ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މަޖިލިސް ޖަލްސާއެްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/މަޖިލިސް)
ކޮތަޅު ޓެކްސް ބޮޑުވެގެން އުޅެނީ މީރާާއިން ގާނޫނު މާނަކުރި ގޮތުން: ސަލީމް
އަލަށް އެކުލަވާލި ކުނި މެނޭޖުކުރުމާ ގުޅޭ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅަށް ނަގާ ޓެކްސް ބޮޑުވެގެން އުޅެނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އެ ގާނޫނު މާނަކުރި ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ނޮވެމްބަރު މަހު މަޖިލީހުން ފާސްކުރި ކުނި މޭނޭޖުކުރުމުގެ ބިލު ގާނޫނަކަށްވެ، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ވަނީ ފަށައިފަ އެވެ.
އެ ބަދަލާ އެކު، ކޮތަޅު ބޮނޑިން ވެސް އަދި ބާޒާރު ކުރާ އިރު ވެސް ކޮތަޅުން ޓެކްސް ނަގަމުން މިހާރު އެބަދެ އެވެ. އެއާ އެކު، ހޯލްސޭލް ފިހާރަތަކުން ވިއްކާ ކޮތަޅުގެ އަގު އެތައް ގުނައަކަށް ބޮޑުވެފައި ވާއިރު، ކުނި އުކާލުމަށް ދާ ހަރަދު ބޮޑުވާނެތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބުނީ ކީކޭ؟ - އެ ބިލު ދިރާސާކުރި އެންވަޔަރަމެންޓް ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައި ވަނީ، ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން ދިފާއުކުރައްވާފަ އެވެ. އޭނާގެ ވާހަކަތަކަށް ބާރުދެއްވުމުގެ ގޮތުން ފާހަގަކުރެއްވި މިސާލުތަކަކީ:
-
2017އަށް ވުރެ އިތުރަށް 2018ގައި 39 މިލިއަން ޕްލާސްޓިކް ތަކެތި ރާއްޖެއަށް އެތެރެކުރި
-
2018 އާއި 2019ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕްލާސްޓިކް ތަކެތި އެތެރެކުރި ވަރު 7 މިލިއަނުން އިތުރުވެފައިވޭ
-
2019އާ އަޅާބަލާއިރު، 2020ގައި 149 މިލިއަންގެ ދަށްވުމެއް ފާހަގަކުރެވޭ
-
އެއީ އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކް މަދުކުރުމަށް 2019 ވަނަ އަހަރު ސަރުކާރުން ގެންގުޅެން ފެށި ސިޔާސަތުގެ ކާމިޔާބީގެ މިސާލެއް
-
2020ގައި، އެ ހުރިހާ ފިޔަވަޅުތަކަކާ އެކު ވެސް 11.6 މިލިއަން ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެކޮށްފައިވޭ
ޕްލާސްޓިކް ކޮތަޅުގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގައުމުތަކުން ދެ ސިޔާސަތެއް ގެންގުޅޭ ކަމަށެވެ. އެއީ:
-
ތަރައްގީވަމުން އަންނަ ގައުމުތަކުން އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތައް މަދުކޮށް، މަނާކުރޭ؛ އެ ކަމުގައި ބަންގްލަދޭޝް އިން އިސްނެގިއިރު، މިހާރު ދުނިޔޭގެ 27 ގައުމެއްގައި އެއީ މަނާ އެއްޗެއް
-
އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުން ޓެކްސް ނުވަތަ ފީ ނެގުމުގެ ނިޒާމެއް ގާއިމުކުރުން؛ އަޔަލެންޑުން އެކަން ކުރަން ފެށިއިރު، މިހާރު 24 ގައުމަކުން އެ ގޮތަށް ފީ ނަގާ
ސަލީމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެ ގޮތަށް ކޮތަޅުން 2ރ.ގެ ޓެކްސްއެއް ނަގަން ފެށުމުން ދިމާވި މައްސަލައަކީ، މަތިމައްޗަށް ޓެކްސް ނެގުމަށް މަގުފަހިވާ ގޮތަށް އެކަން ކުރުމެވެ.
"މިސާލަކަށް، މާލޭގައި ހޯލްސޭލްކޮށް ގަނެގެން އަޅުގަނޑުމެންގެ ރަށުގެ ކަންމަތީ ފިހާރައަކާ ހަމައަށް ދާއިރުގައި ފަސް ޕޮއިންޓެއް އެބަ ހުރަސްކުރޭ. އެއިގެން ޕޮއިންޓެއްގައި މި ނަގާ 2ރ. އެއަށް އެޑުވަމުން ދަންޏާ އަޅުގަނޑުމެންގެ ރަށުގެ ކަންމަތީ ފިހާރައަށް މި ވިއްކަން ޖެހެނީ 10ރ.އަށް،" އޭނާ ވިދާޅުވި އެވެ.
އެއީ ކޮންމެހެން ގާނޫނު އޮތް ގޮތުން ދިމާވި މައްސަލައެއް ކަމަކަށް ސަލީމް ގަބޫލެއްނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލަ ދިމާވީ، މީރާއިން ގާނޫނު މާނަކުރި ގޮތުންނެވެ.
"ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް، މި ނޫން ގޮތަކަށް މާނަކުރުމުގެ ފުރުސަތު މީރާއަށް އޮވެމެ، މިކަން މި ގޮތަށް ކުރީ ކީއްވެގެންތޯ އެއީ މިއަދު އަޅުގަނޑުމެން ކުރަން ބޭނުންވާ ސުވާލެއް. ކޮންމެއަކަސް އަޅުގަނޑުމެންނަށް ގެއްލުންވާ ގޮތަށް މީރާއިން މާނަކުރީ،" ސަލީމް ވިދާޅުވި އެވެ.
އެނގުން މުހިންމު - ގާނޫނު މިހާރު އޮންނަ ގޮތުން، ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް ވެސް 2ރ.ގެ ފީއެއް ދައްކަން ޖެހޭއިރު، އާންމު ގޮތެއްގައި ބޮނޑިއެއްގައި 100 ކޮތަޅު ހުރެ އެވެ. އެހެންވެ، ކޮންމެ ކޮތަޅަކަށް 2ރ.ގެ ރޭޓުން 200ރ. އިތުރަށް ދައްކަން ޖެހެ އެވެ.
ސަރުކާރުން މިހާރު ވަނީ ކޮތަޅު ބޮނޑީގެ އަގު ތިރިވާނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން ހުށައަޅައިފަ އެވެ.
އެ އިސްލާހަށް އިޝާރާތްކުރައްވަމުން ސަލީމް ވިދާޅުވީ އެއީ ޕްލާސްޓިކްގެ އަގު ބޮޑުވުމުގެ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ. ކޮންމެ މީހަކަށް ވެސް ގޮސް ހޯލްސޭލްކޮށް 50 ކޮތަޅުގެ ނުވަތަ އެއަށް ވުރެ އިތުރަށް ކޮތަޅު ގަތުމަށް ގާނޫނުން ހުރަހެއް ނެތްކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ އެއިގެން ޓެކްސް އިސްތިސްނާކޮށްފި ނަމަ، "އެ މަގުން ދާ މީހުން ގިނަވެ، މުޅި ސިސްޓަމް ފެއިލްވެދާނެ" ކަމަށެވެ.
"ދުނިޔޭގައި ޕްލާސްޓިކް ކޮތަޅަށް ޓެކްސް ނެގީމާ ދެން ފެނުނު ނަތީޖާތަކުގެ ތެރެއިން މި ދަންނަވާ ޓެކްސް ފްރީ ކުރާ ދިމާލުން ޑިމާންޑް އިތުރުވާ ކަމަކީ ފެކްޓެއް. އެއީ އަޅުގަނޑުގެ ހިޔާލެއް ނޫން. އެހެންވީމާ [ބިލު ދިރާސާކުރިއިރު] އަޅުގަނޑުމެންނަށް އެއަށް އެއްބަސްނުވެވުނީ،" އޭނާ ވިދާޅުވި އެވެ.
"މި ދެންނެވި ކަންކަން މިހެން ހުއްޓާ، އާދައިގެ ފިހާރަ، ކަންމަތީ ފިހާރައެއް ހިންގާ މީހެއް ގާތުގައި ވަރަށް ގިނަ ސްޓެޓިސްޓިކްސް ނަގަން އަޅުގަނޑުމެން އެބަ ބުނަން. ވަރަށް ގިނަ އިސްތިސްނާތަކެއް މި އަށް ގެންނަން. ތެދު ތެދަށް ދަންނަވަންޏާ މި ގާނޫނު އަޅުގަނޑުމެންނާ ހަމައަށް އައިސްފައި އޮތީ ދުނިޔޭގެ ވަރަށް ތަހުޒީބު ޓެކްސް ސިސްޓަމްތައް ހުރި ގައުމުތަކުގައި އަމަލުކުރާ ގޮތް ބަލައިގެން އޭގެ ނަކަލެއްގެ ގޮތުގައި."
ސަލީމް ވިދާޅުވީ، ކުދި ކުދި ކަންކަމަށް ގާނޫނުން އިސްތިސްނާ ދިނުމަކީ ދަތި ކަމެއް ކަމަށެވެ. އެހެންވެ، އޭނާ ވަނީ އެ މައްސަލަތައް ހައްލުކުރުމަށް ފަސް ކަމެއް ހުށަހަޅުއްވާފަ އެވެ. އެއީ:
-
ގަނޑުކޮށް ކޮތަޅު ގަތަސް، ގަނޑުކުރި މަސް ނުވަތަ ރޯ މަސް ފަދަ ތަކެތި އެޅުމަށް ނޫނީ ޓެކްސް މާފު ނުކުރުން
-
ރީޓެއިލް ފިހާރަ، ހޮޓާ އަދި ކެފޭތަކަށް އިދާރީ ގޮތުން ބުރަ ނުވާނެ ގޮތަށް ވީހާ ވެސް ބޮޑަށް "ޔުނީފޯމް" ޓެކްސްއެއް ނެގުން
-
ކޮތަޅަށް ނަގާ ޓެކްސް ކުޑަކުރުން؛ މިސާލަކަށް ފުރަތަމަ އަހަރު 50 ލާރި، އެއަށް ފަހު ގައުމުގެ އިގްތިސާދީ ހާލަތަށް ބެލުމަށް ފަހު އަހަރަކު އެއް ފަހަރު އެ ޓެކްސްއަށް ބަދަލު ގެނައުން
-
މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކޮތަޅު ގަންނައިރު ނަގާ ފީ އާއި އެ ފަރާތްތަކުން ކޮތަޅު ވިއްކާއިރު ނަގާ ފީ އަޅާބަލައި އެ ފީ ކެނޑޭނެ ގޮތެއް ގާނޫނުން ކަނޑައެޅުން
-
އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމަށް ހޭލުންތެރިކުރުވުމާއި އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ތަކެތި ދެއްކުން
"އިޝޫއަކީ މީގައި އޯލްޓަނޭޓިވްސް ނެތުން. ފަސޭހައިން ހަމަ އެކު އެކީގައި އަޅުގަނޑުމެންނަށް ލިބެން، ޕްލާސްޓިކް ކޮތަޅު ދޫކޮށްލާފައި ދެން އަޅުގަނޑުމެން ދާނެ ކަރުދާސް ކޮތަޅު ނުވަތަ ބަޔޯޑީގްރޭޑަބަލް ކޮތަޅު ނުވަތަ ފޮތި ކޮތަޅު ފަސޭހައިން ލިބޭނެ ގޮތެއް އަޅުގަނޑުމެންނަށް ތަނަވަސްކޮށްދީ މިއަށް ވުރެ ރަނގަޅަށް ހޭލުންތެރިކުރެވުނު ނަމަ، މިއަށް ވުރެ މާ ސްމޫތުކޮށް މި ދަތުރު ކުރީސް،" ސަލީމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވި އެވެ.
ކޮމެންޓް (1)
ކަސްޓަމަރު