ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނާއި ގާސިމް ސަލާމްކުރައްވަނީ، 2013 ގައި ޕީޕީއެމުން ވެރިކަން ހޯދީ ޖޭޕީއާ އެކު ކޯލިޝަން ހަދައިގެން (ފޮޓޯ/މިހާރު)

ޕީޕީއެމް ހިމެނޭ ގޮތަށް ފަސް ފަރާތަކާ އެކު ކޯލިޝަން ހަދަން ގާސިމް ދައުވަތު ދެއްވައިފި

ކޯލިޝަނަށް ދެން ދައުވަތު ދިނީ، އެމްއާރުއެމް އާއި އެމްއެންޕީގެ އިތުރުން އުމަރު ނަސީރާއި ޑރ. މުނައްވަރަށް

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށްޓަކައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމް ހިމެނޭ ގޮތަށް ފަސް ފަރާތަކަށް ދައުވަތު ދޭން ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ޕްރައިމަރީއަށް ހުޅުވާލުމުގެ އެހެން މީހަކު ކުރިމަތިނުލުމުން ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމަށް ދޭން ކައުންސިލްގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފަ އެވެ. ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން މަޝްވަރާ ކުރުމުގެ ބާރު ވެސް ކައުންސިލުން ވަނީ މީގެ ކުރިން ދީފަ އެވެ.

ތަފްސީލު - ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް 'ދައުރު'އަށް ވިދާޅުވީ ކައުންސިލްގެ ނިންމުމާ އެގޮތަށް އެ ޕާޓީއާ އެކު ކޯލިޝަށް ހަދަން ފަސް ފަރާތަކަށް ދައުވަތު ދޭން ނިންމައި އެ ފަރާތްތަކަށް ސިޓީ ވެސް ފޮނުވާފައިވާ ކަމަށެވެ.

ދައުވަތު ދޭން ނިންމި ޕާޓީތަކުގެ ތެރޭގައި ދެން ހިމެނެނީ، ރިޔާސީ ރޭހަށް ނުކުންނަން ނިންމާފައިވާ ދަގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ރައީސްކަން ކުރައްވާ އެމްއެންޕީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމް އެވެ.

އަމިއްލަ މީހުންގެ ތެރެއިން ދެން ދައުވަތު ދެނީ:

  • ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

  • ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު

ޖޭޕީގެ މިއަދުގެ ކައުންސިލްގެ ބައްދަލުވުމުގެ ރިޔާސަތު ޖޭޕީގެ ލީޑަރު ގާސިމް ބަލަހައްޓަވަނީ. ފޮޓޯ | ޖޭޕީ

ގުޅުން ހުރި - ގާސިމް، ކޯލިޝަން ހަދަން ޕީޕީއެމްއަށް ދައުވަތު ދިން އިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ރަސްމީކޮށް ހަމަޖައްސައިފަ އެވެ. ނަމަވެސް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ޔާމީނަށް 2013ގައި ވެރިކަން ލިބިވަޑައިގެންނެވީ ގާސިމްގެ އެހީތެރިކާ އެކު ޖޭޕީއާ އެކު ހެދި ކޯލިޝަނެއްގެ ތެރެއިންނެވެ. އެކަމަކު އެ ސަރުކާރު މެދުތެރެއިން އެ ކޯލިޝަން ވަނީ ރޫޅިފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ފަސް ފަރާތަކަށް ގާސިމް ދައުވަތު ދެއްވިއިރު، ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ވަނީ ޖޭޕީއާ ގުޅިގެން މަސައްކަތް ފަށައިފަ އެވެ. އެގޮތުން ދެ ފަރާތުން މިހާރު އަންނީ މެނިފެސްޓޯއެއް އެކުލަވާލުމުގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

ކޮމެންޓް (2)

ހަދީމާ

4 އޭޕްރީލު 2023
މީނާ އަށް ހަމަވިސްނުން ދެއްވާ ދުވަހަކުވެސް ވެރިކަމަށް ނާދެވޭނެ ކަން އިހްސާސް ކުރެވޭނެ ނަމަ.
2 0

އިބިރަހިމާ

3 އޭޕްރީލު 2023
ދެން ނަޝީދު ކީކޭ ކިޔާނެބާ. ފާޓު ފުޅާވާނީ ކޮން ފަޅިއެއްބާ މިހާރު
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް