ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމުގެ ޖަލްސާގައި ގާސިމް ރޭ ސެލްފީއަކަށް ހުއްޓިވަޑައިގެން (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އެހެން ފިކުރުތައް ޓެސްޓްކޮށްފި، މިފަހަރު އަޅުގަނޑަށް ފުރުސަތު ދެއްވާ: ގާސިމް

ގާސިމްގެ ވާހަކައިގައި ގައުމުގެ މިސްރާބު ގެއްލިފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރެއްވި

ރާއްޖޭގެ އެހެން ސިޔާސީ ފިކުރުތައް ޓެސްޓް ކުރެވިއްޖެ ކަމަށާއި އެއީ ވަރަށް ނިކަމެތި، ހިތި ތަޖުރިބާއެއް ކަމަށް ވިދާޅުވެ، މިފަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާއަށް ވެރިކަން ދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އެއްވެސް މީހަކު ވާދަ ނުކުރުމުން ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރުވި ގާސިމަށް ރަސްމީކޮށް ޓިކެޓް އެރުވުމަށް މާލޭ ކާނިވާ ސަރަހައްދުގައި މިރޭ ވަނީ ޖަލްސާއެއް ބާއްވައިފަ އެވެ. ޓިކެޓާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްކެވި ވާހަކައިގައި ގާސިމް ވަނީ އޭނާ ތިންވަނަ ފަހަރަށް ވެރިކަމަށް ކުރިމަތިލެއްވި ސަބަބާއި ވެރިކަން ލިބިއްޖެ ނަމަ ކުރައްވާނެ ބައެއް ކަންކަން ހާމަ ކުރައްވާފަ އެވެ.

ތަފްސީލު - ގާސިމް ވިދާޅުވީ އޭނާގެ ބޮލުގައި މި އެޅުނީ ނުހަނު ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އޭނާގެ ގާބިލުކަމާއި ކެރިފޯރުންތެރިކަން ހުރި އެންމެ މަތީ މިންވަރަކަށް އެ މަސްއޫލިއްޔަތު އަމާނާތްތެރިކަމާ އެކު އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"ޝައްކެއް ނެތް ގޮތުގައި ދިވެހި ގައުމު މި އޮތީ ނުރައްކާ ފައްތަރެއްގައި. އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައި. ގައުމު ސަލާމަތް ކުރެވޭނެތޯ ރައްޔިތުން މިވަނީ ސުވާލު އުފައްދާފައި. ގައުމުގެ މިސްރާބު މިވަނީ ގެއްލިފައި،" ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ އެ ހާލަތުން ރައްޔިތުން ސަލާމަތްކޮށްދޭން ކަމަށް ވިދާޅުވެ، ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި ނުތަނަވަސްކަމުން އަރައިގަތުމަށްޓަކައި ތިޔަ ބޭފުޅުން އެކަތިގަނޑަކަށްވެ، މި ހާސްކަމުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށް އަޅުގަނޑަށް [ވެރިކަން ކުރުމަށް] ފުރުސަތެއް ދެއްވުން ކީއްތޯ؟" 

އޭނާ ވިދާޅުވީ 'ހާސްކަނޑާލައި، ހަމަޖެހޭނެ! ކުރިއަށް ދިވެހި ގައުމު!' މި ޝިއާރާ އެކު އިންތިހާބަށް ނުކުމެވަޑައިގަތީ ހުރިހާ މައްސަލަތަކުގެ ހައްލު ހިފައިގެން ކަމަށެވެ.

ގާސިމް (ކ) ރޭ ޖޭޕީގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ތިޔަ އިއްޒަތްތެރި ރައްޔިތުން ވަނީ، އެމްޑީޕީ އާއި ޕީޕީއެމް ވެސް ތަޖުުރިބާކޮށްފައި. ތިޔަ ބޭފުޅުންނަށް ޓެސްޓް ނުކުރެވި އޮތް ސިޔާސީ ފިކުރަކީ، 2008ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް އެހީތެރިވި ޖުމްހޫރީ ފިކުރު

ގާސިމް އިބްރާހިމް/ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް

ކުރިން ދެ ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުން ނާކާމިޔާބީއާ ކުރިމަތިލަަަައްވަން ޖެހިވަޑައިގެންނެވި ގާސިމް ވިދާޅުވިގޮތުގައި ގައުމު މިއަދު އޮތް މިސްރާބަކީ "އެތެރެެ އާއި ބޭރުގެ ދަރަނި ލޮލުކޮޅަށް ނުފެންނަ ހިސާބަށް އޮބާލާފައި" ވުމެވެ. 

"މި ނާޒުކު ދަނޑިވަޅުގައި މިފަދަ މަސްއޫލިއްޔަތެއް އަދާކުރުމަށް އަޅުގަނޑު މި ނުކުތީ، ވަރަށް ގިނަ ވިސްނުންތަކެއް ވިސްނުމަށް ފަހު. އެއީ، މާޒީގައި ވެސް އަދި މިއަދު ވެސް އެކި ސަރުކާރުތަކުން ކަންތައްތައް ކުރައްވަމުން އައިސްފައިވާ ގޮތުން ރައްޔިތުންނަށް ލިބެމުންދާ ނިކަމެތިކަމާއި ތަހައްމަލު ކުރަމުންދާ ގެއްލުންތަކާއި ހިތްދަތިކަމުން ސަލާމަތްކޮށްދެވޭތޯ،" މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުވި ކޮންމެ ސަރުކާރެއް ގެނައުމަށް ކޯލިޝަން ހައްދަވާފައިވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނައިން)

މިދިޔަ ތިން ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދީ، ގާސިމް ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ކަަމަށެވެ. އެ ތިން ސަރުކާރުގައި ވެސް ކޯލިޝަންތަކަށް ދިމާވި މައްސަލަތަކާއި ކަންބޮޑުވުންތައް މިރޭ ވެސް ތަކުރާރުކުރައްވަމުން ގާސިމް ވިދާޅުވީ ހުރިހާ ރައީސުން ވެސް މަސައްކަތް ކުރެއްވީ ބާރުވެރިކަން އިތުރު ކުރުމަށް ކަމަށާާއި އެކަމަކު އެކަމުގެ ތަފްސީލަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

"ތިޔަ އިއްޒަތްތެރި ރައްޔިތުން ވަނީ އެމްޑީޕީ އާއި ޕީޕީއެމް ވެސް ތަޖުުރިބާކޮށްފައި. ތިޔަ ބޭފުޅުންނަށް ޓެސްޓް ނުކުރެވި އޮތް ސިޔާސީ ފިކުރަކީ، 2008ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް އެހީތެރިވި ޖުމްހޫރީ ފިކުރު،" ޖެހި ގޮނޑިތަކާ އެއްވަރަށް މީހުން ނައުމުން ފެށުން ލަސްވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ގާސިމް ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމުގެ ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ޖުމްހޫރީ ފިކުރަކީ، ގާސިމް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީ އާއި ވެރިކަމުގެ އިންތަައް ކަނޑައެޅުމުގެ މޭސްތެރިން އުފެއްދި ފިކުރެވެ. އަދި އެއީ ޒުވާނުންނާއި ހަރު މީހުންނަށް ބޭނުންވި އިސްލާހުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި "އެންމެ ބޮޑު ރިސްކުތައް ނެގި ރީފޯމިސްޓުންގެ ފިކުރު" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމުގެ މޫރިތިކަން ހަގީގީ މާނައިގައި ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ނަމަ، އެ ފުރުސަތު އަޅުގަނޑާއި ޖުމްހޫރީ ޕާޓީއަށް ދެއްވަން ކީއްތޯ؟ އާދެ، އެހެން ގޮތަކަށް ދަންނަވާ ނަަަމަ، އެ ފުރުސަތު ދިވެހި ރައްޔިތުން މިފަހަރު އަޅުގަނޑަށް ދެއްވާ،" ގާސިމް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

ގާސިމް ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމުގެ ޖަލްސާ (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ގާސިމް ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމުގެ ޖަލްސާ (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ގާސިމްގެ ފާޑުކިޔުން ސަރުކާރަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް އެމަނިކުފާނު ދެއްވި ދައުވަތަށް އިންކާރުކުރައްވައި އިއްޔެ ޖަވާބު ދެއްވި ގާސިމްގެ ވާހަކައިގައި ސަރުކާރަށް ނުސީދާ ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. އޭނާ ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އަމާން ބަނދަރަކަށް ގެންގޮސް ދިނުމަށް، "އަމާނާތްތެރި، ހިކުމަތްތެރި، އިހްސާންތެރި ވެރިއަކު" ބޭނުންވާ ކަމަށާއި އެގޮތަށް ގޮވަމުންދަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

"ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގޮންޖެހުން އަންނާނެ ފަދަ އަމަލުތަކާއި ބޭރުގެ ބައެއް ފަރާތްތަކުގެ ނުފޫޒު ގައުމުގެ އެކި ހިސާބުތަކަށް ފެތުރިގެންދާކަމުގެ ކަންބޮޑުވުން އިތުރުވަމުންދާތީ،" މި ސަރުކާރަށް އޮތް އިންޑިއާގެ ނުފޫޒަށް އިޝާރާތްކުރައްވަމުން، ވަކި ގައުމެއްގެ ނަން ނުގެންނަވައި ގާސިމް ވިދާޅުވި އެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އުނިވެގެން ދިޔަ ކަމުގެ ކަންބޮޑުވުން މި އޮތީ އިންތިހާއަށް. ރައްޔިތުންގެ ފައިސާ އާއި މުދާ، އިމެއް މިނެއް ނެތި އިސްރާފުކޮށް، ކަރަޕްޝަންގެ އަމަލުތައް މިވަނީ، ހައްދުފަހަނައަޅައި ގޮސްފައި."

ގާސިމް ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ކުދި ވިޔަފާރިތަކަށް ބިދޭސީން އަތްގަދަކޮށްފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ ކަންބޮޑުވުންތަކާ އެކު "އިސްލާހީ ބަދަލަކަށް" ރައްޔިތުން ބޭނުންވާ ކަމަށެވެ.

"ޓެކްސްތައް އިތުރުވެ، ތަކެތީގެ އަގު ބޮޑުވެ، އާންމުންގެ ދިރިއުޅުމުގެ ހާލަތު މިދަނީ ދަށްވަމުން. އިޖްތިމާއީ، އިގްތިސާދީ، މަދަނީ އަދި ހިންގުމުގެ ދާއިރާއިން ގިނަ ކަންކަން ބަދަލުވާން ޖެހޭ،" އެ ބަދަލު ގެނައުން ލަސްކޮށްފި ނަމަ، އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

"ދިވެހިންގެ ފަހުރުވެރި ރާއްޖެ، ދިވެހިންގެ އަތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ ވިސްނުމާއި ކެރުން އަޅުގަނޑުގެ އެބަހުރި. މާތްﷲގެ ވާގިފުޅާ އެކު އެ ތަޖުރިބާ އާއި ކެތްތެރިކަމާއި ގާބިލުކަން ހުރިކަން ސާބިތުކޮށްދޭނަން."

ގާސިމް ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމުގެ ޖަލްސާގައި ދުއާކުރުން (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އޭނާގެ ރިޔާސީ ބައެއް ވައުދުތަކަށް ވެސް ގާސިމްގެ ވާހަކައިގައި އަލިއަޅުވާލެއްވި އެެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

  • ގެންގުޅޭނީ ވަކި އަތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް

  • ފޯޅަވަހި އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށު އަރާ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުން ބަދަލު ކުރަން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރާނަން

  • އިސްލާމް ދީނުގެ ސައްހަ އަގީދާ އަށެގަންނުވައި އެ ނޫން ދީނަކަށް ފުރުސަތު ނުދޭނަން.

  • ފުރަތަމަ ތިން އަހަރު ތެރޭ ދައުލަތުގެ ދަރަނި، ޖީޑީޕީގެ %120 އިން %90 އަށް ތިރިކޮށް، ދައުލަތުގެ ހަރަދު ޖީޑީޕީގެ %35ގައި ހިފަހަޓާނަން؛ ދައުލަތުގެ އާމްދަނީ ޖީޑީޕީގެ %30 އަށް މަތިކުރާނަން

  • އުތުރާއި ދެކުނުގައި ސަރަހައްދީ ތަރައްގީ ގެނައުމަށް ދެ މަންޒިލެއް ގާއިމް ކުރާނަން

  • ދަރަނިތައް ކުޑަކޮށް، އާމްދަނީ އިތުރު ކޮށްދިނުން

  • ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމްއެއް އަޅާނަން

  • ރިޔާސީ ދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި 20،000 ހައުސިން ޔުނިޓް އަޅާނަން؛ އަމާޒަކީ 30،000

  • ފުރަތަމަ 100 ދުވަހު ހިޔާ ފްލެޓްގައި ހުރި މައްސަލަތައް ހައްލުކޮށްދޭނަން

  • މަސް ފިނިކުރުމުގެ ނިޒާމާއި ރާޑަރު ގާއިމް ކުރުމަށް ފުރަތަމަ ދެ އަހަރު ތެރޭ ލުއި ލޯނު ހަމަޖައްސައިދޭނަން

  • ގޭބީސީތަކަށް އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ހަދައި ކޮންމެ ގޭބީސީއަކަށް ދަށްވެގެން 5 އެމްބީޕީއެސްގެ ސްޕީޑް ފޯރުކޮށްދޭނަން.

  • 500 ކުދި ވިޔަފާރި އާއި 100 މިލިއަނަރުން އުފައްދާނަން

  • އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ރުފިޔާއަށް ބޮޑު ކުރާނަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް