ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕީޕީއެމްއާއި އެމްޑީއާ ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ޕީޕީއެމް)

އެމްޑީއޭއާ އެކު އޮތް މާޒީ ކާމިޔާބު، ކޯލިޝަން ހެދޭނެ ކަމުގެ އުންމީދު ބޮޑު: ޕީޕީއެމް

23 ފެބްރުއަރީ 2023

ދެހާސް ތޭރަ ވަނަ އަހަރު ޕީޕީއެމް އާއި އެމްޑީއޭ އާ އެކު ހެދި ކޯލިޝަން ވަރަށް ކާމިޔާބު ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ގުޅިގެން މަސައްކަތް ކުރުމަށް ދިން ދައުވަތު އެމްޑީއޭ އިން ގަބޫލުކޮށް ކޯލިޝަން ހެދޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟- ޖަލުގައި އޮންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އެދުމުގެ މަތިން، އެ ޕާޓީން އެމްޑީއޭއާ އެކު ކޯލިޝަން ހެދުމަށް ދައުވަތު ދީ، އެކަމުގެ މަޝްވަރާތައް ވަނީ މިއަދު ފަށައިފަ އެވެ. މިއަދު ހަވީރު ބޭއްވި އެ ބައްދަލުވުމުގައި:

  • ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ލީޑަޝިޕްގެ ބޭފުޅުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި ބޭފުޅުންނެވެ.

  • ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެން ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް ހުންނެވީ މެލޭޝިޔާގައި

  • އެމްޑީއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ނައިބު ލީޑަރުން ކަމަށްވާ އަލީ މައުރޫފާއި އާއިޝަތު ރަފިއްޔާގެ އިތުރުން ކައުންސިލްގެ ބައެއް މެމްބަރުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕީޕީއެމް އާއި އެމްޑީއާ ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ބުނީ ކީކޭ؟- ކޯލިޝަން ހެދުމާ ގުޅޭ ފުރަތަމަ މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ އަކީ "ވަކިނުވެވޭ ވަރުގެ ގާތް ދެ ޕާޓީ" ކަމަށެވެ. ދެހާސް ތޭރަ ވަނަ އަހަރު އެމްޑީއޭ އާއި ޕީޕީއެމް އިން ކޯލިޝަން ހަދައިގެން މަސައްކަތްކުރިކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، އެމްޑީއޭއަކީ ޕީޕީއެމްގެ ފަސް އަހަރުގެ ވެރިކަމުގައި "އެންމެ މުހިއްމު އެއް ބައިވެރިޔާ" ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދެ ޕާޓީން އެކުގައި މަސައްކަތް ކުރުމުގެ އުއްމީދު ބޮޑު ކަމަށެވެ.

"ރައީސް ޔާމީންގެ ޒައާމަތުގެ ވަރަށް ކާމިޔާބު ކޯލިޝަނެއްގެ ގޮތުގައި އޮތް ބައިވެރިއެއް އެމްޑީއޭއަކީ އެހެންވީމާ އަޅުގަނޑުމެން އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ، މާތް ﷲގެ ރަހުމަތާ އެކީގައި އަޅުގަނޑުމެން މި ކޯލިޝަން އިރާދަކުރެއްވިއްޔާ ހެދި، ހެދޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު، ވަރަށް ކާމިޔާބު ބައްދަލުވުމެއް،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އެ ދެ ޕާޓީގެ ކޯލިޝަން އެއްބަސްވުން "ރަނުން ރަނަށް" ތަންފީޒުކުރި ކަމަށާއި އެހެންކަމުން އެ ޕާޓީގެ އިތުބާރު ޕީޕީއެމަށް އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްޑީއޭގެ ނައިބު ރައީސް މައުރޫފް ވެސް ވިދާޅުވީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައި، އެ ސަރުކާރުގެ ފަސް އަހަރު ނިންމާލެވުނީ "ވަރަށް ފުރިހަމަކަމާ" އެކު ކަމަށެވެ. އޭގެ ފަހުން 2018ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމައި، ޕާޓީގެ ކަންކަން މަޑުޖައްސާލުމުން އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުނު ކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި އެހެން ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެން ކުރިއަށްދާން އެ ޕާޓީގެ ގައުމީ ކައުންސިލުން ނިންމީ އެހެންވެ ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެން ޕީޕީއެމް އާ މި ބައްދަލުކުރީ. އަޅުގަނޑުމެންނަށް ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިގެން މިދިޔައީ. ދެން އެ ބޭފުޅުންގެ ލީޑާޝިޕުން ވެސް އަޅުގަނޑުމެންނާ ހިއްސާކޮށް އަދި އަޅުގަނޑުމެން ވެސް، އަޅުގަނޑުމެންގެ ބޭނުންވާ ކަންތައްތައް ހިއްސާކޮށް ދެ ފަރާތުން ފުރަތަމަ ބައްދަލުވުމުގެ ގޮތުގައި ވެގެން މިދިޔައީ،" ކުރިއަށް އޮތް ތަނުގައި ވެސް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާނެކަން ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕީޕީއެމްއާއި އެމްޑީއާ ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ޕީޕީއެމް)

އެނގުން މުހިއްމު- ޔާމީންއާ އެކު ވަރަށް ގާތުން މީގެ ކުރިން މަސައްކަތް ކުރެއްވި ސިޔާމްގެ އެމްޑީއޭ އިން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ފެށިގެން ޕީޕީއެމްއާ އެކު ކޯލިޝަނެއްގައި މަސައްކަތް ކުރި އެވެ. އެ އިންތިހާބު ކާމިޔާބުވެ، ވެރިކަން ނިމުމާ ހަމައަށް ކޯލިޝަންގައި އޮތް ހަމައެކަނި ޕާޓީއަކަށް އޮތީ ވެސް އެމްޑީއޭ އެވެ. ނަމަވެސް، 2018ގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭ އިން ޕީޕިއެމްއާ އެކު ކޯލިޝަން ހަދާފައެއް ނުވެ އެވެ.   

ގުޅުންހުރި ކަމެއް- ޔާމީންގެ އިރުޝާދުގެ ދަށުން، ޕީޕީއެމްއިން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފެށުމަށް ނިންމި އިރު، އެ މަނިކުފާނުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު އިއްވި ޖަލު ހުކުމުގެ ކުރިން އެ މަނިކުފާނު ވަނީ އެކި ފޯރަމްތަކުގައި ކޯލިޝަން ހެދުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނަށް އިއްވާފައި އޮތް ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަކުރުމުގެ ހުރަސް އެޅިފައިވާ ޔާމީން އޭރު ވިދާޅުވެފައި ވަނީ، ކޯލިޝަން ހަދައިގެން ޕީޕީއެމްއަށް ލިބުނީ ހިތި ތަޖުރިބާއެއް ކަމަށާއި ދެން ކޯލިޝަން ހަދާ ނަމަ ހަދާނީ އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ.

ކޯލިޝަން ހެދުމާ ދެކޮޅަށް ޔާމީން ދެއްކެވި ވާހަކައާ ގުޅިގެން މިއަދު 'ދައުރު' އިން ސުވާލުކުރުމުން ޝުޖާއު ވިދާޅުވީ ޕީޕީއެމް އިން ގަބޫލުކުރަނީ ސިޔާމަކީ ރައްޖޭގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ގާބިލުކަން ހުރި ލީޑަރެއް ކަމަށެވެ. އަދި މީގެ ކުރިން މަޝްވަރާނުކޮށް މަޑުކުރީ، އިންތިހާބުގައި ވާދަކުރުމަށް ސިޔާމް ނިންމެވުމުން ކަމަށެވެ.  އަދި މިހާރު ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް ފަށަން ނިންމީ އޭނާ އިންތިހާބުގައި ވާދަނުކުރަން ނިންމެވުމުން ކަމަށެވެ. ޝުޖާއު ވިދާޅުވީ ޕީޕީއެމުން ގަބޫލުކުރަނީ އެމްޑީއޭއަކީ ސިޔާސީ ބުރަދަންހުރި ޕާޓީއެއް ކަމަށެވެ.

"އެހެންމަ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމްޑީއޭއަކީ ސިޔާސީ ބުރަދަންހުރި، އަދި އެމްޑީއޭގެ ލީޑަރަކީ ދިވެހި ރާއްޖޭގެ ވެރިކަންކުރުމުގެ ގާބިލުކަން ވެސް ހުރި ލީޑަރެއް. އެހެންނަމަވެސް އެމަނިކުފާނު ނިންމެވީ ގައުމީ މަސްލަހަތަށް ބައްލަވާފަ ވާދަނުކުރައްވަން. އެހިސާބުން އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ނިންމެވީ އެންމެ ފުރަތަމަ ވެސް އެމްޑީއޭ އާ ކޯލިޝަން ހެދުމުގެ މަޝްވަރާކުރަން." ޝުޖާއު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް