ޒަޔާންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ތިން މީހުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި.

ޒަޔާންގެ މަރު

ޒަޔާންގެ މަރުގެ ޝަރީއަތް: ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިއްޖެ

މިހާތަނަށް ހުށަހަޅާފައި ނުވާ ލިޔުންތައް ހުށަހެޅުމަށް ފަހު، ދައުވާއަށް ޖަވާބުދާރީވާން ދިނީ ދެ ހަފްތާގެ މުއްދަތެއް

އައްޑޫ ފޭދޫގައި މިދިޔަ އަހަރުގެ ފަހުކޮޅު ދެ ގޭންގެއްގެ ދެމެދުގައި ހިންގި ސިލްސިލާ މަރާމާރީތަކަށް ފަހު، އަނިޔާވެރި ގޮތަކަށް މަރާލި މުހައްމަދު ޒަޔާން މަރުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ. ދައުލަތުން ވަނީ މި މައްސަލައިގައި ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފަ އެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރު ފަހު، އޮންލައިންކޮށް ބޭއްވި މި ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ، ދައުލަތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށާއި އެ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ވަކި އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

ތަފްސީލު - މިއަދުގެ އަޑުއެހުމުގައި އޮތީ، އިދާރީ ގޮތުން ކޭސް މެނޭޖްކުރުމަށް ކުރަން ޖެހޭ ތައްތާރީތައް ވުމަށް ދެ ފަރާތުން ވާހަކަދެއްކުމާއި ކަނޑައަޅަން ޖެހޭ މުއްދަތުތައް ކަނޑައެޅުމެވެ. އެގޮތުން:

  • ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި ވެސް 4،000 އެއްހާ ސަފުހާ ހިމެނޭ؛ އެހެންކަމުން، މައްސަލަ ދިރާސާކުރުމަށް ދެ ހަފްތާ ދޭނެ ކަމަށް ޝަފީއު ވިދާޅުވި

  • މި މައްސަލައިގައި ހިމެނޭ އިތުރު ބައެއް ލިޔެކިޔުންތައް ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދީފައިވޭ؛ އޭގެ ތެރޭގައި ކޯލުތަކުގެ ތަފްސީލާއި ޑީއެންއޭ އެނަލިސިސް ރިޕޯޓު ހިމެނޭ

  • އެ ލިޔުންތައް ހުށަހެޅުމަށް ދިން ތާރީހަކީ އަންނަ މަހުގެ 2ގެ ނިޔަލަށް

  • އޭގެ ހަފްތާއެއްހާ ދުވަސް ފަހުން، 20 މާޗުގައި އިދާރީ އަޑުއެހުމެއް ބާއްވާނެ؛ ބޭނުމަކީ ލިޔެކިޔުންތައް ހަމަކުރުމާއި ނުލިބިވާ ލިޔުންތައް ފުރިހަމަ ކުރުން

"އިދާރީ އަޑުއެހުމަށް ފަހު، އެއް ހަފްތާ ފަހުން [ބާއްވާ އަޑުއެހުމުގައި ހެކި ރައްކާތެރިކުރުމުގެ އަމުރާ މެދު ގޮތެއް ކަނޑައެޅުމަށާއި ދައުވާއަށް ޖަވާބުދާރީވުމުގެ ކަންކަން ކުރިއަށް ގެންދާނެ،" ގާޒީ ވިދާޅުވި އެވެ.

އައްޑޫގައި ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން، 21.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ދެ ކުޑަކުދިންނާއި ހަތް މީހަކަށެވެ. ކުޑަކުދިންގެ ބައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. ދައުވާ އުފުލި ހަތް މީހުންނަކީ:

  • 1-

    އަހްމަދު ޝުއާއު (24އ)، ދިރިމާގެ/ސ. ފޭދޫ 

  • 2-

    އަބްދުﷲ ޝިއާއު ރަޝީދު (22އ)، ދިރިމާގެ/ސ. ފޭދޫ 

  • 3-

    އައިލިޝް އަލީ (19އ)، ފުފޫމާގެ/ސ. ފޭދޫ 

  • 4-

    އަބްދުﷲ ނިޒާރު (28އ)، ކާމަރަގަގެ/ސ. ފޭދޫ 

  • 5-

    އަހްމަދު އަބްދުﷲ (25އ)، ކަރަންފޫގެ/ސ. ފޭދޫ 

  • 6-

    ޔައިޝް އަންވަރު (19އ)، ކަދުރުމާގެ/ސ. ހިތަދޫ

  • 7-

    އަހްމަދު ނަބީލް (34އ)، ސަންޝައިން/ސ. ފޭދޫ

ފާހަގަ ކޮށްލެވޭ ކަމެއް - މިއަދުގެ ޝަރީއަތުގެ މަޖިލީގުގައި އިތުރު ކަމެއް ފާހަގަކުރަން ފުރުސަތު ދިނުމުން ދިފާއީ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ، އޭނާގެ މުވައްކިލުންގެ ތެރޭގައި ހިމެނޭ ޔައިޝް އާއި ނަބީލް އަދިވެސް ކ. ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ބަހައްޓާފައިވާތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން ދިފާއީ ވަކީލު ހަމްޒާ (ކ).

ހަމްޒާ ވިދާޅުވީ، ކަސްޓޯޑިއަލް ޖަލުގައި އެ ދެ މީހުން ބަހައްޓާފައި ވަނީ ރިމާންޑް ޖަލަކަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ހިލާފަށް ކަމަށެވެ. އެހެންވެ، ދައުވާއަށް ޖަވާބުދާރީވުމަށް އެ މީހުންނާ ބައްދަލުކޮށް ހެދުމުގައި ވެސް ގޮންޖެހުންތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

ވީހާ ވެސް އަވަހަކަށް އެ މީހުން ރިމާންޑް ޖަލަކަށް ބަދަލުކުރުމަށް ހަމްޒާ އެދިވަޑައިގެންނެވި އެވެ.

ޒަޔާންގެ މަރާ ގުޅޭ ހާއްސަ ކަވަރޭޖު

އިތުރު އާޓިކަލް

އިތުރު އާޓިކަލް