ޖާހު އިންވެސްޓްމަންޓްސްއިން ތަރައްގީކުރާ 'ދަ ގާޑަންސް'ގެ އެޕާޓްމަންޓެއް ހުންނާނެ ގޮތުގެ ކުރެހުމެއް.

ޖާހުގެ ފްލެޓުތައް 30 ދުވަހުން ނުނިންމައިފި ނަމަ އެއްބަސްވުން ބާތިލުކުރާނަން: އާބަންކޯ

'ދަ ގާޑެންސް' ނިންމަން ދިން މުއްދަތު އެކި ފަހަރު މަތިން އިތުރުކުރުމަށް ފަހު އާބަންކޯ އިން އިއްޔެ ވަނީ އެ ކުންފުންޏަށް 30 ދުވަހުގެ ނޯޓިސްއެއް ދީފައި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރަން ފަށައި މަސައްކަތް ހުއްޓިފައި ހުރި ޖާހު އިންވެސްޓުމެންޓުގެ 'ދަ ގާޑަންސް' އިމާރާތުގެ މަސައްކަތް ނިންމުމަށް އިއްޔެ އާބަންކޯ އިން އެ ކުންފުންްޏަށް ދިން 30 ދުވަހުގެ މުއްދަތުގައި މަސައްކަތް ނުނިންމައިފި ނަމަ، އެއްބަސްވުން ބާތިލުކުރާނެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ދަ ގާޑަންސް އިމާރާތްކުރަން، ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހުއާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. އެގޮތުން:

  • އެ މަސައްކަތް ހަވާލުކުރީ ދެ އަހަރުން ނިންމާ ގޮތަށް 

  • އަދިވެސް އެ ތަނުގެ މަސައްކަތް ހުރީ ނުނިންމާ 

  • ޖާހުން ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތާއި މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުން ފަދަ ސަބަބުތަކާ ހެދި މަސައްކަތް ލަސްވީ ކަމަށް

ވީ ކިހިނެއް؟ - އެކި ފަހަރު މަތިން އެ މަޝްރޫއުގެ މުއްދަތު އިތުރުކޮށްދިން ނަމަވެސް، މަސައްކަތް ނިންމައި އެޕާޓުމެންޓު ގަތް ފަރާތްތަކާ ތަން ހަވާލު ކުރެވޭ ގޮތެއް ނުވެ އެވެ.

އިއްޔެ އާބަންކޯ އިން ބުނީ 'ދަ ގާޑަންސް' ހައުސިން މަޝްރޫއު ނުނިމި ދިގުލައިގެންދިޔަ މައްސަލަ އިތުރަށް ބެލުމަށް ފަހު، މަސައްކަތް ނިންމުމަށާއި ބިމު ކުލި ދައްކަން 30 ދުވަހުގެ ނޯޓިސްއެއް އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ.

ޖާހު އިންވެސްޓްމަންޓުގެ 'ދަ ގާޑެންސް'އިން އެޕާޓްމަންޓު ގަތް ބައެއް މީހުން އެ ތަނުގެ ކުރިމަތީގައި ކުރި އިހުތިޖާޖު.

ބުނީ ކީކޭ؟ - އެ ކުންފުނީގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ މަޝްރޫއު ނިންމަން ޖާހުއަށް އެކި ފަހަރު މަތިން މުއްދަތު ދީފައިވާ ކަމަށާއި ނަމަވެސް އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ނިންމާފައި ނުވާ ކަމަށެވެ.

"މަސައްކަތް ނިންމަން ވަގުތު އިތުރުކޮށްދެވުނު މިންވަރާއި އެއްބަސްވުމަށް ބަލާފައި އެ މުއްދަތުގައި ނުނިންމައިފި ނަމަ އެއްބަސްވުން ބާތިލު ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެއްބަސްވުން ބާތިލުކުރުމަށް ފަހު ދެން އަމަލުކުރާނެ ވަކި ގޮތެއް އެ ކުންފުންޏަކުން އަދި ނުބުނެ އެވެ.

މިހާރު އެ ތަނުގެ %90 މަސައްކަތް ނިމިފައިވާ ކަމަށް ޖާހު އިން ބުނެފައިވާތާ ވެސް އެތައް މަހެއް ވެއްޖެކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - ޖާހު ކުންފުނިން މިދިޔަ ފެބްރުއަރީ މަހު ބުނީ މަސައްކަތް އަލުން ފަށައި އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. އެއީ ނޭޕާލްގެ 'އަވްހިރޫ ކޮންސްޓްރަކްޝަންސް' ނަމަކަށް ކިޔާ ކުންފުންޏަކާ ގުޅިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މަސައްކަތް އަލުން ފަށާނެ ކަމަށް ޖާހުން ބުނީ، އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި ބައެއް މީހުން އެ މަޝްރޫއު ނުނިމި ލަސްވާ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނިކޮށެވެ.

އޭގެ ކުރިން މިދިޔަ އޮކްޓޯބަރު މަހު އެ ކުންފުނިން ބުނީ، މިދިޔަ ޑިސެމްބަރުގައި އެޕާޓްމަންޓްތައް ހަވާލުކުރަން ފެށޭނެ ކަމަށާއި ހުރިހާ އެޕާޓްމަންޓްތައް މި ފެބްރުއަރީ މަހު ނިމޭނެ ކަމަށެވެ.

  • އެޕާޓްމެންޓުތަކުގެ %90 ނިމިފައިވާ ކަމަށް ޖާހުން އޭރު ބުނި

  • އޮކްޓޯބަރު 2022ގައި ނޫސްވެރިން އެ އެޕާޓްމެންޓުތައް ބެލި އިރު، އެ ތަނުގެ ސިޑިތަކާއި ހޯލްވޭ، އާންމު ސްވިމިން ޕޫލާއި ޕާކިން އޭރިއާ އަދި ޖިމްގެ މަސައްކަތް ވެސް ނުނިމޭ

  • އެ އެޕާޓްމެންޓުތައް ނިންމަން އެޗްޑީސީން ހަތަރު ފަހަރަށް މުއްދަތު އިތުރުކޮށްދިން

  • އެންމެ ފަހުން ދިން މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ހަމަވެފައި

ގުޅުންހުރި ކަމެއް - މަސައްކަތް ހުއްޓިފައި އޮތް އިރު، ޖާހު ކުންފުނީގެ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދިނުމާއި އެ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުން ފަދަ ބޮޑެތި މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވެފައި އެބަހުއްޓެވެ.

އޭގެ އިތުރުން، މީރާއިން އެންމެ ފަހުން އާންމުކުރި ދައުލަތަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ވެސް އެ ކުންފުނި ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް