ޖޭޕީގެ ޖަލްސާއަށް މީހުން ހާޒިރު ނުވުމުން ހުސް ގޮނޑިތައް ނަގަނީ: އެ ޖަލްސާއަށް އެކަށީގެންވާ އަދަދަކަށް މީހުން ނައުމުން ފެށުނީ 10 ޖެހި ފަހުން
މީހުން ނައުމުން ގޮނޑިތައް ނަގައި އެއް ގަޑި އިރު ލަހުން ޖޭޕީގެ ޖަލްސާ ފަށައިފި
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އެރުވުމަށް މިރޭ ބާއްވާ ޖަލްސާގައި ޖެހި ގިނަ އަދަދެއްގެ ގޮނޑިތައް ނުފުރިގެން، ބައެއް ގޮނޑިތައް ނެގުމަށް ފަހު، އެއް ގަޑި އިރަށް ވުރެ ގިނަ އިރު ލަހުން ޖަލްސާ ފަށައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ ކާނިވާ ސަރަހައްދުގައި ބާއްވާ މި ޖަލްސާއަށް އައުމަށް ދައުވަތު ދީފައި ވަނީ 8:30 އަށެވެެ. ނަމަވެސް 9 ޖެހި އިރު ވެސް ޖަލްސާއަށް މާ ގިނަ ބަޔަކު ހާޒިރުނުވުމުން ޖަލްސާ ނުފެށި ލަސްވި އެވެ.
ތަފްސީލު - މި ޖަލްސާގައި މުޅި ކާނިވާ ސަރަހައްދު އެއްކޮށްހެން ކަހަލަ ގޮތަކަށް ފުރޭ ވަރަށް ގޮނޑި ޖަހާފައި ހުއްޓެވެ. ނަމަވެސް 9 ޖެހި އިރު ވެސް އެ ތަނުގައި ތިބީ 300 އެއްހާ މީހުންނެވެ. އެންމެ ފަހުން، ޕާޓީގެ އޮފިޝަލުންނަށް ޖެހުނީ އެ ސަރައްހަދުގައި ހުސްކޮށް ހުރި ގިނަ ގޮނޑިތަކެއް ނަގާށެވެ.
މި ސަރުކާރުގެ ކޯލިޝަންގައި އަދިވެސް އޮތް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ 10 ޖަހަން އުޅެނިކޮށެވެ. އަރިހުގައި އަނބިކަބަލުން އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަޑައިގެންނެވި އެވެ.
ޖަލްސާ ފެށުނީ 10 ޖެހި ފަހުންނެވެ. ޖަލްސާ ފެށެންދެން އޮތީ ބޮޑުބެރު ހަރަކާތްތަކެވެ.
މީހުން ނައިސް ޖަލްސާ ފެށުން ލަސްވުމުން ޝޯޝަލް މީޑިއާގައި އާންމުގެ ފާޑުކިޔުން ވަނީ ޖޭޕީއަށް އަމާޒުވެފަ އެވެ.
.@JPSecretariat ge riyaasee ticket eruvumuge jalsa ah party ge leader @qasimibrahim vadaigenfi. @Dhaurunews pic.twitter.com/J9uk2yrQi8
— Muzayyin Nazim (@tedmaldives) June 9, 2023
އެނގުން މުހިންމު - މިއީ ގާސިމް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ތިންވަނަ ފަހަރެެވެ. ގާސިމްއަށް މިފަހަރު ޓިކެޓް ލިބިވަޑައިގެންފައި ވަނީ ޕްރައިމަރީއަކަށް ހުޅުވާލުމުން އެހެން މީހަކު ކުރިމަތިނުލުމުން އިންތިހާބަކާ ނުލަ އެވެ. މީގެ ކުރިން އެ ޕާޓީގެ އަސާސީ ގަވައިދު އޮންނަ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ.
ވާދަ ކުރެއްވި ދެ ރިޔާސީ އިންތިހާބުގައި ގާސިމަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް، އިންތިހާބުގެ ނަތީޖާ އަނބުރާލުމަށް ގާސިމްއަކީ މުހިންމު ލީޑަރެކެވެ. އެންމެ ފަހުން ބޭއްވި ތިން ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކޮށްފައިވަނީ ގާސިމްގެ ޖޭޕީއާ އެކު ހެދި ކޯލިޝަންތަކުންނެވެ.
ކޮމެންޓް (1)
ޙެހެ