އުމަރާއި މުނައްވަރު: އެ ދެ ބޭފުޅުން ވެސް ގާސިމްގެ ދައުވަތު ގަބޫލެއް ނުކުރެއްވި.

ގާސިމް ފަހަތަށް އަރަން އުމަރާއި މުނަައްވަރު ވެސް ބޭނުމެއް ނުވޭ

ގާސިމްގެ ދައުވަތާ ގުޅިގެން އިތުރަށް މަޝްވަރާ ކުރުމަށް އެއްބަސްވީ އެމްއާރުއެމުން އެކަނި

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވި ދައުވަތު ގަބޫލުކުރައްވަން، އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ދެކޮޅު ހައްދަވައިފި އެވެ.

ވީ ކިހިނެއް؟ - ގާސިމް، މުނައްވަރާއި އުމަރު ހިމެނޭ ގޮތަށް ފަސް ފަރާތަކަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

ތަފްސީލު - އުމަރާއި މުނައްވަރު މިއަދު 'ދައުރު'އަށް ވިދާޅުވީ، ގާސިމްއާ އެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް ގާސިމްގެ ސިޓީއެއް އަދި ނުލިބޭ. ނަމަވެސް، އެއްވެސް މީހެއްގެ ފަހަތަށް އަރައި ކުޅޭ ގޮތަކަށް ނޫން އަޅުގަނޑު މި ހުރީ،" އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހެދުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.

"އިންތިހާބު ކާމިޔާބު ވިޔަސް ނުވިޔަސް، އެއްވެސް މީހެއްގެ ފަހަތަށް އަރާކަށް ނޫން މި ހުރީ. އިންތިހާބަށް ކުރިމަތިލީ ވެސް މިހާރުގެ ސިޔާސީ މީހުންގެ ކަންތައްތައް ބޮޑުވެގެން،" އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - އުމަރާއި މުނައްވަރު ގާސިމްގެ ދައުވަތަށް ނޫނެކޭ ވިދާޅުވި އިރު، މިހާތަނަށް އެ ދައުވަަތާ ގުޅިގެން މަޝްވަރާ ކުރުމަށް ނިންމީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން އެކަންޏެވެ. ޕީޕީއެމް އާއި އެމްއެންޕީން ވެސް ނިންމާފައިވަނީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ.

ކޮމެންޓް (1)

އަންނި

6 އޭޕްރީލު 2023
އަމިއްލަ ޚަޒާނާ އާއި ދައުލަތުގެ ޚަޒާނާ އޮޅިދާނެކަން ތި 2 ބޭފުޅުންނަށް ވަރަށް ރަގަޅައް އެގޭނެ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް