ރައީސް ސޯލިހާއި މާރިޔާ: އެ މަނިކުފާނުގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި މާރިޔާ ވަކިކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި (ފޮޓޯ/ރައީސް އޮފީސް)

ރައީސްގެ ސެކިއުރިޓީ ފެއިލްވުން: މާރިޔާ ވަކިކުރަން ގޮވާލި މައްސަލަ ބޭރުކޮށްލައިފި

ކުއްލި މައްސަލަ ހުށަހެޅުއްވި ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ތެރެއަށް މޮޓޯކޭޑް ވަނުމަކީ ނޭނގި ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސެކިއުރީޓީ ރޭ ފެއިލްވި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަގާމުން ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - އިދިކޮޅުން މާލޭގައި ކޮންމެ ރެއަކު ސިލްސިލާކޮށް ބާއްވާ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ އޮފީސް ސަރަހައްދުން ރައީސް ސޯލިހާ އެކު އެ މަނިކުފާނުގެ މޮޓޯކޭޑް ދަތުރުކުރި ވަގުތު މުޒާހަރާގެ ބައިވެރިން ވަނީ އެ މޮޓޯކޭޑަށް ހުރަސް އަޅާފަ އެވެ. 

އެއީ، ރައީސްގެ ސެކިއުރިޓީގެ ފެއިލްވުމެއް ކަމަށް ބުނެ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

ތަފްސީލު -  ކުއްލި މައްސަލައިގައި ހުސައިން ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ޕާޓީ އޮފީސް ކުރިމަތީ އިހުތިޖާޖު ކުރަމުންދިޔަ ވަގުތެއްގައި ރައީސްގެ ކާރުކޮޅާ އެކު އެ މަނިކުފާނުގެ މޮޓޯކޭޑް އެ ފަދަ ސިޔާސީ ހަރަކާތެއް ހިންގަމުންދާ ތަނަކަށް ވަދެގެން ދިއުމަކީ ނޭނގި ކުރެވޭ ވަރުގެ ކަމެއް ކަމަށް ގަބޫލުނުުކުވޭ ކަމަށެވެ. މިކަން އޭނާ ސިފަކުރައްވާފައި ވަނީ، "ރޭވިގެން ހިންގާފައިވާ އަމަލެއް"ގެ ގޮތުގަ އެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވި ޕީޕީއެމްގެ ހުސައިން މުހައްމަދު ލަތީފް. (ފޮޓޯ/ މަޖިލިސް)

ރައީސްގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ޑިފެންސް މިނިސްޓްރީގެ ޒިންމާއެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިކަމުގެ ޒިންމާ މިނިސްޓަރު މާރިޔާ ނަންގަވަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަރާކޮށްލުމަށް 6 މެއި 2021ގައި ދިން ބޮމުގެ ހަމަލާގައި ވެސް އެ މަނިކުފާނުގެ ސެކިއުރިޓީ "ދޯދިޔާވެ، ނުބެހެލެއްޓިފައިވާ"ކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.

"ދައުލަތުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކުރަން ޖެހޭ ފަދަ ސީރިއަސް މައްސަލައަކަށް ވާތީ، މިހާރުން މިހާރަށް ވަކިކުރުމަށް" ގޮވާލައި ކުއްލި މައްސަލަ ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސްގެ މޮޓޯކޭޑް އިދިކޮޅު މުޒާހަރާގެ ތެރޭގައި

މާރިޔާ މަގާމުން ވަކިކުރުމަށް ފަހު، ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ ތަހުގީގުކުރުމަށް ވެސް ހުސައިން ގޮވާލެއްވި އެވެ.

މި މައްސަލަ ބޭރުކޮށްލާފައި ވަނީ، 17 މެންބަރުންގެ ވޯޓުންނެވެ. މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. އެއީ:

  • 1-

    ހުސައިން

  • 2-

    ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް (ޕީޕީއެމް)

  • 3-

    ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން (ޕީޕީއެމް)

  • 4-

    މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައިީދު (ޕީއެންސީ)

  • 5-

    މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް (ޕީއެންސީ)

  • 6-

    ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (އަމިއްލަ)

އެނގުން މުހިންމު - ރައިސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް (1)

ސެކިޔުރިޓީ ސަމާސާއެއްނޫން.

21 މާރިޗު 2023
ރައީސްއަކަށް ކޮންމެ ބޭފުޅަކު ހުންނެވިޔަސް އެފަދަކަމެއްކުރާ މީހުންނަށް އަދަބު ލިބެންޖެހޭނެ. ކުރެވޭނެކަންތަކަާ ނުކުރެވޭނެ ކަންތައްހުނަންހެން. ސެކިޔުރިޓީއަށް ހަތިޔާރު އެޅި މީހުން ތިބުމުގެ ބޭނުމެއްނެތް. ބަޔަކު އެއްވެ ރައީސް ގެ މޯޓޮކޭދު ހުއްޓުވިގެންނުވާނެ. އެފެންވަރަސްފުލހުންނާއި ސިފައިން ތިބެންވަޏި ތައްޔާރަށް. މަގުތމަތީ ބޮޑި ގަޑު ޓްރޭނިންގ ޖަހައިގެން ބަރުބާރަށް ދުވިޔަކަސްނުވާނެ. ހށި ފުއޕައިގެނ ްވަނަ ހޯދިޔަކަށް ނުވާޏެ. ކަމާކ ޖެހުނީމަ މިދަނީ ޗޮކުން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް