ރައީސް ޔާމިން ކޯޓަަށް ހާޒިރުކުރަނީ - ދައުރު ފައިލް ފޮޓޯ | އަބްދުﷲ އިޔާން
އަޅުގަނޑު ނަފްސާނީ ވާވަރަށް ކަންކަން ހިނގައްޖެ: ޔާމީން
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި ކްރިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ގެންދަން އުޅޭ އަވަސްމިނުގެ ސަބަބުން ނަފްސާނީވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އެމަނިކުފާނު މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ސުޕްރީމް ކޯޓުގައި ބޭއްވީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ހިފި ކަމަށް ތުހުމަތުކޮށް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ކުރިން ނިންމި ބައެއް ނިންުމުންތަކާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ:
-
ސުޕްރީމް ކޯޓުގައި މިއަދު ފެށި އިސްތިއުނާފީ މައްސަލަ ނިމެންދެން ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފައި
-
ނަމަވެސް ދައުލަތުގެ ވަކީލުން ވަނީ އެ އަމުރު ނެރުމާ ދެކޮޅު ހައްދަވާފައި
-
ދައުލަތުން އެކަމާ ދެކޮޅު ހަދަމުން ބުނީ އެ އަމުރު ނުނެރުނަސް ޔާމީނަށް ގެއްލޭނެ ހައްގެއް ނެތް ކަމަށް
ދައުލަތުން އެކަމާ ދެކޮޅު ހައްދަވަން ފެއްޓެވުމުން ޔާމީން ހިތްހަމަޖެހިވަޑައި ނުގެން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ތަފްސީލު - ދަށު ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމަށް ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވުމުން، އެކަމަށް ޖާވާބުދާރީވުމަށް ފުރުސަތު ދެއްވުމުން ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސެކިއުޓާ އީނާ މޫސާ ވިދާޅުވީ، ޝަރީއަތް އަވަސް ކުރަން ބޭނުންވުމަކީ އިސްތިއުނާފް ކުރާ ފަރާތާ ގުޅިފައިވާ ކަމެއް ކަމަށާއި މިކަމުގައި ދައުލަތުގެ އެއްވެސް މަސްލަހަތެއް ނެތް ކަމަށެވެ.
"ދައުލަތުގެ މަސްލަހަތެއް ނެތް ޝަރީއަތް އަވަސްކުރުމަށް ވެސް ލަސް ކުރުމަށް ވެސް،" އީނާ ވިދާޅުވި އެވެ.
ގާނޫނީ އުސޫލަށް ބަލާއިރު، މި ދަނޑިވަޅުގައި ހަމަޖެހޭ އުސޫލަކީ ކޮބާތޯ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު އެއްސެވި އެވެ.
ޖަވާބުގައި އީނާ ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ދެފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅައި ނިންމައި މިހާރު ޝަރީއަތް ފަށާފައިވާ ކަމަށެވެ.
"ދެން ދައުލަތަށް ގަބޫލު ކުރެވެނީ އޮންނާނެ ގޮތަކީ، ސުޕްރީމް ކޯޓުން މި ހުށަހެޅުންތަކާ ގުޅިގެން ނިންމަވާ ގޮތެއް، އެ ނިންމުންތަކު އަލީގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަށް، އެ ކޯޓުގެ ފަނޑިޔާރު ތަތްބީއު ކުރެމޭ،" އީނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް، ޝަރީއަތުގެ އަޑުއެހުންތައް މަޑުޖައްސާނުލާ ކުރިއަށް ގެންގޮސްފިކަމުގައިވާ ނަމަ، އިސްތިއުނާފް ކުރާ ފަރާތުގެ ހައްގެއް ގެއްލިގެން ދާނެ ކަމަކަށް ދައުލަތަކަށް ނުފެނޭ. އަދި އެފަރާތައް ލިބިގެންދާނެ އިއާދަ ނުކުރެވޭ ގެއްލުމެއް އޮތް ކަމަކަށް ވެސް ދައުލަތަކަށް ނުފެނޭ ވަގުތީ އަމުރެއް ނުނެރެވިއްޖެކަމުވިޔަސް."
ދައުލަތުގެ އެ ވަހާކަތަކާ ގުޅިގެން ޔާމީން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެންނެވި އެވެ. ދައުލަތުން އެ ދެއްކި ވާހަކައާ މެދު ނުރުހުން ފާޅުކުރައްވަމުން ޔާމީންގެ މައިގަނޑު ކަންބޮޑުވުމަކީ، ދިރާސާކުރަން އެކަށީގެންވާ ވަގުތު ނުލިބި އަދި އިސްތިއުނާފީ މައްސަލަތައް ވެސް މަތީ ކޯޓުގައި ކުރިއަށް ދާއިރު، ދަށު ކޯޓުގެ އަޑުއެހުންތަކަަށް ވަގުތު ހުސް ކުރަން ޖެހުމެމެވެ.
"އަޅުގަނޑަކީ، ހަމަ ތެދުދެތަށް ދަންނަވާ ނަމަ، މިހާރު މި މައްސަލަތަކުގައި ދައުލަތުން އަމަލު ކުރާ ގޮތުން ހަމަ ހަގީގަތުގައިވެސް އަޅުގަނޑު ހިތަށް އަރާ އަޅުގަނޑުގެ ނަފްސާނީ މައްސަލައެއް އުޅެނީބާއޭ. އަޅުގަނޑަށް ކޯޕް [ތަހައްމަލު] ނުކުރެވޭ ވަރަށް މިހާރު ކަންކަން މިދަނީ،" ދައުލަތުން ދެއްވި ޖަވާބަށް ނުރުހުންވެ ހުންވަައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.
"ހެކި ނަންގަވަން، އެއް ދުވަހަކަށް އެ ތާވަލް ކުރަނީ ހަތަރު މީހުން. އަޅުގަނޑަށް އެ ހެއްކާ ބެހޭ ގޮތުން ލޯޔަރުންނާ ބައްދަލުކޮށް، މުތާލިއާ ކުރަން ވަގުތެއް ނުލިބޭ،" ޔާމީން ޝަކުވާ ކުރެއްވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވަކީލުންނަކީ ހަމައެކަނި މި މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލުން ނޫން ކަމަށާއި ތާވަލް ކުރައްވާ ގޮތުން އެބޭފުޅުންނަށް އެކަށީގެންވާ ވަގުތެއް ނުލިބެ އެވެ.
"އެހެންވީމަ، ދައުލަތުގެ މަސްލަހަތުގެ ތެރޭގައި ވަކި ގޮތަކަށް އަވަސްވުން ނޫނީ، ލަސްވުން ތިމަންމެންނަށް ވަކި ގޮތެއް ނެތް ކަމަށް ވިދާޅުވާ ކަމުގައިވަންޏާ އަޅުގަނޑު ގަބޫލު ކުރަނީ ދައުލަތުން ދެ ހަސްމުންގެ މަސްލަހަތައް ބައްލަވަން ވާނޭ. އަޅުގަނޑުމެން [ޝަރީއަތް މަޑުޖައްސާލަން] އެދި އިލްތިމާސްކުރާ ސަބަބު ދައުލަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ޔާމީން ވިދާޅުވި އެވެ.
މީގެ ކުރިން މި މައްސަލަގައި ޔާމީންގެ ފަރާތުން ހައިކޯޓުގައިވެސް އިސްތިއުނާފު ކުރި އެވެ. އޭރު ވެސް ދަށު ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމުގެ އަމުރަކަށް ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ. ނަމަވެސް އޭރު އެކަމާ ދައުލަތުން އިއުތިރާޒެއް ނުކުރެ އެވެ. ޔާމީން އެދިވަަޑައިގެންނެވީ ހައިކޯޓުގައި ދައުލަތުން ނެގި ސްޓޭންޑް ސުޕްރީމް ކޯޓުގައި ވެސް ހިފެހެއްޓުމަށެވެ.
"ސުޕްރީމް ކޯޓުން މިކަން ނިންމަވަންދެން، ލަސްކޮށްލުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަކީ އަޅުގަނޑަށް ނުވިސްނޭ ދައުލަތުގެ މަސްލަހަތު ގެއްލޭނެ ގޮތެއް،" ޔާމީން ވިދާޅުވި އެވެ.
"މިތާ ތިއްބެވި ހުރިހާ ބޭފުޅުންނަކީ މާލޭގައި ތިއްބަވާ ބޭފުޅުން. އަޅުގަނޑަކި، ގައިދީއެއް. އަޅުގަނޑަކަށް ނުލިބޭ ލޯޔަރުންނާއެކު މި މައްސަލަތައް ކުރިއަށް ގެންދާކަށް ވަގުތެއް،" ވ. އާރަށް މައްސަލައިގައި 11 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު އުޅުނީ އެއް އިސްތިއުނާފް މަރުހަލާއިން އަނެއް އިސްތިއުނާފް މަރުހަލާއިން. އެހެންވީމަ، ތެދުތެދަށް ދަންނަވާ ނަމަ، ގައިދީއަށް ހުރެ އަޅުގަނޑަށް އަމިއްލައަށް ރީސާޗް ކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބޭ."
ޔާމީން ފަނޑިޔާރުންގެ އަރިހުން އާދޭހާއެކު އެދިވަޑައިގެންނެވީ، ސުޕްރީމް ކޯޓުން މިކަމުގައި ގޮތެއް ނިންވަންދެން ދަށު ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމަށެވެ.
"އަޅުގަނޑަކަށް ކޯޕެއް [ތަހައްމަލު] ނުކުރެވޭ އިއްޒަތްތެރި ފަނޑިޔާރު. ހަމަ ތެދަށް މި ދަންނަވަނީ، އަޅުގަނޑަކަށް ކޯޕެއް ނުކުރެވޭ. އެހެންވީމަ ދައުލަތަށް ގެއްލޭނެ މަސްލަހަތެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި ދައުލަތުގެ އަސާސީ ހައްގެއްވެސް ނުގެއްލޭ،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ، އަޅުގަނޑު ވަރަށް އާދޭހާއެކު އިލްތިމާސްކުރަން، މި މައްސަލައިގައި އަޅުގަނޑުމެންގެ ޝަކުވާތަކެއް ހުރީމަ އިސްތިއުނާފަށް އައިސްގެން މިއުޅެނީ. ސުޕްރީމް ކޯޓުން މައްސަލަ ބައްލަވާ ނިމެންދެން ކްރިމިނަލް ކޯޓުގައި އެހާ އަވަސް އަރުވާލައިގެން [ޝަރީއަތް] ގެންދާ ގެންދިޔުން، އަޅުގަނޑު ހަމަ ވަރަށް އެދެން ވަގުތީ އަމުރަކުން އެކަން ހުއްޓުވައި ދެއްވުމަށް."
ޔާމީންގެ ވާހަކަތައް އަޑުއެހުމަށް ފަހު، ތިން ފަނޑިޔާރުންގެ ބެންޗުން މިކަމުގައި މަޝްވަރާ ކުރެއްވި އެވެ. އެއަށްފަހު ނިންމެވީ، އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ދަށު ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމަށް އެންގުމަށެވެ.
-
އިތުރަށް ކިޔާލަން: ފުއްގިރި ޝަރީއަތް މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ހުސްނުއްސުއޫދުގެ އިތުރުން، ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.
ފަސް މަންޒަރު - އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ކުރަނީ:
-
މަނީ ލޯންޑަރިންގެ ދައުވާ
-
ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ
އެ މައްސަލައިގައި ޔާމީންގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ ފެބްރުއަރީ 14ގައި އެވެ. އެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ޔާމީނާ ދެކޮޅަށެވެ.
-
އިތުރަށް ކިޔާލަން: ފުއްގިރި މައްސަލައިގައި ޔާމީނަށް ހައި ކޯޓުގައި ވެސް ނާކާމިޔާބު