ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ގާސިމް، ކޯލިޝަން ނަހަދާނެކަން ރަސްމީކޮށް ރައީސްއަށް އަންގަވައިފި

ރައީސަށް ފޮނުއްވި ސިޓީގައި ގާސިމް ވިދާޅުވެފައިވަނީ އެމްޑީޕީން ވެރިކަމަށް އަންނަމުން ވީ ވައުދުތަކާ އެއްގޮތަށް ކަންކަން ނުކުރެވޭ ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ނުކުންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ދިން ދައުވަތަށް ދެކޮޅު ހަދައި އެ ޕާޓީގެ ފަރާތުން އެކަން ރަސްމީކޮށް ރައީސް ސޯލިހަށް އަންގައިފި އެވެ.

ވީ ކިހިނެއް؟ - ކޯލިޝަން ހެދުމުގެ ދައުވަތު ދީ ރައީސް ސޯލިހު ފޮނުއްވި ސިޓީގެ ޖަވާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ސޮއި ކުރައްވައި ރައީސަށް މިއަދު ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގެ ކޮޕީއެއް ވަނީ 'ދައުރު'އަށް ލިބިފަ އެވެ.

ބުނީ ކީކޭ؟ - އެ ސިޓީގައިވާ ގާސިމް ލިޔުއްވާފައިވާ ގޮތުގައި:

  • ޖޭޕީގެ ކައުންސިލުން ފާސްކޮށްފައި ވަނީ މިއަހަރުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކީ ގާސިމް ކަމަށް

  • އެ ނިންމުން ތަންފީޒުކުރުމުގައި ސާބިތުވެ ހުންނެވި ކަމަށް ގާސިމް ވިދާޅުވި

"... މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އަޅުގަނޑު ކަމުގައި ކަނޑައަޅައި އެކަން [ޕާޓީގެ ކައުންސިލުން] ފާސްކޮށްފަ އެވެ. ވީމާ، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގައި އަޅުގަނޑު ސާބިތުވެ ހުރި ވާހަކަ ދެންނެވީމެވެ،" ސަރުކާރުގެ ކޯލިޝަންގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ހިމެނޭ ގާސިމްގެ ސިޓީގައި ވިދާޅުވި އެވެ.

ތަފްސީލް - 2018ގެ ރިޔާސީ އިންތިހާބުގައި އަދި 2008ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީގެ ފަރާތުން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް، އެބޭފުޅުން ވެރިކަމަށް ގެނައުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްފައިވާނެކަން ގާސިމްގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އަދި އެ ދެ ފަހަރު ވެސް އެމްޑީޕީގެ ކެނޑިޑޭޓުން އިންތިހާބުވެފައިވާ ކަމަށް ސިޓީގައިވެ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޖޭޕީން ދެ ފަހަރު ވެސް، އެމްޑީޕީގެ ކެނޑިޑޭޓުންނަށް ބައިއަތު ހިފާފައި ވަނީ ރާއްޖޭގެ ސަރަހައްދާއި މިނިވަންކަމާއި އިސްތިގުލާލާއި، ދިވެހިންގެ ދީން ރައްކާތެރިކޮށް، ރާއްޖޭގެ ސްޓްރެޓެޖިކް އެސެޓްތަކާއި އިގްތިސާދު ހިމާޔަތްކޮށް ކުރިއަރުވައި ރައްޔިތުންގެ މެދުގައި އިންސާފު ގާއިމްކޮށް، ދިވެހިންގެ މެދުގައި އިޖުތިމާއީ ހަމަޖެހުން އާލާކޮށް، ގައުމަށް ތަރައްގީއާ ކުރިއެރުން ގެނެސްދީ އަދި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށެވެ.

އެހެން ނަމަވެސް، މިއަހަރުގެ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖޭޕީން ވަކި ކެނޑިޑޭޓެއް ނެރެން ނިންމާފައި ވަނީ ރައީސް ސޯލިހުގެ "ޒައާމަތުގައި އެކަންކަމާ މެދު މިހާތަނަށް އަމަލު ކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން" ކަމަށް ގާސިމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. 

އެނގުން މުހިންމު - ރައީސް ސޯލިހު ކޯލިޝަންގެ ދައުވަތު ޖޭޕީ އަށާއި އެހެން ޕާޓީތަކަށް ފޮނުއްވީ މިދިޔަ ފެބުރުއަރީ 19އިގަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން ޖޭޕީގެ ކައުންސިލުން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ކަނޑައަޅައިފަ އެވެ. 

ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރަން ޖުމްހޫރީ ޕާޓީގެ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

ގުޅުން ހުރި ކަމެއް - ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު މީގެ ކުރިން ވިދާޅުވެފައި ވަނީ ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިބި ބޭބޭފުޅުން މަގާމުތަކުން ވަކިނުކޮށް ބައިތިއްބާފައި ތިބީ ވެސް ޖޭޕީއިން އިންތިހާބަށް ވަކިން ނިކުންނަކަން ރަސްމީކޮށް ރައީސްއަށް އަންގާފައި ނުވާތީ ކަމަށެވެ. 

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރަކީ ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އެވެ. މީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިނިސްޓަރު ކަމުގައި ތިއްބަވަނީ ޖޭޕީގެ ސްލޮޓްތަކުގަ އެވެ.

އޭގެ ތެރެއިން މިނިސްޓަރު މައުސޫމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން މީގެ ކުރިން ހާމަކުރައްވައިފަ އެވެ.

ކޮމެންޓް (1)

ހަމީދު

9 ޖޫން 2023
ގައުމޭ ދީނޭ ރައްޔިތުންނޭ ކިޔާނެ ކަމެއް ނެތް. އަމިއްލަ އެދުމާއިގެން ބޫތު ކައިފަ. ރައްޔިތުންގެ ބައިތުލްމާނަށް އަތްބާނަން ތި އުޅެނީ. އެހެން އެއްވެސް ކަމަކު ނޫން. ހަމަހިލާ ވެރިކަމަށް ނާދެވޭނެ. އާމީން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް