ރިޔާސީ ބަޔާން އިއްވަން މި މަހުގެ 6ގައި ބޭއްވި ޖަލްސާއަށް ރައީސް ސޯލިހް ވަޑައިގެންނެވުމުން ސިޔާމް އެ މަނިކުފާނާ ސަލާމްކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސިޔާމް އިންތިހާބުގައި ވާދަނުކޮށް ޕާޓީތަކާ އެކު ކޯލިޝަންގެ މަޝްވަރާތައް ކުރަން ނިންމައިފި

އެމްޑީއޭގެ ތާއީދަށް އެދިވަޑައިގެން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ޕާޓީއަށް ސިޓީއެއް ފޮނުއްވާފައި
22 ފެބްރުއަރީ 2023
1

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން އިއުލާނުކުރައްވާފައިވާ ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު އެ ނިންމެވުން އަނބުރާ ގެންނަވައިފި އެވެ. އެއާ އެކު، އޭނާގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނީ، އިންތިހާބަށް ނުކުންނަވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ވެސް ނިންމާފަ އެވެ.

ވީ ކިހިނެއް؟ - އެމްޑީއޭ އިން މިއަދު ވަނީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ވަނީ 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނިންމުންތަކެއް ނިންމާފަ އެވެ.

ތަފްސީލް - އެމްޑީއޭގެ ކައުންސިލުން ނިންމީ، އެ ޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވި ގޮތުގައި:

  • ސިޔާމް އިންތިހާބުގައި ވާދަނުކުރެއްވުމަށް

  • އިންތިހާބުގައި ވާދަކުރާ ޕާޓީއަކާ އެކު ކޯލިޝަނެއް ހެދުމަށް

  • ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެކި ޕާޓީތަކާ އެކު މަޝްވަރާކުރުމަށް ފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ކެންޑިޑޭޓަކަށް ތާއީދުކުރުމަށް

މައުރޫފް ވިދާޅުވި ގޮތުގައި އެމްޑީއޭގެ ތާއީދަށް އެދިވަޑައިގެން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ޕާޓީއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

"އެ ސިޓީ އާއި އަދި އެހެން ޕާޓީތަކާ އެކު ވެސް މަޝްވަރާކުރުމަށް ފަހު، ކޯލިޝަން ހަދާނެ ބައެއް ނިންމާނީ،" އަންނަ ހުކުރު ދުވަހު ކައުންސިލުގެ އިތުރު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވި އެވެ.

އެނގުން މުހިންމު - 10،488 މެމްބަރުން ތިބި އެމްޑީއޭ އަކީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ނުވިޔަސް، މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން އޭގެ ކުރިން ކޯލިޝަން ހަދައިގެން ތިބި ޕީޕީއެމްއާ އެކު މަސައްކަތްކޮށްފައެއް ނުވެ އެވެ. ޔާމީނާ އެކު 2013ގެ އިންތިހާބުގައި ކޯލިޝަން ހަދައިގެން ތިބުމަށް ފަހު އެމްޑީއޭ އިން2018ގެ އިންތިހާބުގައި ވަކި ކޮޅަކަށް ފާޅުގައި އަރާފައެއް ނުވެ އެވެ.

ފަސްމަންޒަރު - މިިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވާފައިވާ ރައީސް ސޯލިހަށް ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހުން ދީފައި ވާއިރު، ރައީސް އާއި އެ މަނިކުފާނުގެ ގާތް ބޭފުޅުން ގެންދަވަނީ އެކި ޕާޓީތަކާ މަޝްވަރާކުރައްވަމުންނެވެ. އެގޮތުން، އަދާލަތު ޕާޓީއާ އެކު ކުރި މަޝްވަރާތަކަށް ފަހު އެ ޕާޓީން ވަނީ ރައީސް ސޯލިހާ އެކު އޮތް ކޯލިޝަން ދެމެހެއްޓުމަށް މިއަދު ނިންމާފަ އެވެ.

ރައީސްގެ އަރިސް ބޭފުޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ވެސް ބައްދަލުކޮށްފައި ވާއިރު، ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު ޕާޓީން މީގެ ކުރިން ބުނެފައިވާ ގޮތުން، ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީން ގޮތެއް ނިންމާނީ މި ހަފްތާ ބަންދުގައި ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާގައި އިންތިހާބު ކުރާ އާ ކައުންސިލުންނެވެ.

ކޮމެންޓް (1)

ވޮޗްމޭން

22 ފެބްރުއަރީ 2023
ސިޔާމްގެ ރީތިކަމުން ވެސް ކޮލިޝަން ހަދަން ގިނަ ޕާޓީތަކުން ބޭނުންވާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް