މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން ޔާމީން އެ މަނިކުފާނުގެ ވަކީލުންނާ އެކު.

ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި

މައްސަލަ މަޑުޖައްސާލަން އެންގީ އަންނަ ހަފްތާގެ ހޯމަ ދުވަހާ ޖެހެންދެން

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ދައުވާތަކުގެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ފުއްގިރި މުއާމާލަތުން ދައުލަތަށް ލިބެން ޖެހޭ ފައިސާއިން ޔާމީން މަނީ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ މަނިކުފާނާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުގެ އަޑުއެހުންތައް ހިނގަމުންދަނީ ކްރިމިނަލް ކޯޓުގަ އެވެ. އެގޮތުން:

އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމި ނިންމުން އެ މަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްއުނާފުކުރުމުން އެ ކޯޓުން ނިންމީ:

  • ޔާމީނާ ދެކޮޅަށް؛ އެހެންވެ ހައި ކޯޓުގެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި

  • ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ މިއަދު ބާއްވާފައި

  • ޔާމީންގެ ފަރާތުން އެދުނީ، ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް

ތަފްސީލު - ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ މަޝްވަރާއަށް ފަހު ނިންމެވީ، ދަށު ކޯޓުގައި ހިނގަމުން އަންނަ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރުމަށެވެ.

ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މައްސަލަ މަޑުޖައްސާލަން އަންގަނީ އަންނަ ހަފްތާގެ ހޯމަ ދުވަހާ ޖެހެންދެން ކަމަށެވެ.

"އެހާ ތަނަށް [އަންނަ ހަފްތާގެ ހޯމައަށް] މި މައްސަލަ ނިންމަން ކަމަށް ވިސްނައިގެން މި ތިބީ. އެހެންވީމަ އަންގަން ޖެހޭ އެއްޗެއް ލިޔުމުން އަންގަން ޖެހޭ ފަރާތަތަކަށް އަންގާނަން،" މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައްވަމުން ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ހުސްނުއްސޫއޫދުގެ އިތުރުން މި މައްސަލަ ބަލައްވާ ބެންދުގައި ދެން ހިމެނިވަޑައިގަންވަނީ:

  • ފަނޑިޔާރު އައިޝާ ޝުޖޫން

  • ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް

ފުއްގިރު މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމަަށް ސުޕްރީމް ކޯޓުން މިއަދު އެންގިއިރު، މާދަމާ ހެނދުނުވެސް އެ މައްސައިގެ އަޑެހުމެއް ވަނީ ތާވަލްކޮށްފަ އެވެ. އެ އަޑުއެހުމުގައި ތާވަލްކޮށްފައި އޮތީ، ހެކި ބަސް ނަގަން ފެށުމެވެ.

އެ މައްސަލައިގައި ޔާމީންގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ ފެބްރުއަރީ 14ގައި އެވެ. އެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ޔާމީނާ ދެކޮޅަށެވެ.

އެނގުން މުހިންމު -  ފުއްގިރި މައްސަލައިގައި ދައުލަތުން ޔާމީންގެ މައްޗަށް ކުރަނީ، މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތުގެ ގަބޫލުކުރުމުގެ ދައުވާ އެެވެ. ޔާމީންގެ އިތުރުން ދެން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ:

  • އަހުމަދު ކްރިކް ރިޒާ - ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން ކޮންސްޓަރަކްޝަން - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާސަން އިންވެސްޓްމަންޓް - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ 

މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ކްރިކް ރިޒާ ވެސް ބައިވެރިވެފައިވެ އެވެ. އޭނާގެ ފަރާތުންވެސް ޝަރީއަތް ލަސްކުރުމުގެ އަމުރަކަށް އެދިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް