1 ޖެނުއަރީ 2023: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރިސޯޓް މުވައްޒަފުން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
މަސްތުވާތަކެތި ގެއްލުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ނޫން ކަމަށް ބުނެފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރެއިން އަތުލައިގަތް 46 ކިލޯގެ މަސްތުވާތަކެތި ގެއްލުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ނޫން ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
މައްސަލައިގެ ފެށުން - ވައިގެ މަގުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ދެ ފޮއްޓެއް ވީއައިއޭ އިން ގެއްލުނު މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ. ފުލުހުންގެ މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، ކަސްޓަމްސް އިން އެ މީހުން ހައްޔަރުކޮށް، ފުލުހުންނާ ހަވާލުކުރިޔަސް، އެ ދެ ލަގެޖް ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރަސްމީކޮށް މިއަދު ބުނިގޮތުގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރި އިރު، އޭނާ ގެނައި ކަމަށް ބެލެވޭ 30 ކިލޯގެ ލަގެޖެއް ހަވާލުކޮށްފައެއް ނުވެ އެވެ.
ތަފްސީލް - ކަސްޓަމްސް އިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނީ، މިހާތަނަށް އަތުލައިގަތް އެއްވެސް މަސްތުވާއެއްޗެއް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ނުގެއްލޭ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އެ އިދާރާ އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ސަވައިލެންސް ނިޒާމުގެ ތެރެއިން ޝައްކު ކުރެވިގެން ބަލާ ފާސްކޮށް އަތުލައިގަންނަ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމަށް ފަހު އެ ތަކެއްޗާއި އޭގައި ޝާމިލުވާ ފަސިންޖަރު ހަވާލުކުރަނީ ފުލުހުންނާކަން ކަސްޓަމްސް އިން ފާހަގަކުރި އެވެ. އެ ތަނުން އިތުރަށް ބުނީ އެ އިދާރާ އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ބަލާ ފާސްކުރާ ކޮންމެ ފަހަރަކީ މަސްތުވާތަކެތި ނުވަތަ ގާނޫނާ ގަވައިދާ ހިލާފު އެއްޗެހި ފެންނަ ފަހަރުތައް ނޫން ކަމަށެވެ.
ނަމަވެސް، ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ބަލާ ފާސްކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ވަރުބަލިކަމެއް ނެތި ކަސްޓަމްސް އޮފިސަރުން ކުރަމުންދާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
އެނގުން މުހިއްމު - މި މަހުގެ 8 ގައި ފޮއްޓެއް ގެއްލުނު މައްސަލައިގެ މައުލޫމާތު ރަސްމީކޮށް ހާމަކުރަމުން ފުލުހުން މިއަދު ބުނިގޮތުގައި:
-
ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތެކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ
-
ކަސްޓަމްސްއިން އެ މީހާ ފުލުހުންނާ ހަވާލުކުރި ނަމަވެސް، ލަގެޖް ހަވާލުކޮށްފައެއް ނުވޭ
-
ހެކި ނެތުމުން އެ މީހާ މިހާރު ވަނީ ދޫކޮށްލާފައި
"އޭނާ ރާއްޖެ އައި އިރު، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި އެ ލަގެޖް ގެންދިޔަ މީހަކު ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.
"މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖްތަކުން އެ ލަގެޖް އަދި ދެނެގަނެވިފައެއް ނުވޭ."
ރާއްޖޭގެ މައި އެއާޕޯޓުގެ ބައެއް މުހިންމު ތަންތަނުގައި ކެމެރާ ނެތްކަން ފާހަގަވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކަސްޓަމްސްގެ ބަޔާނުގައި ބުނީ، ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް ގާނޫނީގޮތުން އެ އިދާރާއާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ބަޔަކު ކުރާ މަސައްކަތް ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ދެމިތިބޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކޮމެންޓް (2)
ޔޯމަމް
ސިކުނޑި