އެމްއާރުއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެ ޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން ރިޔާސަތު ބަލަހައްޓަވަނީ. (ފޮޓޯ/ އެމްއާރުއެމް)

އެމްއާރުއެމް

ގާސިމްގެ ދައުވަތާ ގުޅިގެން ޖޭޕީއާ މަޝްވަރާ ކުރަން އެމްއާރުއެމްއިން ނިންމައިފި

ގާސިމް އެމްއާރުއެމްއަށް ރަސްމީކޮށް ދައުވަތު ދެއްވުމުގެ ކުރިން، އޭނާ ވަނީ މައުމޫނާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާ ވެސް ބައްދަލުކުރައްވާފައި

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވި ދައުވަތާ ގުޅިގެން އެ ޕާޓީއާ އެކު މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް، މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް، އެމްއާރުއެމް ހިމެނޭ ގޮތަށް ފަސް ފަރާތަކަށް ރިޔާސީ އިންތިހާބުގައި އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ދައުވަތު ދެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

ތަފްސީލު - އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ މިއަދު 'ދައުރު'އަށް ވިދާޅުވީ، ގާސިމްގެ އެ ދައުވަތާ ގުޅިގެން ޖޭޕީއަށް މިހާރު ޖަވާބު ދީފައިވާ ކަމަށެވެ. އެމްއާރުއެމްއިން ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، ދެ ޕާޓީން އިތުރަށް މަޝްވަރާ ކުރުމަށެވެ.

"އެކަމަކު އިންތިހާބާ ގުޅިގެން އަދި ވަކި ގޮތެއް ނުނިމޭ،" ނާދިރާ ވިދާޅުވި އެވެ.

އެމްއާރުއެމްގެ ނައިބު ރައީސް ނާދިރާ. (ފައިލް ފޮޓޯ/ އަވަސް)

ނާދިރާ ވިދާޅުވީ، އިންތިހާބާ ގުޅޭ ގޮތުން އެމްއާރުއެމް ގޮތެއް ނިންމާނީ މަޝްވަރާތަކަށް ފަހު ޕާޓީގެ ހިންގާ ކޮމިޓީންނެވެ. ނަމަވެސް މި ނިންމުން ނިންމާނެ ދުވަހެއް އަދި ނޭނގެ އެވެ.

އެނގުން މުހިންމު - އެމްއާރުއެމްއާ އެކު ދެ ވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެ ޕާޓީއަށް ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތާ ގުޅުގެން އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން ވަނީ ރައީސް ސޯލިހާ އެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވަވާފަ އެވެ.

ގާސިމް އެމްއާރުއެމްއަށް ރަސްމީކޮށް ދައުވަތު ދެއްވުމުގެ ކުރިން، އޭނާ ވަނީ މައުމޫނާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު، ގާސިމްގެ ރަނިންމޭޓަކަށް ފާރިސް ވެދާނެ ކަމުގެ ފެހި ސިގްނަލެއް ވެސް ގާސިމް ދެއްވި އެވެ.

ގުޅުން ހުރި ކަމެއް - އެމްއާރުއެމްގެ އިތުރުން، ގާސިމް ދެން ދައުވަތު ދެއްވީ:

  • ޕީޕީއެމް-ޕީއެންސީ

  • އެމްއެންޕީ

  • ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

  • ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު

އެ ދައުވަތާ ގުޅިގެން ޕީޕީއެމް އާއި އެމްއެންޕީން ވަނީ އެއްވެސް ފަރާތެއްގެ ފަހަތަށް ނާރާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް (1)

ހަސަން

6 އޭޕްރީލު 2023
އިބޫ ބުނީ އޯކޭ އޭ! އެންމެ 100 އޭ އެއީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް