ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕާޓީގެ އިސް މެމްބަރުން ސަން އައިލެންޑުގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

ނަޝީދުގެ ހުށަހެޅުންތަކަށް އަދި ވެސް އަންނަނީ މަޝްވަރާކުރަމުން: ޖޭޕީ

ނަޝީދުގެ ފަރާތުން ހުށަހަޅާފައިވަނީ، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާއި ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބައެއް އިސްލާހުތަކާ ގުޅޭ ހުށަހެޅުންތަކެއް

އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވެވަޑައިގެންނަވާ 'ފިކުރެއްގެ ދިރުން' ފެކްޝަނުން ހުށަހެޅި ހުށަހެޅުންތަކަށް އަދި ވެސް ދެ ފަރާތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދު ފެކްޝަން އާއި ޖުމްހުރީ ޕާޓީން އެކުގައި މަސައްކަތް ކުރަމުން އަންނަ އިރު، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާއި ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބައެއް އިސްލާހުތަކާ ގުޅޭ ގޮތުން ނަޝީދުގެ ފަރާތުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅުއްވާފަ އެވެ.

ތަފްސީލު - ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓިގެ ލީޑަރު، ގާސިމް އިބްރާހިމްގެ ތަރުޖަމާނު އަބްދުﷲ އަމީން މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ޕާޓީގެ އެކި ލެވެލްތަކުގައި އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ގޮތެއް ނިމުމަށް ވުރެ ބޮޑަށް، އަދިވެސް އެކަން އޮތީ މަޝްވަރާ ކުރުމުގެ މަރުހަލާގައި. ދެ ފަރާތުން މަޝްވަރާ ކުރަމުން ދަނީ،" ނަޝީދުގެ ހުށަހެޅުންތަކާ މެދު ޖުމްހޫރީ ޕާޓީން ގޮތެއް ނިންމައިފިތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ފެކްޝަނުން ޖޭޕީއާ އެކު މީގެ ކުރިން މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމެއް | ފޮޓޯ/ ޖޭޕީ

އެނގުން މުހިންމު - ނަޝީދުގެ ފަރާތުން ޖޭޕީއަށް ހުށަހެޅި ކަރުދާހުގައި މައިގަނޑު އަށް ދާއިރާއަކަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • ރައީސްގެ ބާރުތަކާއި ބޮޑުވަޒީރުގެ މަގާމު އުފައްދަން ހިމަނާފައިވޭ

  • ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސް؛ ވަޒީރުންގެ މަޖިލީހުގެ މަގާމުތައް ފިޔަވައި ސަރުކާރު ހިންގުމަށް ބޭނުންވާ އޮފީސްތަކާއި އިދާރާތަކަށް ބޭނުންވާ ސިޔާސީ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން އައްޔަން ކުރާނީ ރައީސްގެ މަޝްވަރާގެ މަތިން ބޮޑުވަޒީރު

  • ބޮޑު ވަޒީރުގެ މައިގަނޑު ޒިންމާއަކީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ އެންމެ އިސް ފަރާތުގެ ގޮތުން ކުރާން ޖެހޭ ކަންކަން ކުރުން

  • ވަޒީރުންގެ މަޖިލިސް އެކުލަވާލަން ޖެހެނީ، މަޖިލިސް މެންބަރުންގެ ތެރެއިން؛ އެކަމަކު ރައީސް އައްޔަން ކުރާ މެންބަރުން ވަޒީރުންގެ މަޖިލީހުގެ %40އަށް ވުރެ އިތުރު ނުވާނެ ގޮތަށް އައްޔަން ކުރުމަށް ހުރަހެއް ނެތް

މި ހުށަހެޅުންތަކުގައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:

  • މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައެޅުމާއި ދާއިރާތައް ބެހޭނެ ގޮތް ކަނޑައެޅުން

  • ނޭޝަނަލް ލިސްޓުން މަޖިލީހަށް އައްޔަން ކުރެވޭނެ ޖުމްލަ އަދަދާއި ކޮންމެ ޕާޓީއަކަށް ލިބޭނެ ގޮނޑީގެ އަދަދު ބަޔާންކުރުން

  • ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން

  • ސަރުކާރުގެ ކުންފުނިތައް އުފެއްދޭނީ ގާނޫނެއްގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބަޔާން ކުރުން

މިކަންކަން ކުރުމަށްޓަކައި ޓައިމްލައިނެއް ވެސް މި ހުށަހެޅުންތަކުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން:

  • ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ/ ނުފެންނަ ވޯޓެއް ނެގުން؛ އެ ވޯޓު ނަގާނީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބަށް ފަހު، 17 ނޮވެމްބަރު 2023ގެ ކުރިން

  • އެ ވޯޓުގައި ބަރުލަމާނީއަކަށް ބަދަލު ކުރަން ރައްޔިތުން ރުހޭ ނަމަ، ދެން އަންނަ އަހަރު މަޖިލިސް އިންތިހާބު ބާއްވާނީ އެ ބަދަލުތަކާ އެކު

އިތުރު އާޓިކަލް

އިތުރު އާޓިކަލް