ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް

މިރޭގެ އެއްވުމުގައި ޖޭޕީން ބައިވެރިނުވާ 2 ސަބަބު: ހަމަނުޖެހުމެއް ހިނގާފާނެކަމުގެ ބިރާއި ގާސިމަށް ކުރާނެ ތުހުމަތު

ގާސިމް ވިދާޅުވީ މަގުމައްޗަށް ނުކުމެގެން އިޓްލޮސްގެ ނިންމުން ބަދަލުނުވާނެ ކަމަށާއި އެއްވެސް ހަމަނުޖެހުމަކަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށް
2 ޖޫން 2023
1

މުހިންމު ނުކުތާތައް

އެއްވުމުގައި އުޅެނީ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރެއްވުމާ ދެކޮޅު މީހުން

ކަމެއް ގޯސްކޮށް ހިނގައްޖެ ނަމަ 'ބިގަރެއްހެން ދިއްލޭނީ' އޭނާ ކަމަށް ވެސް ވިދާޅުވި

ޗާގޯސްގެ މައްސަލާގައި ސަރުކާރުން އަމަލްކުރި ގޮތާ އަބަދުވެސް ދެކޮޅު

'ބާނާ ބާނާ ތިއްބާ ކަނޑު ވިއްކާލީ'ގެ ނަމުގައި މިރޭ އިދިކޮޅުން ބާއްވާ އެއްވުމުގައި ޖުމްހޫރީ ޕާޓީން ބައިވެރިނުވާން އޭނާ ނިންމެވީ ކުރީގެ މުޒާހަރާތަކުގައި ލިބުނު ތަޖުރިބާއަށް ބަލާއިރު، ފިތުނަ އުފެއްދުމާއި ހަމަނުޖެހުމަށް ފުރުސަތު ނުދިނުމާއި ޖޭޕީން ބައިވެރިވެއްޖެ ނަމަ އޭނާއަށް އޮތް ގެއްލުން ވެސް ބޮޑުކަމުން ކަމަށް، ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިސްނަގައިގެން އެކަމަކު ސަރުކާރާ ދެކޮޅު ސިޔާސީ އެހެން ޕާޓީތަކުން ވެސް ބައިވެރިވާ އެއްވުން ބާއްވަނީ ދެކުނުން ރާއްޖޭގެ އިން ވަކިކުރި އިރު އެއީ ރާއްޖެއިން ބައެއް ގަސްދުގައި މޮރިޝަސްއަށް ދޫކޮށްލުން ކަމަށް ތުހުމަތުކޮށެވެ.

ދުނިޔޭގެ ކަނޑުތަކާ ބެހޭ މުއާހަދާގެ ދަށުން ކަނޑުގެ އިމުގައި އުފެދޭ ހިލާފުތައް ބަލައި ގޮތެއް ނިންމަން އުފައްދާފައިވާ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދު ބެހީ މޮރިޝަސް އިން ހުށައެޅި މައްސަލައިގަ އެވެ. މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން މިހާރު ބަލާ ޗާގޯސް އާއި އަޑު އަތޮޅާ ދެމެދު، 200 މޭލުގެ ހާއްސަ އިގުތިސާދީ ސަރަހައްދެއް، ޗާގޯސްއަށް ވެސް އަދި ރާއްޖެއަކަށް ވެސް ނުލިބެ އެވެ. އެހެންވެ މޮރިޝަސްއިން ބޭނުންވީ ރަސްމީކޮށް ސަރަހައްދު ބަހާށެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ހޯދަން ސަރުކާރުން މަސައްކަތްނުކޮށް ހަމަޔަށް ބަހާލަން އެއްބަސްވުމަކީ ރާއްޖޭގެ ބައެއް 'ވިއްކާލުން' ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަނީ ހިޔާލު ތަފާތުވެފައި އޮތް ސަރަހައްދަކުން 200 ނޯޓިކަލް މޭލެއް ރާއްޖެއަށް ނުލިބޭނެ ކަމަށާއި އިޓްލޮސްގައި ރާއްޖެއިން މަސައްކަތްކުރީ ސަރަހައްދު ބަހާއިރު ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް ކަމަށެވެ. އިޓްލޮސްއިން ނިންމީ ވެސް އެ ގޮތަށް ކަމަށް، ސަރުކާރުން ބުނެ އެވެ.

ތަފުސީލް - ރިޔާސީ އިންތިހާބަށް ތިން މަހަށް ވެފައި އޮއްވާ އިދިކޮޅުން މިރޭ އެއްވާ އެއްވުމުގައި ޖޭޕީން ބައިވެރިނުވާން ކަނޑައެޅުއްވި އެއް ސަބަބެއް ކަމަށް ގާސިމް ވިދާޅުވީ މަގުމައްޗަށް ނުކުމެގެން އިޓްލޮސްގެ ނިންމުން ބަދަލުނުކުރެވުމާއި، އެފަދަ އެއްވުމެއް ހަމަނުޖެހުމަކަށް ހިނގައިދާނެތީ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ގާސިމް ވިދާޅުވި ގޮތުގައި މީގެ ކުރިން ރާއްޖޭގައި ބޭއްވި ބޮޑެތި މުޒާހަރާތަކުގައި ބައިވެރިނުވާން ވެސް ޖޭޕީން ނިންމާފައި އޮންނާނީ އެ ވިސްނުމުގަ އެވެ. އެގޮތުން މިސާލު ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް 1 މޭ 2015ގައި ބޭއްވި ބޮޑު މުޒާހަރާ އެވެ.

މި އެންމެންނަށް އެބަ ވިސްނޭ އެ މީހުންނަށް ވުރެ ގިނަ ވޯޓު [އަޅުގަނޑަށް] ލިބޭނެ ކަމަށް. އެމީހުން ބޭނުންނުވާނެތޯ އަޅުގަނޑު ދުއްވާލަން

ގާސިމް އިބްރާހިމް/ ރިޔާސީ ކެންޑިޑޭޓް

މިރޭގެ އެއްވުމާ ބެހޭ ގޮތުން އަޅުގަނޑު ބުނީ 'މީގެން އެއްވެސް ނަތީޖާއެއް ނުނިކުންނާނެތީ. މީގެ ސަބަބުން ކްރިއޭޓްވެގެން ދާނީ ހަމަނުޖެހުން، މީގެ ސަބަބުން ފިތުނަފަސާދަ އުފެދިގެންދާނީ،" ތަފުސީލު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.

"މީގެ ސަބަބުން ގައުމަށް ލިބޭނީ ނިކަމެތިކަން، ބޮޑު އަނިޔާއެއް ކޮންމެވެސް ބަޔަކަށް ލިބޭނީ. އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ހާސިލެއް ނުވާނެ."

ޔާމީން ސަރުކާރާ ދެކޮޅު މުޒާހަރާގައި ބައިވެރިނުވާން ޖޭޕީގެ ކައުންސިލުން ނިންމި އެވެ. ގާސިމް ވިދާޅުވި ގޮތުގައި އެފަހަރު ވެސް އެ މުޒާހަރާގައި ބައިވެރިވާން އެދި އޭރުގެ އިދިކޮޅު ގިނަ ބަޔަކު އޭނާއާ ބައްދަލުކުރި އެވެ. ނަމަވެސް އެފަހަރު ވެސް އޭނާ ވިސްނުންފުޅު ހުރީ، ފިތުނަ އާއި ހަމަނުޖެހުމަކަށް ދާން ފުރުސަތު ނުދެއްވުން ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސަން އައިލެންޑްގައި ގާސިމް ކުރިން ބޭއްވެވި ބައްދަލުވުމެއް

މިރޭގެ އެއްވުމުގައި "މިސާލަކަށް ފައިދަށު ފުރޭތައެއް އެތަނުން ނުކުތީ، މީގެ މާނައަކީ ހަމަނުޖެހުންގަނޑެއް ބަޔަކު ހިންގީއޭ ގަސްދުގައި، [ދެން] ކިހިނެއްތޯ ވާނީ؟ އެތައް ބަޔަކު ޒަހަމްވެ، އަނިޔާވުން. ދެން ކޮން ކަހަލަ ޖޯޝެއްތޯ އުފެދޭނީ؟ ދެން އަންނާނީ ފިނިފެންމަލެއް ހިފައިގެންތޯ ނޫނީ ޒައިތޫނި ފަތްކޯޅިއެއްތޯ؟ ނޯ،" ގާސިމް ވިދާޅުވި އެވެ.

އެއްވުމުގައި ބައިވެރިނުވިޔަސް، ތަކުރާރުކޮށް އޭނާ ވިދާޅުވީ، ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލްކުރި ގޮތާ ދެކޮޅު ކަމަށެވެ.

"މިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާތީ ނުވަތަ ސަރުކާރަށް ތާއީދުކުރާތީއެއް ނޫނޭ އަޅުގަނޑު ނުދަނީ، މި ގައުމުގެ މަސްލަހަތާއި ސަލާމަތާއި އަމާންކަމަށް ބަލާފައި. [ހަމަނެޖެހުމަކަށް] ފުރޮޅިއްޖެއްޔާ މީގެން ނުކުންނަ ނަތީޖާ އަޅުގަނޑަށް ފެންނާތީ ނުދާން ނިންމީ."

ގާސިމް ވިދާޅުވި ގޮތުގައި ޗާގޯސް މައްސަލާގައި ހިތްހަމަނުޖެހޭ ފަރާތްތަކުން މީގެ ކުރިން މަސައްކަތްކުރަމުން އައީ ރަނގަށެވެ. އެއީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައިގެން ސުވާލުތަކަށް ޖަވާބު ދިނުމާއި ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައި ދިނުމެވެ. އެކަމަކު އޭގެ ބަދަލުގައި ރޭގަނޑު ގިނަ ބަޔަކު އެއްކޮށްގެން ހަޅޭއްފަޅޭއްލަވައި، މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދައިގެން ހާސިލްވާނެ އެއްޗެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އެމީހުން ދެމި ގުއި ރޯނުގައި މަ ނުޖެހުނީމާ މަ މި ގޯސްވީ،" މިރޭގެ އެއްވުމުގައި ބައިވެރިނުވާން ނިންމެވުމުން ކުރިމަތިވާ ފާޑުކިޔުންތަކަށް އިޝާރަތްކުރައްވާ ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި ގާސިމް: ޔާމީންގެ ވެރިކަމުގައި ޖަލަށް ލީ ޕާޓީގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން (ފޯޓޯ/ ޖުމްހޫރީ ޕާޓީ)

އެކަމަކު ވިދާޅުވީ ޗާގޯސް މައްސަލާގައި ފުރަތަމަ ދެކޮޅުހެއްދެވީ ވެސް އަދި ބަޔާނެއް ނެރުއްވީ ވެސް އޭނާ ކަމަށެވެ.

އިޓްލޮސްގެ ނިންމުމާ މެދު ދެން ހެދެން އޮތް ގޮތަކީ ކޮބައިތޯ ބަލަން މިހާރު ވެސް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ލަފާ ހޯއްދެވުމުގެ މަސައްކަތް އަންނަނީ ކުރައްވަމުން ކަމަށް ވިދާޅުވި އެވެ.

"ކުރިން ވެސް ބުނެފައި އޮންނާނެ މިތަން [ގެއްލުނު ބައި] ހޯދަން ޖެހޭނެ ގޮތަކީ މިއޭ، ދުނިޔޭގެ އެކްސްޕާޓުން ހޯދައިގެން މަސައްކަތްކޮށްގެންނޭ ނަތީޖާއެއް ހޯދޭނީ،" ގާސިމް ވިދާޅުވި އެވެ.

އޭގެ ފަހުން އޭނާ ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އެހެން ތަނަކަށް ހުށައެޅެން އޮތް ނަމަ އެ ހުށައެޅުމެއް ހުށައަޅާނެ ކަމަށެވެ.

މަގުމައްޗަށް އެއްވެގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މަގާމު ވަކިނުކުރެވޭނެ ކަމަށާއި އެކަން ވެސް ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ގޮތަށް، ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް އޮތް ފުރުސަތަށް ހުރަސް އެޅުން

ގާސިމް ވިދާޅުވީ އެފަދަ އެއްވުންތަކުގައި ބައިވެރިވެވަޑައިގެންފި ނަމަ 'ބިގަރެއްހެން ދިއްލާފައި ހުއްޓާ' ފެންނާނީ އޭނާ ކަމަށެވެ. އެއީ ރިޔާސީ އިންތިހާބަށް އޭނާ ނުކުންނަވަން ބޭނުންނުވާ މީހުންނަށް ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

ގާސިމް ގަބޫލުކުރައްވާ ގޮތުގައި ޕީޕީއެމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްއެންޕީ އާއި އުމަރު ނަސީރު އަދި ޗާގޯސް މައްސަލާގައި ލީޑުކޮށް އުޅުއްވާ ޑރ. މުހައްމަދު މުނައްވަރު ވެސް، ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަން ބޭނުމެއްނުވާނެ އެވެ. 

"މި އެންމެންނަށް އެބަ ވިސްނޭ އެ މީހުންނަށް ވުރެ ގިނަ ވޯޓު [އަޅުގަނޑަށް] ލިބޭނެ ކަމަށް. އެމީހުން ބޭނުންނުވާނެތޯ އަޅުގަނޑު ދުއްވާލަން،" ގާސިމް ވިދާޅުވި އެވެ.

ޗާގޯސް މައްސަލާގައި ސަރުކާރާ ދެކޮޅު ބޭފުޅުން: ގާސިމް ވިދާޅުވީ ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައި ދިނުން ރަނގަޅު ކަމަށް (ދައުރު ފޮޓޯ/ހުސައިން ސުނައިން

މާޒީގައި އޭނާއަށް ކުރިމަތިވެވަޑައިގެންނެވި އަނިޔާތަކުން މިސާލު ނަންގަވަމުން ވިދާޅުވީ ޔާމީން ސަރުކާރުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތު އަޅުވައި، ޖަލަށް ލި ކަމަށެވެ. އޭގެ ފަހުގެ ނަތީޖާއަކީ 2018ގެ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވުން ކަމަށް ވިދާޅުވި އެވެ.

"މަގޭ ޕާޓީ ސްޓޭޖްގައި ދެއްކި ވާހަކައިން ތަންކޮޅެއް ނަގާފައި [އެހެން ކަންތައް ކުރީ]. އެކަހަލަ ކިތައް ވާހަކަ ޔާމީން ދެއްކެވީ،" އޭރު ކަން ހިނގި ގޮތުގެ މައްޗަށް ބައްލަވާލައްވަމުން ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ބުނީ އަޅުގަނޑުގެ ޕާޓީއަށް އައިސް، އަޅުގަނޑުމެންގެ ޕާލިމެންޓަރީ ގްރޫޕްގައި އެއްބަސްވާ ގޮތެއްގެ މަތިން ކަންތައް ކޮށްފިއްޔާ ޕްރައިމަރީއަކާ ނުލައި ޓިކެޓް ވެސް ދޭނަމޭ ...މިއީ ރިޝްވަތު ދޭން ނިންމުންތަ؟"

އެނގުން މުހިންމު - މިރޭގެ އެއްވުމުގައި ޖޭޕީގެ މެމްބަރުން ބައިވެރިނުވާން ގާސިމް ގޮވާލައްވާފައި އޮތަސް، އިއްތިހާދުން ބުނެފައި ޖޭޕީގެ އެތައް ބަޔަކު ވެސް ބައިވެރިވާނެ ކަމަށެވެ.

ޔަމީނާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާގައި ޖޭޕީން ބައިވެރިނުވިޔަސް، ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ހިމެނޭ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހައްޔަރު ވެސް ކުރި އެވެ. ޔާމީން ވެރިކަން ނިމެންދެން އޭނާ ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.

ކޮމެންޓް (1)

ޖުލައި

3 ޖޫން 2023
ކޮސް ގޮވަނީ. ވެތި ކަމަށް ބޫތު ކައިފަ. ތިމާ އަމިއްލަ އަށް މަމޮޅޭ ގޮވަން ޖެހޭ ހިސާބަށް ދިއުމުން ރައްޔިތުންގެ ވިސްނުން ސާފު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް