ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު. (ފޮޓޯ/މަޖިލިސް)
ކޮތަޅު ފީ ހައްލުކުރަން 50ހަކަށް މީހުން ރީޓްވީޓްކޮށްލާއިރަށް އިތުރު ޖަލްސާތައް ބާއްވާކަށް ނުޖެހޭ: ނަޝީދު
ކޮތަޅު ބޮނޑިން ބޮޑު ފީއެއް ނަގާ މައްސަލަ ހައްލުކުރަން 50 ހަކަށް މީހުން ރީޓްވީޓްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ދަންމާލައި އިތުރަށް ޖަލްސާތައް ބާއްވަން ނުޖެހޭ ކަމަށާއި އެއީ ވަރަށް ފުންކޮށް ވިސްނުމަށް ފަހު ގެންނަން ޖެހޭ އިސްލާހެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - މިދިޔަ ނޮވެމްބަރު މަހު މަޖިލީހުން ފާސްކުރި ކުނި މޭނޭޖުކުރުމުގެ ބިލު ގާނޫނަކަށްވެ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2ރ.ގެ ޓެކްސްއެއް ނަގަން ވަނީ ފަށައިފަ އެވެ.
އެ ބަދަލާ އެކު، ކޮތަޅު ބޮނޑިން ވެސް އަދި ބާޒާރު ކުރާ އިރު ވެސް ކޮތަޅުން ޓެކްސް ނަގަމުން މިހާރު އެބަދެ އެވެ. އެއާ އެކު، ހޯލްސޭލް ފިހާރަތަކުން ވިއްކާ ކޮތަޅުގެ އަގު އެތައް ގުނައަކަށް ބޮޑުވެ، ކުނި އުކާލުމަށް ދާ ހަރަދު ބޮޑުވާނެތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަން ހައްލުކުރުމަށް މިދިޔަ މާޗު މަހު ސަރުކާރުން ވަނީ އެ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ. ނަމަވެސް، މިއަދު މަޖިލިސް ޗުއްޓީއަށް ދާތީވެ، އަވަސް ގޮތަކަށް ކޮތަޅު ޓެކްސްގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ، މަޖިލީހުގެ މި ދައުރު ދިގު ދަންމާލަން ބައެއް މެންބަރުން އެދިވަޑައިގެންނެވި ނަމަވެސް، އެކަން ކުރަން ނަޝީދު ބޭނުންފުޅެއް ނުވެ އެވެ.
-
އިތުރަށް ކިޔާލަން - މަޖިލީހުގެ ދައުރު ދަންމާލަން ނަޝީދު ބޭނުމެއް ނުވޭ
ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ، މިއަދު ނިމޭ މި އަހަރުގެ ފުރަތަމަ ދައުރު ދަންމާލައިގެން އެ އިސްލާހު ފާސްކުރުން އަވަސް ކުރަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ބުނީ ކީކޭ؟ - "އެއްވެސް މެންބަރެއްގެ ހިތަށް ވައްދަވައިގެން ނުވާނެ، ސަރުކާރުން ކަމެއް ބޭނުންވީމަ، އެ ކަމެއް އަވަހަށް ކުރަން ވެގެން އަޅުގަނޑަށް ޖެހިގެން މި ތަނުގައި އިނދެ އަޅުގަނޑު ކުރާނެ ކަމަށް. އެއީ އެކަން ހިނގާނެ ގޮތެއް ނޫން،" ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ކޮތަޅު ބޮނޑީގެ އިސްލާހު ހިމެނޭ ގޮތަށް މިހާރު ބަހުސްކުރަމުންދާ ބިލުތަަކަކީ، ވަރަށް ގިނައިރު ބަހުސްކޮށްފައިވާ ކަންތައްތަކެއްކަން ފާހަގަކުރައްވައި ނަޝިދު ވިދާޅުވީ، މިއަދު އެ ބިލުތަކުގެ އިބްތިދާއީ ބަހުސް ނިންމައި ކޮމިޓީއަށް ފޮނުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދެ ހަފްތާއެއްހާ ދުވަހުގެ ޗުއްޓީއަށް ފަހު، މަޖިލީހުގެ ޖަލްސާތައް ދެވަނަ ދައުރަށް ފެށޭއިރު، އެ ބިލުތަކުގެ ކޮމިޓީ މަރުހަލާތައް ނިމި، ތަޅުމުން ފާސްކުރެވޭނެ ކަމަށް އެ މަނިކުފާނު ލަފާކުރެއްވި އެވެ.
"މިއަދު މަޖިލިސް ޗުއްޓީއަށް ދާއިރު، މި މަސައްކަތްތައް ކޮމިޓީތަކަށް ފޮނުވިފައި އޮތް ކަމަށް ވަނީވިއްޔާ، މި އޮތް ދެ ހަފްތާ ތެރޭގައި ކޮމިޓީ މަސައްކަތް ކުރެވި، އަޅުގަނޑުމެން އަލުން އަނބުރާ އިށީންނައިރު، އެތައް ކަމަކަށް ވަގުތުން ގޮތް ނިންމޭނެ ގޮތަށް އުންމީދުކޮށްގެން އަދި އެ ތަސައްވަރުގައި އަޅުގަނޑު މަސައްކަތް ކުރަމުން މި ދަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް، ކޮތަޅުގެ ފީގެ މައްސަލައަށް ހައްލު ގެނައުމަށް ދައުރު ދިގު ދަންމާލަން މިއަދު ވެސް ދެކޮޅު ހެއްދެވި އެވެ. އަދި އެއީ ސަރުކާރުން އެކަން އަވަސް ކުރަން ބޭނުންވިޔަސް އެކަން އެ ގޮތަށް ކުރަން ބޭނުން ނުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ތިޔަ ކަންބޮޑުވާ ކަމަށް ވިދާޅުވާ ބައެއް ބިލު، އެއީ ކުނި ނައްތާނުލާ ގާނޫނު. ބައެއް ބޭފުޅުން މި ވިދާޅުވަނީ، 50 ހަކަށް މީހުންގެ ރީޓްވީޓާ އެކު އޮތް ޓްވީޓެއް ފެނުނީމަ، ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވިއޭ، އެހެންވީމަ އެ ކަމަށް އަޅުގަނޑުމެން ކޮންމެހެން ވެސް މި ތަނުގައި ޖަލްސާތައް ކުރިއަށް ގެންގޮސް، ގޮތެއް ނިންމަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ދެކެޑައިގަންނަވާ ގޮތުގައި، ރައްޔިތުން ކަންބޮޑުވަނީ ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ގުޅިގެންނެވެ. އެހެންވީމަ، ސަރުކާރުން ފޮނުވާފައިވާ އިސްލާހު އަވަސް އަރުވާލައިގެން ފާސް ކުރަން ބޭނުން ނު ވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަގީގަތަކީ ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އޮތީ، ފަރުތަކަށް ގެއްލުންވާތީ، ތިމާވެއްޓަށް ގެއްލުން ލިބޭތީ، ސިއްހަތަށް ގެއްލުން ލިބޭތީ. ސައިންސްވެރިން ބުނަމުން އަންނަނީ މިކަންކަން ވަނީ ކޮތަޅުތަކުގެ ސަބަބުންނޭ،" ނަޝީދު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑަށް ފެންނަ ފެނުމުގައި، މިއީ އަވަސްކޮށްގެން ގެންގޮސް ނިންމަން ޖެހޭ ބާވަތުގެ ބަހުސެއް ނޫން. އެއީ ފުންކޮށް އަޅުގަނޑުމެން ވިސްނަން ޖެހޭ ބާވަތުގެ ކަމެއް. އެހެންވީމަ އެ މައްސަލަ މިއަދު ކޮމިޓީއަށް ފޮނުވާލެވޭނެ."
-
އިތުރަށް ކިޔާލަން - 'ކޮތަޅު ޓެކްސް ބޮޑުވެގެން އުޅެނީ މީރާއިން ގާނޫނު މާނަކުރި ގޮތުން'