ފުއްގިރީގެ އިސްތިއުނާފީ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޔާމީން އަދި ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު.
ފުއްގިރި މައްސަލައިގައި ޔާމީނަށް ހައި ކޯޓުގައި ވެސް ނާކާމިޔާބު
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ މައްސަލައިގައި ޔާމީންގެ ފަރާތުން ކްރިމިނަލަށް ކޯޓަށް ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
މައްސަލައިގެ ފެށުން - އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރަނީ:
-
މަނީ ލޯންޑަރިންގެ ދައުވާ
-
ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ
އެ މައްސަލައިގައި ޔާމީންގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ 14ގައި ނިންމި ނިންމުން ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އަދި ހައި ކޯޓުން ވަނީ އެ އިސްތިއުނާފީ މައްސަލަ ނިމެންދެން ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ކްރިިމިނަލް ކޯޓަށް އަންގާފަ އެވެ.
ވީ ކިހިނެއް؟ - މިއަދު ހައި ކޯޓުގައި އޮތީ މި މައްސަލައިގައި ހުކުމް ކުރުމެވެ. ހައި ކޯޓުން އިއްވި ހުކުމުގައި ބުނީ، ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައި ކޯޓުން ޔާމީނަށް ނާކާމިޔާބުވިއިރު، މި މައްސަލަ އެ ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެއްގެ ރައުޔު ތަފާތެވެ. އެގޮތުން:
-
ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝާފިއުގެ ރައުޔާއި އެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ދީބާނާޒް ފަހުމީ އަދި މުހައްމަދު ފައިސަލްގެ ރައުޔު ތަފާތު
-
ޝާފިއުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، ފުއްގިރި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަކީ އިތުބާރު ހިފޭ ހެކިތަކެއްތޯ ނުވަތަ ނޫންތޯ އެ ކޯޓުން އެއްްވެސް ވަަރަަކަށް ބަލާފައި ނުވާ ކަމަށް
-
ޝާފިއުގެ ރައުޔުގައި ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް؛ އެހެންވެ، އެ ނިންމުން ބާތިލުކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝާފިއު ވިދާޅުވެފައިވޭ
-
ދީބަނާޒުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް
-
ދީބަނާޒުގެ ރައުޔަށް ފައިސަލް ތާއީދުކުރައްވާފައިވޭ
އިސްތިއުނާފީ މައްސަލައިގެ ހުލާސާ
ޔާމީންގެ އިސްތިއުނާފް ބިނާކޮށްފައި އޮތީ ތިން ނުކުތާއަކަށެވެ. އެއީ:
-
ބައެއް ހެކިތައް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުގައި ފުއްގިރި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަލީ ނަދީމް ނިންމެވިއިރު، އެ ނިންމުމަށް ވާސިލްވި ގޮތް ބަޔާންކުރައްވާފައެއް ނުވޭ
-
ދައުލަތުން ހުށަހަޅާފައިވާ ހެކިން ކަމަށްވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުން ބަލައިގެންފައި ނުވަނީ ގާނޫނާއި މީގެ ކުރީގެ ގަޒިއްޔާތަކާ ހިލާފަށް
-
ބައެއް ލިޔެކިޔުންތައް ހާމަކުރުމަށް ޔާމީންގެ ފަރާތުން އެދުނު ހުށަހެޅުން ބަލައިނުގަތުމަށް ގާޒީ ނިންމެވީ އަސާސެއް ނެތި
ޔާމީންގެ ވަކީލުން ކޯޓުގައި ފާހަގަކުރެއްވި ގޮތުގައި:
-
ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް ފެބްރުއަރީ 14ގައި ދަށު ކޯޓުން ނިންމިއިރު، ހެއްކާ ބެހޭ އާ ގާނޫނަށް މިދިޔަ ޖެނުއަރީ 18ގައި އަމަލުކުރަން ވަނީ ފަށާފައި
-
ހުށަހެޅުން ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ބޭއްވި އަޑުއެހުމުގައި ވެސް، އޭރު އަމަލުކުރަން ފަށާފައިވާ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހެކި ބަލައިގަތުމާއި ވަޒަން ކުރުމުގައި ގޮތް ނިންމުމަށް އެދުނު ނަމަވެސް، ގާޒީ އެ ކަމަށް އިޖާބަދެއްވާފައެއް ނުވޭ
އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދުމާ އެކު، ޖުމްލަ ފަސް ކަމަކަށް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އެދިފައިވެ އެވެ. އެއީ:
-
ފުއްގިރި ކުއްޔަށް ދޫކުުރުމާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގުގައި ހިމެނޭ ބައެއް ލިޔެކިޔުންތައް ހުރި ނަމަ، ކޯޓުގައި ހާމަކުރުމަށް ދަށު ކޯޓުގައި ހުށަހެޅި ހުށަހެޅުން ބަލައިގަނެ، އެ މައުލޫތު ހާމަކުރުމަށް ހައި ކޯޓުން އަމުރުކޮށްދިނުމަށް
-
17 ނޮވެމްބަރު 2013 އިން އޮކްޓޯބަރު 2015އަށް ރައިސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އަދި ރައީސް އޮފީހާއި އެމްއެމްޕީއާރުސީއާ ދެމެދު، ޓޫރިސްޓް ރިސޯޓުތައް ތަރައްގީކުރުމާ ގުޅޭ ގޮތުން ބަދަލުކުރި ހުރިހާ ސީޓީތަކުގެ ކޮޕީ ހާމަކުުރުމާ މެދު ނިންމި ނިންމުން ބާތިލުކޮށް، އެ މައުލޫމާތު ހާމަކުުރުމަށް އަމުރުކޮށްދިނުމަށް
-
މިހާރު އަމަލުކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހެކި ލިސްޓް ރިވިއުކޮށް، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްދިނުމަށް
-
އިސްތިއުނާފް މައްސަލައާ މެދު ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ދަށު ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރުމަށް؛ މި އަމުރު ހުކުމުގެ ކުރިން އޮތީ ނެރެދީފައި