ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)
ކޮތަޅު ފީގެ އިސްލާހު ކޮމިޓީއަށް ވެސް ނުފޮނުވައި މަޖިލިސް ޗުއްޓީއަށް
ކޮތަޅު ބޮނޑިން ބޮޑު ފީއެއް ނަގާ މައްސަލަ ހައްލުކުރަން ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް ކޮމީޓީއަށް ވެސް ނުފޮނުވައި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިއަދު ނިންމައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދު ބުނާ ގޮތުން:
-
ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ އޮންނާނީ އޭޕްރީމް މަހުގެ ފަހު ބުރާސްފަތި ދުވަހު
-
މިއަދު ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ
-
ކޮތަޅު ބޮނޑީގެ ފީގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އާންމުން ދަނީ ގޮވާލަމުން
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި، ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮތަޅު ފީގެ އިސްލާހު ހިމެނޭ ގޮތަށް މިހާރު އިބްތިދާއީ ބަހުސް މަރުހަލާގައި ހުރި ބިލުތަކުގެ ބަހުސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން، ބަހުސް ނިންމައި މިއަދު ކޮތަޅު ބޮނޑީގެ އިސްލާހު ވެސް ކޮމިޓީއަށް ފޮނުވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - 50ހަކަށް މީހުން ޓްވީޓްކޮށްލުމުން އިތުރު ޖަލްސާ ބާއްވަން ނުޖެހޭ: ނަޝީދު
ނަމަވެސް، މިއަދުގެ ވޯޓު މެންދުރު 1 ޖެހިިއިރު ކުރިއަށް ގެންދިޔައިރު ވެސް އެ ބިލުގެ ބަހުސް މަރުހަލާ އޮތީ ނުނިމި އެވެ. އެހެންވެެ، ވޯޓަށް އަހަން ހުރި ކަންކަމުގެ ތެރޭގައި އެ އިސްލާހެއް ނެތެވެ.
މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އަހާފައި ވަނީ ދެ ކަމަކަށެވެ. އެއީ:
-
ކުޅިވަރާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަތުމަށް؛ 42 މެންބަރުންގެ ވޯޓާ އެކު އެ ބިލު ވަނީ ކޮމިޓީއަށް ފޮނުވާފައި
-
ނައިބު ރައީސް ފައިސަލް ނަސީމް، ރައީސްކަމުގެ ހުވާކުރައްވާފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލުން ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ކަމަށް އިދިކޮޅުން ބުނާ ދުސްތޫރި މައްސަލަ ހައްލުކުރުމަށް އިދިކޮޅުން ހުށަހެޅި ގަރާރު: އެ ގަަރާރު 40 މެންބަރުންގެ ވޯޓާ އެކު ވަނީ ބޭރުކޮށްލާފައި
އެ ދެ ވޯޓަށް ފަހު، އެ ވަގުތު ރިޔަސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ، މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ނިމިފައިވާކަން އިއުލާނުކުރައްވާފަ އެވެ.
އެންގުން މުހިންމު - މަޖިލީހުގެ ފުރަތަމަ ދައުރާއި ދެ ވަނަ ދައުރާ ދެމެދު މެންބަރުންނަށް ލިބެނީ ދެ ހަފްތާއެއްހާ ދުވަހުގެ ޗުއްޓީ އެވެ. ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ މަހުގެ 16ގެ ފަހުންނެވެ.
ފަސް މަންޒަރު - މިދިޔަ ނޮވެމްބަރު މަހު މަޖިލީހުން ފާސްކުރި ކުނި މޭނޭޖުކުރުމުގެ ބިލު ގާނޫނަކަށްވެ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2ރ.ގެ ޓެކްސްއެއް ނަގަން ވަނީ ފަށައިފަ އެވެ.
އެ ބަދަލާ އެކު، ކޮތަޅު ބޮނޑިން ވެސް އަދި ބާޒާރު ކުރާ އިރު ވެސް ކޮތަޅުން ޓެކްސް ނަގަމުން މިހާރު އެބަދެ އެވެ. އެއާ އެކު، ހޯލްސޭލް ފިހާރަތަކުން ވިއްކާ ކޮތަޅުގެ އަގު އެތައް ގުނައަކަށް ބޮޑުވެ، ކުނި އުކާލުމަށް ދާ ހަރަދު ބޮޑުވާނެތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަން ހައްލުކުރުމަށް މިދިޔަ މާޗު މަހު ސަރުކާރުން ވަނީ އެ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ.
ނަމަވެސް، މިއަދު މަޖިލިސް ޗުއްޓީއަށް ގޮސްފައި ވާއިރު، އަވަސް ގޮތަކަށް ކޮތަޅު ޓެކްސްގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ، މަޖިލީހުގެ މި ދައުރު ދިގު ދަންމާލަން ބައެއް މެންބަރުން އެދިވަޑައިގެންނެވި ނަމަވެސް، އެކަން ކުރަން ނަޝީދު ބޭނުންފުޅެއް ނުވެ އެވެ.
-
އިތުރަށް ކިޔާލަން - 'ކޮތަޅު ޓެކްސް ބޮޑުވެގެން އުޅެނީ މީރާއިން ގާނޫނު މާނަކުރި ގޮތުން'