ރައީސްގެ މޮޓޯކޭޑް އިދިކޮޅުގެ މުޒާހަރާގެ ތެރޭގައި.

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި 2 މީހަކު ދޫކޮށްލައިފި

މި މައްސަލައިގައި ޖުމްލަ ފަސް މީހަކު ހައްޔަރުކުރި؛ މިހާރު ބަންދުގައި ތިބީ ތިން މީހުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ކޯޓުން އޭރު ދިނެވެެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުން، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން އަމުރު ކުރީ އެ މީހުން ދޫކޮށްލުމަށެވެ.

ތަފްސީލު - މި މައްސަލައިގައި ބަންދުން ދޫކޮށްލި ދެ މީހުންނަކީ:

  • އަހްމަދު ސިނާން، 36، އެސްޓަންވިލާ/ގއ. ދެއްވަދޫ

  • މަރިޔަމް މާޝާ 39، ސޭޑީކޯނާ/ށ. ބިލަތްފެހި

އެ ދެ މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރަނީ:

  • އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުން 

  • ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުން 

  • ގާނޫނު ހިންގުމަށް ހުރަސް އެޅުން

އެ ދެ މީހުން ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބުތަކުގެ ގޮތުގައި ކޯޓު އަމުރުގައި ބުނެފައިވަނީ:

  • ފުލުހުންގެ ފަރާތުން ހުށަހެޅި ސްނެޕްޝޮޓްތަކުން ހާދިސާ ހިނގި ގޮތަށް ބަލާއިރު، މި ކުށް ތަކުރާރުވުމުމުގެ ފުރުސަތު ކުޑަވުން

  • ޝަރުތުކޮށްފައި ދޫކުރަން ނިންމައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް އޮތް ނުކުރައްކާ ކުޑަކުރެވޭނެ

  • ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަލާއިރު އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ

އެހެންކަމުން، އެ ދެ މީހުން ވެސް ޝަރުތުތަކާ އެކު ދޫކޮށްލުމަށް، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހް އަމުރުކުރެއްވި އެވެ.

ގުޅުން ހުރި ކަމެއް - މި މައްސަލައިގައި ޖުމްލަ ފަސް މީހަކު ހައްޔަރުކުރި އެވެ. މިހާރު ބަންދުގައި ތިބީ ތިން މީހުންނެވެ.

މައްސަލައިގެ ފެށުން - އިދިކޮޅުން މާލޭގައި ކޮންމެ ރެއަކު ސިލްސިލާކޮށް ބާއްވާ މުޒާހަރާގެ ތެރެއިން މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ އޮފީސް ސަރަހައްދުން ރައީސް ސޯލިހާ އެކު އެ މަނިކުފާނުގެ މޮޓޯކޭޑް ދަތުރުކުރި ވަގުތު މުޒާހަރާގެ ބައިވެރިން ވަނީ އެ މޮޓޯކޭޑަށް ހުރަސް އަޅާފަ އެވެ. 

އެއީ ސެކިއުރިޓީ ފެއިލިއާއެއް ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީއަށާއި މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ގިނަ ފަރާތްތަކުން ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް