޭ ކަމަށް އަޅުގަނޑު ދެކެނީ." 

އިރުފުށި ރިސޯޓް. (ފޮޓޯ/ ޓްރިޕް އެޑްވައިޒާ)

އާބިޓްރޭޝަންގެ ނިންމުމެއް ތަންފީޒު ކުރަން ރާއްޖޭގެ ކޯޓުތަކުގެ ދޮރުގައި ހިލްޓަންއިން ޓަކި ޖަހާލަ ޖަހާލައި އަށް އަހަރު ތިބެން ޖެހުމަކީ ނުފޫޒެއް ނެތިކަން ހިނގާނޭ ގޮތެއް ނޫނެވެ. އެހެން ނޫނީ މިހާ ބޮޑު ވިޔަފާރީގެ މައްސަލައެއް ނުނިމި ދިގުލައިގެން ދާން ޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

އާބިޓްރޭޝަނުންނާއި ސިންގަޕޫރުގެ އެންމެ މަތީ އެޕީލް ކޯޓުން ނިންމާފައިވާ ގޮތަށް ހިލްޓަންއަށް ފައިސާ ނުދައްކަން ސަން ޓްރެވަލްސްއިން ދައްކާ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ.

އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކުރަން ސިވިލް ކޯޓުން ނެރުނު ހުކުމުގައި ހުރި ކަންތައްތަކުން ފާހަގަވާ ގޮތުގައި، ސަން ޓްރެވަލްސްގެ އެންމެ ބޮޑު ދިފާއަކީ އާބިޓްރޭޝަންގެ ނިންމުމަކީ ރާއްޖޭގެ އާންމު ސިޔާސަތާއި އުސޫލުތަކާ ހިލާފު ނިންމުމެއް ކަމުން، އެކަން ތަންފީޒު ކުރަން ނުޖެހޭނޭ ކަމަށް ބުނާ ބުނުމެވެ.

ނަމަވެސް، ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް ފެބްރުއަރީ މަހު ހުކުމް ކުރެއްވި ގޮތުގައި، ހޮޓަލް މެނޭޖްމަންޓް އެއްބަސްވުމަކާ ގުޅިގެން ދެ ވިޔަފާރިއެއްގެ ދެމެދުގައި އުފެދޭ މަދަނީ ދެބަސްވުމަކީ ރާއްޖޭގެ އާންމު ސިޔާސަތާ ހިލާފު ކަންކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްބަސްވުންތަކަކީ ރާއްޖޭގެ ގާނޫނުތަކުން ބަލައިގަންނަ އެއްބަސްވުންތަކެއް ކަމަށް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެފަދަ އެއްބަސްވުންތަކާ ހިލާފުވާ ހާލަތުގައި ގެއްލުންވާ ފަރާތަށް ބަދަލު ނަގައިދިނުމަކީ ރާއްޖޭގެ އާންމު ސިޔާސަތުން ބާރު އަޅާކަމެއްކަން ހުކުމުން ސާފުވެ އެވެ.

އިރުފުށި ރީބްރޭންޑްކޮށް ހުޅުވުމަށް ބޭއްވި ހަފްލާގައި އޭރުގެ ރައީސް ޔާމީނާއި އެމްޑީއޭގެ ލީޑަރު ސިޔާމް. (ފައިލް ފޮޓޯ/ރައީސް އޮފީސް)

މީގެ އިތުރަށް، ސަންއިން ފާހަގަކުރާ ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރީ ހިލްޓަންއިން މަކަރާއި ހީލަތް ހަދައި އޮޅުވާލައިގެންނެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައި ވަނީ ސަން ޓްރެވަލްސްއަކީ ޓޫރިޒަމް ދާއިރާގައި ތަޖުރިބާ ހުރި ކުންފުންޏަކަށް ވާއިރު، އެފަދަ އޮޅުވާލުމެއް އޮޅުވާލެވޭނޭ ކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ގަބޫލުކުރެވޭނޭ ޖާގައެއް ނެތް ކަމަށެވެ. މީގެ އިތުރުން، ސިންގަޕޫރުގެ އެޕީލް ކޯޓުން ނިންމާފައި ވަނީ، ހުށަހެޅިފައިވާ ހެކިތަކާއި ތަޖުރިބާކާރުންގެ ރައުޔުތަކަށް ބަލާއިރު އެއްބަސްވުން ހެދުމުގައި ހިލްޓަންއިން ހަދާފައިވާ އަންދާޒާތަކަކީ އޮޅުވާލުމެއް ނޫން ކަމަށާއި އެއީ ބަލައިގަނެވޭނޭ ކަންތައްތަކެއް ކަމަށެވެ. 

ހިލްޓަންއިން ސަން ޓްރެވަލްސްއަށް ބަދަލު ދޭން ޖެހޭ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުން ވެސް މި މައްސަލައިގެ ދެ ކަމެއް ސާފުވެ އެވެ. އެއީ:

  • ބޭރުގެ އާބިޓްރޭޝަނުން ނިންމާފައިވާ މައްސައަކާ ގުޅިގެން ރާއްޖޭގެ ކޯޓުތަކުން މައްސަލަތައް ބަލައި އާބިޓްރޭޝަނުން ބޭރުން ގޮތް ކަނޑައެޅުމަކީ ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތައް ޖާގަ ދޭނެ ކަމެއް ނޫންކަން

  • ރާއްޖޭގެ ކޯޓެއްގައި ކުރިއަށް ގެންދަން ވާނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމުގެ މައްސަލަ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވޭ

  • އެއްބަސްވުމެއް ސައްހަ ނޫން ކަމަށް ކަނޑައަޅާފައި ނުވާހާ ހިނދެއްކައި ކޮންޓްރެކްޓްތައް ދެމެހެއްޓުމަކީ ކޯޓްތަކުގެ ވާޖިބެއް ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވޭ

ހިލްޓަން އާއި ސަން ޓްރެވަލްސްއާ ދެމެދު އުފެދުނު މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓާއި، ހައިކޯޓާއި އަދި ސުޕްރީމް ކޯޓުންކޮށްފައިވާ ހުކުމްތަކުން ދައްކައިދޭ ބޮޑު މަންޒަރަކީ ސަން ޓްރެވަލްސްއިން އާބިޓްރޭޝަންގެ ނިންމުމަށް އިހުތިރާމްކޮށް ބަދަލު ދޭން ޖެހޭ ކަމެވެ. އަދި ސަން ޓްރެވަލްސްގެ ވާހަކަތަކުގައި މާ ބޮޑު ގާނޫނީ ބުރަދަނެއް ނެތް ކަމެވެ. ބޭރުގެ އިންވެސްޓަރުންނާ އެކު ހަދާފައި ހުންނަ އެއްބަސްވުންތަކުން ހޯދައިދޭ ރައްކާތެރިކަން ކޯޓުތަކުން އެ ފަރާތްތަކަށް ހޯދައިދޭން ޖެހޭކަން ވެސް ހުކުމްތަކުން ކަށަވަރުކޮށްދެ އެވެ.

އެކަމަކު، މި މައްސަލަ މިހާތަނަށް ހިނގަމުން އަންނަ ގޮތުން މި ފެންނަނީ އެ މަންޒަރެއް ނޫނެވެ. ސަން ޓްރެވަލްސްގެ ވެރިޔާގެ ނުފޫޒާއި ބާރުގައި ބޮޑު އިންވެސްޓަރަކު ރާއްޖޭގައި ގޮތް ހުސްވެފައިވާ ކަމެވެ. ނަން ނުޖަހާ ގޮތަށް ރާއްޖޭގެ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި، ހިލްޓަންއާ މެދު އަމަލު ކުރެވޭ ގޮތުން ރާއްޖެއިން މި ދެނީ އިންވެސްޓަރުންނަށް ރާއްޖޭގައި ރައްކާތެރިކަން ނެތް ކަމުގެ މެސެޖެކެވެ. މިއީ ރާއްޖެ އަންނަން ތިބި އިންވެސްޓަރުން ވިސްނާނޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ވިސްނާލާ މިއީ ހިލްޓަންގެ ވާހަކަ މިދައްކަނީ. އެމެރިކާގެ ބޮޑު ނުފޫޒު ގަދަ ކުންފުންޏެއް. ދެން އެހެން ކުދި އިންވެސްޓަރުންނަށް މިސާލަކަށް ވާނެ ގޮތް ވިސްނާލައްވާ. މި ރާއްޖޭގައި އެބަ އޮތްތަ އިންވެސްޓަރުންނަށް ރައްކާތެރިކަމެއް،" އޭނާ ސުވާލު އުފެއްދެވި އެވެ.

ސަން ސިޔާމް ބިލްޑިން. (ދައުރު ފޮޓޯ)

މީގެ ކުރިން ހިލްޓަންއިން ވެސް އެކި ފަހަރު ސަރުކާރުގެ ވެރިންނާ ވެސް ބައްދަލުކޮށް މައްސަލައަށް ހައްލު ހޯދުމުގެ މުހިންމުކަން ފާހަގަ ކޮށްފައިވެ އެވެ. ލިޔުމުން ވެސް އެ ވާހަކަ ބުނެފައިވެ އެވެ. އަދި އެމެރިކާ ސަރުކާރުން ވެސް އެކަމާ ރާއްޖެއާ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކިކަން ކަށަވަރުވެފައިވެ އެވެ. އެކަމަކު، އެކަމުން ވެސް ނަތީޖާއެއް ނުފެނުނެވެ. 

ޔާމީންގެ ސަރުކާރުގައި 2015ގައި ހިލްޓަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި އެ ކުންފުނީގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޕްރެޒިޑެންޓް މާޓިން ރިންކް ދިވެހި ސަރުކާރުގައި އެ މައްސަލަ ހައްލުކޮށްދޭން އެދި ފޮނުއްވި ސިޓީއެއް އާންމުވެފައިވެ އެވެ. އެ ސިޓީގައި ވެސް އޭނާ ވިދާޅުވެފައިވެ އެވެ؛ "ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އޮތް އިތުބާރު ދަމަހައްޓައި ގެއްލުމެއް ކުރިމަތިވިޔަ ނުދިނުމަށް ހިލްޓަން އާއި ސަން ޓްރެވަލްސްގެ ފައިސާގެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަކީ ދެ ފަރާތަށް ވެސް އެންމެ ފައިދާ ބޮޑު ގޮތް" ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ސިޔާސީ މީހުންނަށް މުހިންމުވަނީ އެ މީހުންގެ އަމިއްލަ އެދުމެވެ. އިންވެސްޓަރުންގެ އިތުބާރެއް އެ މީހުންނަށް މުހިންމުވާ ތަނެއް ނުފެނެ އެވެ. މިހާރުގެ ސަރުކާރަށް ވެސް މުހިންމު ވަނީ ސަން ޓްރެވަލްސްގެ ވެރިޔާ ރުއްސައިގެން ދެ ވަނަ ދައުރެއް ހޯދުން ކަމަށް ވެދާނެ އެވެ. އެކަމަކު، މުޅި ގައުމުގެ މަސްލަހަތު އޮތީ އެ ގޮތަކަށް ނޫނެވެ. ސަން ޓްރެވަލްސްގެ މައްސަލައަކީ، ރާއްޖެއާ މެދު އޮންނަ އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓަން އަވަހަށް ނިމުމެއް އަންނަން ޖެހޭ މައްސަލަ އެކެވެ.

އެކަމަކު ސުވާލަކީ؛ ރާއްޖޭގެ ސިޔާސީ މީހުންގެ އެ އިހުލާސްތެރިކަން އަދި އެ ކެރުންތެރިކަން އެބަ ހުރި ހެއްޔެވެ؟ 

ކޮމެންޓް (14)

ސިޔާމއ

10 އޭޕްރީލު 2023
މި ސިޔާމަށް އިބޫ ހޮވިއްޖިޔާމުން ހަވާލުކުރާނެ ވުޒާރާއެއް ނުނި ވުޒާރާތަކެއް. ޓުރިޒަމް؟ ހޯމް މިނިސްޓްރި؟ ޔޫތު؟ ދެން ރާއްޖެ އޮންނާނެ ހާލު ވިސްނާލާ.
5 0

ހިލްމީ

9 އޭޕްރީލު 2023
ތިޔަ ސިޔާމު ރާއްޖެއައި އިރު ގެނައި ދަބަހުން ރާފުޅިއެއް ފެނިގެން އެމައްސަލައިގެ ޝަރީއަތްވެސް ކޯޓުގައި ބެލި،
7 0

ޖަސްޓިސް

9 އޭޕްރީލު 2023
ވަރަށް މޮޅު އަރޓިކަލްއެއް! ރަނގަޅަށް ދިރާސާކުރެވި، ފެކްޓްސްތަކަށް ބިނާކުރެވިފަ. ނޫސްވެރިޔާއަށް ސާބިތުކަން ދެއްވާށި، ވަރަށް އުނދަގޫ ދިމާވާނެކަމަށް ފެނޭ... ކެތްކުރާތި ދަރިޔާ! މިއީ ހަގީގީ ނޫސްވެރިކަމަކީ.
19 0

ނާއިފް ފޭން

9 އޭޕްރީލު 2023
@ޖަސްޓިސް ނާއިފް ވަރެއް ނޯއްނާނެ އިންގޭތަ
7 0

ނަޝީދު

8 އޭޕްރީލު 2023
މިއެނގުނީ ޔާނު އާފެޔައް ޖެހެން މީނަ ބޭނުން ކުރަން އުޅުނު ޓުރިކު ސަހަލު ހަމަ އެކަތި ވެސް ނެތީ ބާ
11 0

ޢަލީ އަލީ

8 އޭޕްރީލު 2023
ތިޔަ ދައްކަވަނީ ސިޔާމް ގަ ވާހަކަ ޓިޔަ ސިޔާމަށް މުއައްޒިފުންނަށް މުސާރަވެސް ދެވެނޛ މަހުގެ 15 ހިސާބުގަ
13 0

ޤައުމު

8 އޭޕްރީލު 2023
މި ސިޔާމަކީ މީހަކަށް ދުވަސްދުއްވާލާނެކަމުގެ އިންޒާރު ދީފަހުރި ނުރައްކާ ޓެރަރިސްޓެއް. އޯޑިއޯ އަޑުއެހިން
15 0

ސާލިމް

8 އޭޕްރީލު 2023
ސިޔާމް މިހެދަމުންދާގޮތުން ބޭރުގެ އިންވެސްޓަރުން/ވިޔަފާރިވެރިން ރާއްޖޭގައި ވިޔަފާރިކުރަން އަދި ދިވެހިންނާއިގުޅިގެން ވިޔަފާރިކުރުން ވަރަށް އުދަގޫކަމަކަށް ވެއްޖެ. ބޭރުމީހުން ދިވެހިންނަށް އިތުބާރުކުރުން ހުއްޓުމަކަށް އަތުވެއްޖެ. ސިޔާމްގެ މިއަމަލުން ދިވެހިރައްޔަތުންނަށް ފޫނުބެދޭ ވަރުގެ ގެއްލުމެއް މި ލިބެމުންދަނީ. މިކަމުގެ ގެއްލުން އަޅުގަޑުމެންގެ ދަރިންގެ ދަރިންނާއި ހަމައަށް ދެމިގެންދާން
19 0

ސާލިމް

8 އޭޕްރީލު 2023
އެގްރީމެންޓަށް އޮނާ ނުކޮށް އަދި ޝަރުއީ ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ މުޅިގައުމުގެ ސިސްޓަމްތައް ވޯކް ކުރަމުން ނުދާކަން ދައްކައިދޭ ކަމެއް.
22 0

އިއްސެ

6 އޭޕްރީލު 2023
އިންވެސްޓަރުންނާއި، މެނޭޖްމަންޓް ކޮމްޕެނީ އަކީ މުޅިން ދެ ބަޔެއް! ހިލްޓަން އަކީ މި މައްސަލައިގަ އިންވެސްޓަރެއް ނޫން. އިންވެސްޓަރަކީ ސަން ޓްރެވަލް، އެމީހުންގެ އެންމެބޮޑު ސަބަބަކަށް އަބަދުވެސް އެ ދައްކަނީ އެމީހުންކުރި ބޮޑު އިންވެސްޓްމަންޓް މެނޭޖްކުރަން ހަވާލުކުރިއިރު ނެރޭދޭނެ ކަމަށް ހިލްޓަން އިން ބުނި ފައިދާ ނުނެރެ ދެވުން. ހިލްޓަން އަކީ މީހުން ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފަ ތަންތަން މެނޭޖްކުރަން ހަވާލުކުރާ ބަޔެއް
4 21

ސިޔާމް

10 އޭޕްރީލު 2023
@އިއްސެ އިންވެސްޓަރުންގެ އިތުބާރު ގެއްލެނި ބައިނަލްއަގުވާމި އާރިބިޓްރޭޝަން ނިންމުންތައް ރާއްޖޭގެ ކޯޓުން ތަންފިޒް ނުކުރެވޭތި. ރާއްޖޭގެ ޝަރުއި ނިޒާމަށް އިތުބާރު ނެތިމަ. ހިލްޓަން އިންވެސްޓަރަކަށް ވުމާއި ނުވުން އެއި އެހެންކަމެއް. ރާއްޖޭގެ ކޯޓުތައް މިނިވަނެއް ނުވޭ. ސަރުކާރާއި ސިޔާސި ވެރިންނާއި މުއްސަދިންގެ ޖިބުގަ އަދިވެސް ކޯޓުތައް. ވަރަށް ދެރަ ކަމެއް.
7 0

މޯޑް

6 އޭޕްރީލު 2023
ތިބުނާ ހިލްޓަން ކީޔާ ގުރޫޕް އަކީ މުޅި ދުނިޔެތެރޭގައިވެސް ތިބި ހޮޓާ ހިންގާ އެއްމެ އުނދަގޫ ބޮޑު ވަގުން. ށިޔާމް ހިލްޓަން އަތުން އަބުރާ ތަން އަތުލީ ރިޒޯޓް ކުދިންެގެ ހައްގުގައި އަތުލަންޖެހިގެން. ހިލްޓަން މީހުން ކަންތަން ކުރާ ގޮތް ނޭގޭ ބަޔަކަން ނޭގުނަސްް އަހަރުމެނަން އިގޭ ބެކް ގްރައުންޑް ނުބާ ބައެއް
1 26

ކައްޕި

8 އޭޕްރީލު 2023
@މޯޑް ޢަހަރުންނަށް އެނގިފަ އޮތް ގޮތުގަ މުޅިދުނިޔޭގަވެސް އެންމެ ބެކްގްރައުންޑު ނުބައި މީހަކީ ތިކިޔާ ސަންޓްރެވަލް ކުޑަފަރީ ސިޔާމް
22 1

ސާރާ ޝިޔާމް

6 އޭޕްރީލު 2023
ސިޔާމް އާއިއެކު ވިޔަފާރިކުރާ މީހުން ވަރަށް ވިސްނައިގެން އެޅެންޖެހޭކަން މިއެނގެނީ، އެގްރީމެންޓެއް ހެދިޔަސް އޮނަރ ކުރާނީ ސިޔާމް ބޭނުމިއްޔާ އެކަނި
26 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް