ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ): ރާއްޖެ އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ދެ ލަގެޖެއް ގެއްލުނު މައްސަލައެއް ދަނީ ބަލަމުން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ގިނަ އަދަދެއްގެ ޑްރަގް ހުރި 2 ފޮށި އެއާޕޯޓުން ގެއްލުނު މައްސަލައެއް ބަލަނީ
ވައިގެ މަގުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ދެ ފޮއްޓެއް، ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) އިން ގެއްލުނު މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާކަން 'ދައުރު'އަށް ކަށަވަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ފުރަތަމަ ލަގެޖް ގެއްލުނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އަދި އެ މައްސަލަ ބަލަމުން ދަނިކޮށް، އެހެން ފޮއްޓެއް އިއްޔެ ވަނީ ގެއްލިފަ އެވެ.
ތަފްސީލު - ފުލުހުންގެ މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، ކަސްޓަމްސް އިން އެ މީހުން ހައްޔަރުކޮށް، ފުލުހުންނާ ހަވާލުކުރިޔަސް، އެ ދެ ލަގެޖް ވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. މި ދެ މައްސަލަ ވެސް ފުލުހުން މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށް އެ މަސްދަރުން ބުންޏެވެ.
"ދެ ލަގެޖްގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ކަމަށް މައުލޫމާތު ލިބޭ،" އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި:
-
ފުރަތަމަ ފޮށީގައި، ފޮށީގެ ބަރުދަނާ އެކު ގާތްގަނޑަކަށް 30 ކިލޯ ހުރި؛ އޭގައި ހުރީ މަސްތުވާތަކެތި އެކަނި ކަމެއް އަދި ޔަގީނެއް ނުވޭ
-
ދެ ވަނަ ފޮށީގެ ބަރުދަނެއް ނޭނގޭ
-
އެ ތަކެތި އެތެރެކުރި ގައުމެއް ވެސް އަދި ސާފެއް ނުވޭ
ކަސްޓަމްސްގެ ބަސް - ޗީފް ކަސްޓަމްސް އޮފިސަރު އައިމިނަތު ލިއުޝާ މިއަދު 'ދައުރު'އަށް ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ.
"ނަމަވެސް އަދި މިހާތަނަށް ތިފަދަ މައުލޫމާތެއް ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.