ގާސިމް މިރޭ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމުގެ ކުރިން ގާނޫނުއަސާސީއާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ފޮތް ދައްކާލައްވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ގާސިމަށް ގާނޫނުއަސާސީއާ އެކު ރިޔާސީ ޓިކެޓް އަރުވައިފި
ގާނޫނުއަސާސީގެ ކޮޕީއަކާ އެކު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް މިރޭ އަރުވައިފި އެވެ.
ވީ ކިހިނެއް؟ - އެހެން މީހަކު ކުރިމަތިލާފައި ނުވުމުން ޖޭޕީގެ ރިޔާސީ ޓިކެޓް ކަށަވަރުވެފައިވާ ގާސިމަށް ރަސްމީކޮށް އެ ޕާޓީގެ ޓިކެޓް އެރުވީ މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގަ އެވެ.
ތަފްސީލު - ޖެހި ގޮނޑިތަކާ އެއްވަރަށް މީހުން ނައުމުން މިރޭ 10ގެ ފަހުން ފެށި މި ޖަލްސާގައި ގާސިމަށް ރިޔާސީ ޓިކެޓް އެރުވުމުގެ ކުރިން ގާނޫއަސާސީގެ ފޮތެއް ދިނެވެ. އެއަށް ފަހު، ގާސިމާ ޓިކެޓް ހަވާލުކުރެއްވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އެވެ. ޓިކެޓްގެ ގޮތުގައި އަރުވާފައިވަނީ ލިޔުމެކެވެ.
ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީ އަދި ކޮންމެ ރިޔާސީ އިންތިހާބެއްގައި ނަތީޖާ އަނބުރާލުމުގައި މުހިންމު ރޯލެއް އަދާކުރާ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްކަން ގާސިމާ ހަވާލުކުރި އިރު އެ ޕާޓީއަކީ އަދިވެސް މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ނިންމީ ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައުވަތު ދެއްވާފައި ވަނިކޮށެވެ. އަދި ރޭ ގާސިމް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރެއްވެން ނެތް ކަން ސިޓީއަކުން އަންގަވައިފަ އެވެ.
ގުޅުން ހުރި - މިހާރުގެ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ތިން ރިޔާސީ އިންތިހާބުގެ ތެރެއިން ފުރަތަމަ ދެ އިންތިހާބުގައި ވާދަކުރެއްވި ގާސިމް، މިފަހަރުގެ ރިޔާސީ ރޭހަށް ނުކުންނަވަން ނިންމެވުމާ އެކު މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެންބަރުން ދަނީ ޕާޓީން ވަކިވަމުންނެވެ.
މިހާތަނަށް ބޭއްވި ތިން އިންތިހާބުގައި ވެސް ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އިންތިހާބުވީ ފަހަތުގައި ގާސިމް ހުންނަވައިގެންނެވެ.
-
އިތުރަށް ކިޔާލަން - ގޮނޑިތައް ނަގައި އެއް ގަޑިއިރު ލަހުން ޖޭޕީގެ ޖަލްސާ ފަށައިފި