އެމްޑީއޭ އިން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ސިޔާމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ސިޔާމުގެ އެމްޑީއޭ އިން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފި

އެމްޑީޕީގެ މަންދޫބުންގެ އިތުރުން، އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ވެސް އިއްޔެ ވަނީ އެމްޑީއޭގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އިސްކޮށް ހުންނަވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން އެމްޑީއޭގެ ރައީސް ސިޔާމްް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި އެކަން އިއުލާނުކުރެއްވި ނަމަވެސް، އެމްޑީއޭ އިން މިދިޔަ ބުދަ ދުވަހު ނިންމީ އިންތިހާބުގައި ވާދަނުކޮށް އެހެން ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންް ކުރިއަށް ދިއުމަށެވެ.

އެމްޑީއޭ އިން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެއާ އެކު، ރައީސް ސޯލިހާއި އިދިކޮޅު ޕީޕީއެމް އިން ވެސް ވަނީ އެމްޑީއޭއަށް ކޯލިޝަނެއް ހެދުމަށް ދައުވަތު ދީފަ އެވެ. އެމްޑީޕީގެ މަންދޫބުންގެ އިތުރުން، އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ވެސް އިއްޔެ ވަނީ އެމްޑީއޭގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

ތަފްސީލް - އެ މަޝްވަރާތަކަށް ފަހު އެމްޑީއޭ އިން ވަނީ އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް މިއަދު ހަވީރު ބާއްވާފަ އެވެ. ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި އެ ބައްދަލުވުމުގައި:

  • ރައީސް ސޯލިހަށް ތާއީދުކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ސިޔާމް ކައުންސިލަށް ހުށަހެޅުއްވި

  • އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ ތާއީދާ އެކު

އެމްޑީއޭ އިން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެނގުން މުހިންމު - 10،488 މެމްބަރުން ތިބި އެމްޑީއޭ އަކީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ނުވިޔަސް، މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން އޭގެ ކުރިން ކޯލިޝަން ހަދައިގެން ތިބި ޕީޕީއެމްއާ އެކު މަސައްކަތްކޮށްފައެއް ނުވެ އެވެ. ޔާމީނާ އެކު 2013ގެ އިންތިހާބުގައި ކޯލިޝަން ހަދައިގެން ތިބުމަށް ފަހު އެމްޑީއޭ އިން 2018ގެ އިންތިހާބުގައި ވަކި ކޮޅަކަށް ފާޅުގައި އަރާފައެއް ނުވެ އެވެ.

ފަސް މަންޒަރު - ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދައިގެން ނުކުތުމަށް ރައީސް ސޯލިހް ވަނީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ވެސް ރަސްމީކޮށް ދައުވަތު ދެއްވާފަ އެވެ.

އެ ދައުވަތާ ގުޅިގެން މިހާތަނަށް އަދި ގޮތެއް ނިންމީ އަދާލަތު ޕާޓީންނެވެ. އެ ޕާޓީން ނިންމީ ރައީސް ސޯލިހާ އެކު ދެމިތިބުމަށެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ލީޑުކުރައްވާ، ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ގޮތެއް ނިންމާނީ މިއަދާއި މާދަމާ ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސަށް ފަހު ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް