ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ފޮޓޯ/ މަޖިލިސް)

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުން: މެންބަރުންނަށް ފެނުނީ އިހުމާލު؛ މިއީ ހަވަރަށް ދިނުން ފަދަ ކަމެއް

މެންބަރުން ވަނީ ރައީސްގެ ސެކިއުރިޓީއާ ހަވާލުވެގެން ތިބި މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އަޅަން ފުރުސަތު ލިބި، 15 މިނެޓް ވަންދެން އެމަނިކުފާނު 'ހަވަރަށް' ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައި އެކަމުގައި ސިފައިންގެ އިހުމާލު ބޮޑުކަން މެންބަރުން މިއަދު ފާހަގަ ކުރައްވައިފި އެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި، އެކަން ހިނގި ގޮތް އިދާރާތަކުން ސާފު ކުރުމަށް މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުން ނިންމި އެވެ.

ވީ ކިހިނެއް؟ - އިދިކޮޅުން މާލޭގައި ކޮންމެ ރެއަކު ސިލްސިލާކޮށް ބާއްވާ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ އޮފީސް ސަރަހައްދުން ރައީސް ސޯލިހާ އެކު އެ މަނިކުފާނުގެ މޮޓޯކޭޑް ދަތުރުކުރި ވަގުތު މުޒާހަރާގެ ބައިވެރިން ވަނީ އެ މޮޓޯކޭޑަށް ހުރަސް އަޅާފަ އެވެ. 

ތަފްސީލް - މިއަދުގެ ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން މި މައްސަލަ އެ ކޮމިޓީއަށް ގެންނެވީ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ރައީސްގެ ސެކިއުރިޓީ ކަންކަމަކީ ޑިފެންސް މިނިސްޓްރީގެ ޒިންމާއަކަށްވެފައި، އެ މިނިސްޓްރީ ޖަވާބުދާރީކުުރުމަކީ އެ ކޮމިޓީގެ މަސްއޫލިއްޔަތެއް

  • މިކަން ހިނގާފައިވާ ގޮތާއި މިކަން ކަމާބެހޭ މުއައްސަސާތަކުން ތަހުގީގު ކުރަމުުންދާ ގޮތްވެސް ބަލަން ޖެހޭ

  • މި މައްސަލަ ބަލަމުންދާއިރު، ސެކިއުރިޓީ ފެއިލްވޭތޯވެސް ބަލަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އެ ކޮމިޓީގެ މުގައްރިރު އަސްލަމް ފޮޓޯ/ މަޖިލިސް)

އެއަށް ފަހު، މި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މަޝްވަރާ އޭނާ ހޯއްދެވި އެވެ.

ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް އެއީ ސިރީއަސްކޮށް، ވީހާވެސް އަވަހަކަށް ބަލަން ޖެހޭ މައްސަލައެއް ކަމަށް ބުނެ ވާހަކަ ދެއްކެވި އެވެ. 

"މި މައްސަލަކީ ވަރަށް ހައްސާސީ މައްސަލައެއް... މަގުމަތީ ހަރަކާތެއް ނުވަތަ ހަމަނުޖެހުން ހިނގަމުންދާ ތަނަކަށް ރައީސްގެ މޮޓޯކޭޑް ދުއްވާފައި އައިސް ވަނީ ކީއްވެގެންތޯ ބަލަން ޖެހޭ،" ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގައްސާން ވާހަކަ ދައްކަވަނީ ފޮޓޯ/ މަޖިލިސް)

އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، މިކަން ހިނގި ގޮތް ބަލައި، މޮޓޯކޭޑަށް ހުރަސް އެޅި މީހުންނަށާއި ރައީސަށް ސެކިއުރިޓީ ދިން މީހުންނަށްވެސް ފިޔަވަޅު އަަޅަން ޖެހޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވަނިކޮށް ކުރިމައްޗަށް އަރައި މޮޓޯކޭޑް ނުހުއްޓުވޭނެ. މަގު ފުރެންދެން މީހުން އޮވެއްޖިއްޔާ އެއީ އަދި އެހެން ސިނާރިއޯއެއް. އެހެންވީމާ ގަސްދުގައި ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވަފައި ނަމަ އެ ބައެއްގެ މައްސަލަ ވެސް ބެލެން ޖެހޭނެ. އަދި އެމްއެންޑީއެފުން ކީއްވެތޯ އައިސް އެ ސަރަހައްދަށް ވަނީ،" ގިނަ ދުވަސްތަކެއް ވަންދެން އެމްއެންޑީއެފްގައި ވަޒީފާ އަދާ ކުރެއްވި ގަފޫރު ވިދާޅުވި އެވެ.

ގަފޫރުގެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން ވިދާޅުވީ،  ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅަން ފުރުސަތު ލިބިގެން ނުވާނެ ކަމަށާއި އެ ފުރުސަތު ފަހިވި ގޮތަކާ އަދި ހިނގާދިޔަ ގޮތް ބެލުމަކީ ކޮމިޓީން ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު  އަލީ އާޒިމް ވިދާޅުވީ، މިކަން ހިނގި ގޮތް ކޮމިޓީން ނެރުމަށްފަހު ކޮންމެވެސް އެއް ފަރާތެއް ކުއްވެރިވާނެ ކަމަށެވެ. އަދި ކުއްވެރިވުމުން އެމީހަކާ ދޭތެރޭ ފިޔަަވަޅުވެސް އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހުނީމަ، އަޅުގަނޑުމެން ފަހަތު ފަޔަށް ބުރަވެ، ސިޔާސީ ވިސްނުމަކުން ކަންކަން ކުރާނަމަ، މިކަންކަން މުސްތަގުބަަލުގައިވެސް ރިޕީޓް ވާތަން ފެންނަނީ،" އަލީ އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން ފޮޓޯ/ މަޖިލިސް)

އާޒިމް ގޮވާލެއްވީ އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު ފިޔަވަޅު އެޅުމަށެވެ.

"ރައިސުލްޖުމްހޫރިއްޔާ ހަވަރަށް ދީފަ އެވަނީ 15 ވަރަކަށް މިނެޓަށް. މިއީ ވަރަށް ބިރުވެރިކަމެއް. 15 މިނެޓް ރައީސް ހަވަރަށް ދީފައި އެއޮތީ ކުރާނެ ކަމެއް ކުރަން ބަޔަކަށް،" އާޒިމް ވިދާޅުވި އެވެ.

 އިދިކޮޅުން ޕީޕީއެމް އޮފީސް ކުރިމަތީ ރޭ މުޒާހަރާ  ކުރީ އަލަކަށް ނޫންކަަން ފާހަގަކޮށް، އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝަމް ވިދާޅުވީ، ސިލްސިލާކޮށް ކޮންމެ ރެއަކު އެއް ގަޑިއެއްގައި މުޒާހަރާ ކުރާ ތަނަކަށް ރައީސް މޮޓޯކޭޑް ވެއްދުން "އެއީ މާ ސީރިއަސް މައްސަލައެއް" ކަމަށެވެ. އެހާލަތައް ދާން ޖެހުނީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމެއްގައި އުޝާމް ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މެންބަރުވެސް ވިދާޅުވީ، އޭބޭފުޅުން ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ހުކުމް ކުރި ދުވަހުން ފެށިގެން ކޮންމެ ރެއަކު މުޒާހަރާ ކުރަމުންދާ ކަމަށެވެ.

"ރޭގެ މި ހިނގި ހާދިސާއަކީ އެހާ ކުޑަ ކުޑަ ކުޑަ ހާދިސާއެއް ނޫން. އެއީ، ރައިސުލްޖުމްހޫރިއްޔާއަށް ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ މުއައްސަސާތައް ޝަމިލުވާ ކަމެއްގައި ރައީސް ވަޑައިގެންނެވިއިރު އެ މަގު ކްލިއާ ނުވެ އޮއްވާ ދަތުރު ކުރެވުނީ ކީއްވެގެންތޯ،" ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަންވެސް ކުރެއްވި ޝަރީފް ސުވާލު އުފެއްދެވި އެވެ.

އޭގެ އިތުރުން، ފުލުހުންނާއި ސިފައިން ރަނގަޅަށް ކޮމިއުނިކޭޓް ކުރިތޯ އާއި އިންޓެލިޖެންސްގެ ފެއިލްވުމެއްތޯވެސް އޭނާ ސުވާލު އުފެއްދެވި އެވެ. މައްސަލަ ބަލާއިރު، މި ސުވާލުތަކުގެ ޖަވާބު މުހިންމު ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމެއްގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މެންބަރުން ދެއްކި ވާހަކަތައް އަޑުއެއްސެވުމަށްފަހު، ކޮމިޓީގެ މުގައްރިރު ނިންމީ މިކަން ހިނގި ގޮތް ބަޔާން ކުރާ 'އިންސިޑެންޓް ރިޕޯޓް' ފުލުހުންނާއި ސިފައިންގެ މުއައްސަސާއިން ވީހާވެސް އަވަހަކަށް ހޯދުމަށެވެ. އަދި އެ ރިޕޯޓުތަކާއެކު މެންބަރުން ބޭނުންވާ މައުލޫމާތުވެސް ހޯދަން އެދޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެނގުން މުހިންމު - މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް އެ މުއައްސަސާއިން މިއަދު ވަނީ ބުނެފަ އެވެ. އަދި މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ކާނަލް

21 މާރިޗު 2023
މިއީ ވަރަށްވެސް ދެރަ ކަންކަން. ކޮންމެ ޕާޓީއެއްގެ ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުއްޓަސް ނުވާންޖެހޭ ކަންކަން.....މިކަންކުރި މީހުންވެސް ގޯސް. މިކަމަށް ފުރުސަތު ދިން އެމް. އެން. ޑީ. އެފް އާއި ޕޮލިސް ވެސް ގޯސް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް