ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. (ފޮޓޯ/މަޖިލިސް)

ކޮތަޅު ބޮނޑީގެ ފީ ކަނޑާލާ އިސްލާހުގެ މަސައްކަތް ނިމެންދެން ދައުރު ދަންމާލަން ނަޝީދު ބޭނުމެއް ނުވޭ

މާދަމާ މަޖިލިސް ޗުއްޓީއަށް ދިއުމަށް ވަނީ ހަމަޖެހިފައި؛ ދެން ޖަލްސާއެއް އޮންނާނީ އަންނަ މަހުގެ 16ގައި

ކުނި މޭނޭޖްކުރުމުގެ ގާނޫނުގެ ދަށުން ކޮތަޅު ބޮނޑިން ޑަބަލް ޓެކްސް ނަގާތީވެ، ކޮތަޅުގެ އަގު އެތައް ގުނައެއް ބޮޑުވެފައިވާ މައްސަލަ ހައްލުކުރުމަށް އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް މި ހިނގާ ދައުރު ދިގުދަންމާލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ނުވާކަން މިއަދު ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ މާއްދާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު އިއުލާންކުރެއްވި އެވެ. އެއީ، ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު މި މަހަށް ނިމޭތީ އެވެ.

ތަފްސީލު - މިއަދުގެ ޖަލްސާގައި ނަޝީދު އެ ގޮތަށް އިއުލާންކުރެއްވި ފަހުން، ބިލެއްގެ އިބްތިދާއީ ބަހުސްގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ، ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފަ އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ކޮތަޅު ބޮނޑިން ފީ ނެގުމަށް ތާއީދުކުރައްވާކަން މީގެ ކުރިން ހާމަކުރައްވާފައިވާ ނަޝީދު ވިދާޅުވީ، އެފަދަ ކަމެއް ޝަރީފަށް ހުށަނޭޅުއްވޭނެ ކަމަށެވެ.

"އިއްޒަތްތެރި މެންބަރަށް ސާފުކޮށް އަރުވަން ޖެހޭ، އިއްޒަތްރި މެންބަރަށް ހުށަހެޅެން ނެތް ކަމެއް ތިޔަ ހުށަހެޅުއްވީ. އެހެންވީމާ ސާފުކޮށްދިނީ. އިރާދަކުރެއްވިއްޔާ މާދަން މި މަޖިލިސް ޗުއްޓީއަށް ދާނެ،" ޝަރީފުގެ ވާހަކަ ހުއްޓުވުމަށް ފަހު ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، އެއީ ކީއްވެގެން ކަމެއް ނަޝީދު ސާފުކޮށެއް ނުދެއްވަ އެވެ. ނަމަވެސް، މަޖިލީހުގެ ދައުރު ދިގު ދަންމާލުމަށް މެންބަރުންނަށް ހުށަހެޅޭނެ ވާހަކައެއް މަޖިލީހުގެ ގަވައިވަކު ނެތެވެ.

ނަޝީދު، ޝަރީފަށް ދެއްވި ޖަވާބާ ގުޅިގެން ސުވާލުކުރުމުން މަޖިލީހުގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ، ދައުރު ދިގު ދަންމާލުމަކީ ރިޔާސަތުން ހުށަހަޅަން ޖެހޭ ހުށަހެޅުމެއް ކަމަށެވެ.

"މިކަމުގައި އަމަލުކުރާ އުސޫލަކީ ރިޔާސަތުން އެ ހުށަހެޅުން ހުށަހެޅީމަ މެންބަރުންގެ ވޯޓާ އެކު ފާސްކުރުން. މެންބަރުންނަށް ދައުރު ދިގު ކުރުމުގެ ހުށަހެޅުން ހުށަހެޅޭ ގޮތަކަށް ނޫން އޮންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެނގުން މުހިންމު - މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ:

  • ފުރަތަމަ ދައުރު - ފެބްރުއަރީން އޭޕްރީލްއަށް

  • ދެވަނަ ދައުރު - 16 މޭ އިން ފެށިގެން ޖޫންގެ ނިޔަލަށް

  • ތިން ވަނަ ދައުރު - 16 އޮގަސްޓުން ނޮވެމްބަރުގެ ނިޔަލަށް

ކޮންމެ ދައުރެއްގެ ވެސް ފަހު ޖަލްސާ އޮންނާނީ އެ މަހެއްގެ އެންމެ ފަހު ބުރާސްފަތި ދުވަހު އެވެ. އެހެންވެ، މި ހިނގާ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބާއްވަން ޖެހޭނީ މަދާމާ އެވެ. އަދި  ދައުރު ދިގު ނުކުރާ ނަމަ، ދެ ހަފްތާއެއްހާ ދުވަހުގެ ޗުއްޓީއަށް ފަހު، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ އަންނަ މަހުގެ 16ގަ އެވެ. އެއީ، ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އެވެ.

ފަސް މަންޒަރު - މިދިޔަ ނޮވެމްބަރު މަހު މަޖިލީހުން ފާސްކުރި ކުނި މޭނޭޖުކުރުމުގެ ބިލު ގާނޫނަކަށްވެ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2ރ.ގެ ޓެކްސްއެއް ނަގަން ވަނީ ފަށައިފަ އެވެ.

އެ ބަދަލާ އެކު، ކޮތަޅު ބޮނޑިން ވެސް އަދި ބާޒާރު ކުރާ އިރު ވެސް ކޮތަޅުން ޓެކްސް ނަގަމުން މިހާރު އެބަދެ އެވެ. އެއާ އެކު، ހޯލްސޭލް ފިހާރަތަކުން ވިއްކާ ކޮތަޅުގެ އަގު އެތައް ގުނައަކަށް ބޮޑުވެފައި ވާއިރު، ކުނި އުކާލުމަށް ދާ ހަރަދު ބޮޑުވާނެތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް