ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ނަޝީދާއި ގާސިމް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ނަޝީދު ބޭނުންވަނީ ވެރިކަމަށް އަންނަން؛ އެ ގޮތް ބޭނުމެއް ނޫން: ގާސިމް

ގާސިމް ވިދާޅުވީ ޖެހިގެން އުޅެނީ ނިޒާމްގެ މައްސަލައެއް ނޫން ކަމަށާއި ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުން ގަބޫލުކުރަން ބޭނުން ނުވާ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އެ މަނިކުފާނު ނޫން ބޭފުޅަކު ވެރިކަމަށް އަންނަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުމުގައި ވެސް އޮތީ އެ މަނިކުފާނަށް ވެރިކަން ލިބޭ ގޮތް ކަމަށްވީއިރު، އެއީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށް ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި 'ކަނޑު ވިއްކުމާ ދެކޮޅު' އިއްތިހާދުން މިރޭ މާލޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ޖަލްސާއާ ދިމާކޮށް، އެކަމާ ދެކޮޅު ހެދުމަށް މެސެޖެއް ދެއްވުމަށް ގާސިމް މިއަދު ވަނީ އޭނާގެ އަމިއްލަ ޓީވީ ސޭޓޭޝަން، ވީޓީވީ މެދުވެރިކޮށް އިންޓަވިއުއެއް ދެއްވާފަ އެވެ.

 މީގެ ތިން މަހެއްހާ ދުވަސް ކުރިން ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެސްގައި ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވި ގާސިމް ވަނީ، މިއަދު ދެއްވި އިންޓަވިއުގައި އެ މަނިކުފާނަށް ފާޑުވިދާޅުވެފަ އެވެ.

ތަފްސީލު - ގާސިމްގެ ރިސޯޓު ސަން އައިލެންޑްގައި ހުންނަވައިގެން އޮންލައިންކޮށް ދެއްވި މި އިންޓަވިއުގައި ނޫސްވެރިޔާ ކުރި މައިގަނޑު ދެ ސުވާލުގެ ތެރެއިން އެއް ސުވާލަކީ، ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނާ އެކު ޖުމްހޫރީ ޕާޓީން ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ގުޅޭ ސުވާލެކެވެ.

އެ ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، "ވެރިކަމަށް ގެންނަން އެންމެ ރަނގަޅީ އަޅުގަނޑު ކަމަށް" ނަޝީދު އޭނާގެ އަރިހުގައި ވިދާޅުވި ކަމަށެވެ. ނަމަވެސް، އޭރު ވެސް ނަޝީދަށް އިތުބާރު ނުކުރައްވާކަން ދޭހަވާ މޭރުމަކުން ގާސިމް މިއަދު ވާހަކަދެއްކެވި އެވެ.

"އަޅުގަނޑަށް އެނގޭ ރައީސް ނަޝީދު އަޅުގަނޑު ކައިރީ އެ ދައްކަވަނީ ކޮން ވާހަކައެއްކަން. އަޅުގަނޑު ދަންނަން ރައީސް ނަޝީދު ވަރަށް ފުރިހަމައަށް. އެ ބޭފުޅާއަށް ކަމަކު ނުދާނެ އެ ބޭފުޅާ ނޫން އެހެން ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެ މަނިކުފާނަށް ކެތެއް ނުވާނެ،" ޖޭޕީއާ އެކު މަޝްވަރާކުރަމުން ދަނިކޮށް، ނަޝީދު އިސްވެ އުފައްދަވާ 'ދަ ޑިމޮކްރެޓްސް' ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވީޓީވީއަށް މިއަދު އިންޓަވިއު ދެއްވަނީ.

ގާސިމް ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުންނާއި ސިޔާސީ ބޭފުޅުންނަށް ވެސް ނަޝީދު ދައްކާވާ ވާހަކަފުޅުތަކާއި އަމަލު ކުރައްވާނެ ގޮތާއި މިޒާޖު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

"ހަމަ ގައިމު ވެސް ގިނަ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ވަރަށް އަޅުގަނޑަށް އެނގޭ، ރައީސް ނަޝީދަކީ ކިހިނެއް އަމަލުކުރައްވާނެ، ކޮން ކަހަލަ ބޭފުޅެއްކަން،" އޭނާ ވިދާޅުވި އެވެ.

ނަޝީދު އޭނާގެ އަރިހުގައި ވިދާޅުވި ކަމަށް ގާސިމް މިއަދު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

  • ނަޝީދު ޕްރައިމަރީގައި "ފެއިލްވުމުން"، މަޖިލިސް ކުރާ ގޭގެ ކުޑަދޮށުގަ އާއި އެހެން ތަންތަނުގައި ވެސް، ވެރިކަމަށް ގެންނަން ރަނގަޅީ ގާސިމް ކަމަށް ތަކުރާރުކޮށް އެ މަނިކުފާނު ވިދާޅުވަމުން ގެންދެވި 

  • ކޮންމެ ރިޔާސީ އިންތިހާބެއް ކާމިޔާބުކުރައްވާ ކެންޑިޑޭޓަކު ވެސް ވެރިކަމަށް ވަޑައިގަންނަވަނީ ގާސިމްގެ އެހީތެރިކަމާ އެކު ކަމަށާއި އެހެންކަމުން މިފަހަރު ގާސިމް ވެރިކަމަށް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި

"އެ ހުރިހާ ވާހަކައެއް ދެއްކި އިރު ވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑު އިނިން ހީލަހީލާ. ދެން އަޅުގަނޑު [ނަޝީދަށް] ދަންނަވައިފިން، ދަންނަވަންތޯއޭ އަޅުގަނޑު އަތުގައި ނެތޭ ލާރިއެއް ވެސް ތިކަން ކުރާކަށް [ވެރިކަމަށް އަންނަ]،" ގާސިމް ވިދާޅުވި އެވެ.

"ދެން އަބަދު މަޖިލީހުގައި އިންނައިރު ވެސް [ނަޝީދު] އެ ވާހަކަ ދައްކަވަންޏާ އަަޅުގަނޑު ވެސް ކޮންމެވެސް އެއްޗެއް ބުނެލަންވާނެތާ ދެއްތޯ."

ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނާ އެކު، ގާސިމް އާއި ޖޭޕީގެ އިސް މެމްބަރުން މިދިޔަ އޭޕްރީލް މަހު ސަން އައިލެންޑުގައި ބައްދަލުކުރައްވަނީ.

ގާސިމް ވިދާޅުވީ، ކޮވިޑްގައި ކުރިމަތިވި މާލީ ގެއްލުމުގައި އޭނާގެ ކުންފުނި ވެސް އޮތީ ވަރަށް "ބޮޑަށް ތާށީގައި" ކަމަށެވެ. އެ މާލީ ދަތިކަމުން އަދިވެސް އަރައިނުގަނެވިގެން އުޅޭއިރު، އޭނާގެ އުމުރުން ވެސް ވެރިކަމަށް ކުރިމަތިލުމަށް ދޮށިވަމުން ދާކަން ގާސިމް ފާހަގަކުރެއްވި އެވެ. 

އެ ހުރަސްތަކާ އެކު ވެސް ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ، އޭނާ ވިދާޅުވި ގޮތުގައި، ޕާޓީގެ މެންބަރުން އެ ކަމަށް އެދޭތީ އެވެ.

'ހުށަހެޅުން އޮތީ ނަޝީދު ވެރިކަމަށް ގެނެވޭ ގޮތަށް؛ އެކަމުގެ ވިސްނުމެއް ނެތް'

ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނުން، ގާސިމްގެ ޖުމްހޫރީ ޕާޓީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާގެ ތެރެއިން، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް މިދިޔަ އޭޕްރީލް ތެރޭ ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފަ އެވެ. އެ ހުށަހެޅުންތައް ހުށަހެޅި ހިސާބުން، ދެ ފަރާތުން ފެށި މަޝްވަރާތައް އޮތީ މަޑުޖެހިފަ އެވެ.

"އެ ހުށަހެޅުއްވި ކަރުދާހަށް ބެލީމަ އަޅުގަނޑަށް ފެންނަނީ، އަޅުގަނޑު މިއީ އެ މަނިކުފާނު ވެރިކަމަށް ގެންނަން މަގު ކޮށައިދީ ހަދަން ހުރި މީހެއް ކަމަށް،" ގާސިމް ވިދާޅުވި އެވެ.

ނަޝީދުގެ ފެކްޝަނުން ޖޭޕީއާ އެކު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފައިލް ފޮޓޯ/ ޖޭޕީ)

ގާސިމް މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ:

  • ޖެހިގެން އުޅެނީ ނިޒާމްގެ މައްސަލައެއް ނޫން 

  • މައްސަލަ އަކީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ އިހްލާސްތެރިކަން ނެތުން 

  • ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުން ގަބޫލުކުރަން ބޭނުމެއް ނޫން 

"އަޅުގަނޑަށް ރައީސް ނަޝިދުގެ ފިކުރެއްގެ ދިރުމާއެކު މަސައްކަތް ނުކުރެވުނީ، އެބޭފުޅުން ހުށަހެޅި ޕްރޮޕޯސަލް، އެ ޕްރޮޕޯސަލްގައި އޮތީ މި ދެންނެވިހެން އަޅުގަނޑު ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން ކުރާ މަސައްކަތެއްގެ ގޮތުގައި އެކަން ކުރަންވީ. އެެކަމަކު އެއީ އަޅުގަނޑު ކުރަން ވިސްނައިގެން ހުރި ކަމެއް ނޫން. އެހެންވީމަ އެއްޗެއް ބުނަން ބޭނުން ނުވީ. ޖަވާބެއް ވެސް ނުދެން،" ނަޝީދުއާ އަދިވެސް ވަކި ގާތެއް ނުވަތަ ދުރެއް ވެސް ނޫންކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

"ދައްކާހާ ވާހަކައަކަށް، މީހަކު ޖަހާހާ ބެރަކަށް ގުނބޯއެއްހެން ނަށާނެ މީހެއް ނޫން މިއީ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝިދުއާ ޖެހުނު މައްސަލައިގެ ތެރެއިން، ނަޝީދު އެމްޑީޕީ ދޫކުރައްވައި ގާސިމްއާ އެކު ކޯލިޝަން ހައްދަވައިފި ނަމަ، ގާސިމް ވިދާޅުވި ގޮތުގައި، އޭނާއަށް ލިބޭނީ "އެމްޑީޕީ ހަލާކުކޮށްލި މީހާގެ ލަގަބު" އެެވެ. އެ "ލަގަބު ވެސް އަދި އެ މެޑަލް ވެސް" ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ އުފެއްދުމަށް ސޮއިކުރި ފުރަތަމަ މީހަކީ އަޅުގަނޑޭ. އެއީ ރައީސް ނަޝީދުގެ ހިތްވަރެއް ހުރެގެން، ރައީސް ނަޝީދު ކުރި ކަމެއް ނޫނޭ. އަޅުގަނޑު އެކަން ކުރީ،" ގާތްގަނޑަކަށް ބައި ގަޑިއިރުގެ އެ އިންޓަވިއުގައި ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ އެމްޑީޕީ ހަލާކުކޮށްލި މީހާގެ ނަން އެޅޭކަށް. އަޅުގަނޑު ބޭނުމެއް ނުވޭ، އަޅުގަނޑުގެ ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރާކަށް. އަޅުގަނޑު ބޭނުމެއް ނުވޭ އިސްލާމް ދީނާ ހިލާފަށް އެއްވެސް ކަމެއް ދާ ތަން ބަލަހައްޓައިގެން ހުންނާކަށް."

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން ތެރެއިން ފޯކައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހާއި ނަޝީދާއި ގާސިމް. (ފައިލް ފޮޓޯ/ އެމްޑީޕީ)

ހަމަ އެއާ އެކު، ގާސިމް ވިދާޅުވީ "އަޅުގަނޑު [އަދި] ޖުމްހޫރީ ޕާޓީން ބޭނުމެއް ނުވޭ، ރާއްޖޭގެ ބިމުގެ ނުވަތަ ކަނޑުގެ ސަރަހައްދުން ނުވަތަ އެއްވެސް ސަރަހައްދަކުން އަކަ އިންޗިއެއްގެ މިންވަރު ވެސް ގެއްލޭކަށް. މިއަދު ވެސް އެކަން އޮތީ އެހެން. މާދަމާ ވެސް އެކަން އޮންނާނީ އެހެން" ކަމަށެވެ.

ސަރުކާރުން ކިތަންމެ އުނދަގުލެއް ކުރިޔަސް އަދި އޭނާގެ ވިލާ ކުންފުނި "ފުނޑުފުނޑުކޮށްލިޔަސް" އޭނާގެ ގައުމީ އެ ވިސްނުމަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް (2)

ޙވދރ

2 ޖޫން 2023
ތިކަން ނިމޭ އިރު ހަމަ ހަގީގަތުގައި ވެސް ރައީސް ނަޝީދު ގާސިމް ވެރިކަމަށް ގެންނަން ތާއީދު ކޮށްފިއްޔާ ދެން ގާސިމް ކީކޭ ބުނާނީ؟
2 0

އިބިރަހިމާ

2 ޖޫން 2023
ލިޔުމުގެ އެންމެ ފަހުބައިގައި މިއޮތީ ކީކޭ؟ ސަރުކާރުން މަނިކްފާނަށް އުނދަގުލެއް ކޮށްފިތޯ؟ މި ދައުރުގަ ވިލާ ކުންފުނި ތިންގުނަ ވިކަން މީ ދިވެހި ހުރިހާ ރައްޔިތުންނަށް ސާފުވާ ކަމެއް. އަދިވެސް ލިބުނު ވަރު މަދުވެގެން މަނިކްފާނު ތިޔަ އުޅެނީ؟
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް