ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ): ވައިގެ މަގުން ރާއްޖެ އައި މީހެއްގެ އަތުން ގިނަ އަދަދެއް ޑްރަގު ވަނީ އަތުލައިގެންފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
6.5 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގަނެ، ގެނައި މީހާ ފޮނުވާލައިފި
ވައިގެ މަގުން އިއްޔެ ރާއްޖެ އައި މީހެއްގެ ލަގެޖުން 6.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު، އެ ގެނައި މީހާ ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލައިފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ، ގަތަރުގެ ދޯހާ މަގުން ރާއްޖެ އައި ބްރެޒިލްގެ 23 އަހަރުގެ އަންހެނެއްގެ ލަގެޖުންނެވެ.
ތަފްސީލު - ކަސްޓަމްސްއިން ބުނީ، މަސްތުވާތަކެތި ފެނުނީ އެ ފަސިންޖަރުގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން ލަގެޖް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މި މައްސަލައިގައި އަތުލައިގަތް މީހާ ފޮނުވާލީ މި އަހަރު އަލަށް އަމަލުކުރަން ފެށި، ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
"ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާ އެކު، ރާއްޖެ އެތެރެވިޔަނުދީ، އިމިގްރޭޝަނުން ވަނީ [އެމީހާ] އަނބުރާ ފޮނުވާލާފަ،" ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.
އޭނާގެ ލަގެޖުން ހޯދާފައި ވަނީ 2.6 ކިލޯގެ ކޮކެއިން ކަމަށާއި މަގުމަތީ އަގުން ބަލާއިރު 6.5 މިލިއަން ރުފިޔާއަށް ވުރެ އޭގެ އަގު މަތިވާނެ ވެސް ކަސްޓަމްސް އިން ބުންޏެވެ.
ގުޅުން ހުރި - ކަސްޓަމްސްއިން އިއްޔެ މި މަސްތުވާތަކެތި އަތުލައިގަތް އިރު، ވައިގެ މަގުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ޑްރަގު ހުރި ދެ ފޮއްޓެއް، ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) އިން ގެއްލުނު މައްސަލައެއް މިދިޔަ މަހު ފެންމަތިވި އެވެ. ފުލުހުން އޭރު ބުނެފައި ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
އިތުރަށް ކިޔާލަން -